11 ނޮވެމްބަރ 2020 - 09:14

ޓިއުރިން (ނޮވެމްބަރު 11) - ޔުވެންޓަސް އިން އެ ކްލަބްގެ މާލީ ހާލަތު ރަނގަޅުކުރަން އަންނަ ސީޒަނުން ފެށިގެން ގެންނަ ބަދަލުތަކުގެ ތެރެއިން އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދޫކޮށްލަފާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރެއާލް މެޑްރިޑުން، 100 މިލިއަން ޔޫރޯގެ އަގެއްގައި 2018 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ރޮނާލްޑޯ އެ ޓީމާ އެކު ހެދި ހަތަރު އަހަރުގެ ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރު ޖޫންގަ އެވެ. ޔުވެންޓަސް އިން މީގެ ކުރިން ބުނަމުން އައީ އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ރޮނާލްޑޯ ފުރިހަމަކުރާނެ ކަމަށެވެ. އެކަމަކު ކޮވިޑް-19ގެ ސަަބަބުން ކްލަބްގެ އާމްދަނީ އަށް އަންނަ ބަދަލުތަކަށް ބަލައި އަންނަ ސީޒަނަށް ޓީމުގެ ހަރަދުތައް މެނޭޖްކުރަން ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން ބޮޑު މުސާރަ ދޭ ބައެއް ކުޅުންތެރިން ދޫކޮށްލަން އަންނަނީ މަޝްވަރާކުރަމުންނެވެ. އެގޮތުން އެންމެ ބޮޑު މުސާރައެއް ދޭ ރޮނާލްޑޯ ވިއްކާލުމަކީ އެއް ވިސްނުމެވެ.
އުމުރުން 35 އަހަރުގެ ރޮނާލްޑޯ މި ވަގުތު ޔުވެންޓަސްގައި ހުރީ އަހަރަކު ގާތްގަނޑަކަށް 33 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. ރޮނާލްޑޯ ވިއްކާލުމުގެ ވިސްނުމާ އެ ކްލަބްގެ ބޯޑު މެމްބަރުންގެ ވިސްނުން އޮތީ ދެ ބައި ވެފަ އެވެ. މެޖޯރިޓީ ބޭނުންވަނީ ރޮނާލްޑޯގެ ކޮންޓްރެކްޓް މުއްދަތު ފުރިހަމަކުރާށެވެ. އެހެން ނަމަވެސް ދަރަނިވެރިވެގެން އެކަން ކުރުމަކީ ދުރު ވިސްނުމަކަށް ބަލާއިރު އެންމެ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް އެ ކްލަބުން ދެކެ އެވެ. އެހެންވެ ރޮނާލްޑޯ ދޫކޮށްލުމުގެ ކޮންމެވެސް ފުރުސަތެއް އެބައޮތް ކަމަށް ފްރާންސްގެ މީޑިއާ ތަކުން ރިޕޯޓްކުރެ އެވެ.
ޔުވެންޓަސް އިން ރޮނާލްޑޯ ގެނައި އެންމެ ބޮޑު ސަަބަބަކީ 1996 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ހޯދަން ކުރާ މަސައްކަތް ކާމިޔާބު ކުރާށެވެ. ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑާ އެކު އެއް ފަހަރު އަދި ރެއާލް މެޑްރިޑާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖަހައި އެ މުބާރާތުގެ ގިނަ ރެކޯޑްތަކެއް އޮތް ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުނު ފަހުން އެ ޓީމު ކުޅުނު ދެ ފަހަރު ވެސް ސެމީ ފައިނަލުގެ ކުރިން ވަނީ ކަޓައިފަ އެވެ.
ކޮވިޑް-19 ޖެހިގެން ކުޅުމާ ދުރު 19 ދުވަސްވަންދެން ހުރުމަށް ފަހު އެނބުރި އައިސް ކުޅުނު ޔުވެންޓަސްގެ ދެ މެޗުގައި ވެސް ރޮނާލްޑޯ ވަނީ ގޯލު ޖަހައިފަ އެވެ. އެކަމަކު އެންމެ ފަހުން ލާޒިއޯ އާއި ޔުވެންޓަސް ކުޅުނު މެޗުގައި ރޮނާލްޑޯގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ހެދި އޭނާ ވަނީ ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ.