ކޮވިޑް ޖެހިގެން ފަލަސްތީނުގެ އުރައިގާތު އަވަހާރަވެއްޖެ
ކޮވިޑް ޖެހިގެން ފަލަސްތީނުގެ އުރައިގާތު އަވަހާރަވެއްޖެ

ގުދުސް (ނޮވެމްބަރު 10) - ސުލްހައިގެ މަޝްވަރާތަކުގައި ފަލަސްތީނުގެ ފަރާތުން އެންމެ ވަރުގަދަ އަށް ވަކާލާތު ކުރައްވައި ސާއިބް އުރައިގާތު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު އަވަހާރަވެއްޖެ އެވެ.

ޕީއެލްއޯގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ އުރައިގާތު އުމުރުން 65 ގައި އަވަހާރަވީ ގުދުސްގައި ހުންނަ އިޒްރޭލުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ. ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އަދި މިހާރުގެ ރައީސް މަހްމޫދު އައްބާސްގެ ސީނިއާ އެޑްވައިޒަރުކަން ކުރައްވާފައިވާ އުރައިގާތަށް ކޮވިޑް ޖެހިގެން ފަރުވާ ދޭން ފަށާފައި ވަނީ މިދިޔަ މަހުގެ 18 ގަ އެވެ.

އުރައިގާތު ވަނީ 1991 ވަނަ އަހަރުން ފެށިގެން ފަލަސްތީނާއި އިޒްރޭލާ ދެމެދު ބޭއްވި ހުރިހާ މަޝްވަރާތަކެެއްގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އުރައިގާތަކީ ފަލަސްތީން މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް އެންމެ ވަރުގަދަ އަށް ވަކާލާތު ކުރެއްވި އެއް ބޭފުޅާ އެވެ.

ގުދުސްގެ ހަދައްސާހު އެއިން ކެރެމް ހޮސްޕިޓަލުގައި އުރައިގާތަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގަ އެވެ. އިޒްރޭލުގެ ޑޮކްޓަރުން އޭނާ އަށް ފަރުވާދޭތީ ވެސް ބައެއް މީހުން ވަނީ ހޮސްޕިޓަލުގެ ބޭރަށް އެއްވެ ނުރުހުން ފާޅުކޮށްފަ އެވެ.

އުރައިގާތު ވަނީ 2017 ވަނަ އަހަރު ފުއްޕާމޭ ބަދަލުކޮށްފަ އެވެ. އެ އޮޕަރޭޝަންކޮށްފައި ވަނީ އެމެރިކާގަ އެވެ.