10 ނޮވެމްބަރ 2020 - 15:04

ކޮވިޑް-19 ފެތުރުމުން ޕާކުތަކާއި މައިޒާންތައް ބަންދުކުރުމަށް ފަހު ހުޅުވާއިރު އެ ތަންތަނަށް ވަދެވޭނީ ކޮވިޑް-19ގެ އަލާމާތްތައް ނުހުންނަ މީހުންނަށް ކަމަށާއި ޕާކުތަކަށް އެއްފަހަރާ ވަދެވޭ މީހުންގެ އަދަދު ވެސް ކަނޑައަޅާފައި އޮންނަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ޕާކުތައް ބަންދުކުރިތާ ހައެއްކަ މަސް ފަހުން މިހާރު ވަނީ އެ ތަންތަން ހުޅުވުމުގެ ހުއްދަ ދީފަ އެވެ.
އެޗްޕީއޭ އިން އާންމުކުރި އުސޫލުގައިވާގޮތުން ޕާކުތަކާއި މައިޒާންތައް ހުޅުވާއިރު އެތަންތަނުގައި، ކޮވިޑް-19އާ ގުޅިގެން އަމަލުކުރަން ޖެހޭ އާންމު އުސޫލުގެ އިރުޝާދުތައް ލިޔެ ހަރުކޮށްފައި ހުންނަން ޖެހެ އެވެ. އެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި މާސްކު އެޅުމާއި ކުޅު ނުޖެހުމުގެ އިތުރުން ސާފުތާހިރުކަމާއި ގައިދުރުކަން ބެހެއްޓުމުގެ އިރުޝާދުތައް، ވަންނަ ދޮރު ކައިރީގަ އާއި ތަނުގެ އެތެރޭގައި ވެސް ފެންނާނެހެން ބަހައްޓަންޖެހެ އެވެ.
މީގެ އިތުރުން، އެކަކު އަނެކަކު ތިން ފޫޓު ދުރުމިނުގައި ތިބެވޭނެހެން ވަދެ ނިކުމެ އުޅެވޭނެ އިންތިޒާމު ހަމަޖައްސައި ކޮވިޑް-19ގެ އަލާމާތްތަކަށް ޗެކުކޮށް އެއްވެސް އަލާމާތެއް ހުރި މީހަކަށް ނުވަދެވޭ ގޮތް ހަދަންޖެހެ އެވެ. އަދި ވަންނަ މީހުންގެ އަދަދު ރެކޯޑްކޮށް ބެލެހެއްޓޭނެ އިންތިޒާމުތައް ވެސް ހުންނަން ޖެހޭ ކަމަށް އުސޫލުގައި ވެއެވެ.
ކޮވިޑް-19ގެ މިހާރުގެ ހާލަތަށް ބަލައި މިވަގުތު އެޗްޕީއޭއިން ހުއްދަ ދީފައި ވަނީ އެއްފަހަރާ ގިނަވެގެން 30 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށް އެއްވެ އުޅެން ކަމަށްވާއިރު އެއަށް ވުރެ ގިނަ މީހުން އެއްވެ އުޅޭތޯ ބަލައި މޮނިޓާކުރުމަށް ވެސް އަންގާފައިވެ އެވެ.
އެޗްޕީއޭ އިން ބުނީ ޕާކުތަކާއި މައިޒާންތައް ހުޅުވާއިރު އެ ތަންތަނުގެ ސާފުތާހިރުކަން ވެސް ވަކި މިންގަނޑެއްގައި ހިފަހައްޓަން ޖެހޭ ކަމަށެވެ. އެގޮތުން މަދުވެގެން ދުވާލަކު އެއް ފަހަރު މުޅިތަން ސާފުކުރުމާއި އާންމުކޮށް މީހުންނާއި ކުޑަކުދިން އަތްލާ ތަންތަން ޕާކު ހުޅުވާފައި ހުންނަ ވަގުތު މަދުވެގެން ދެ ފަހަރު ސާފުކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
އެޗްޕީއޭއިން ބުނީ ދަގަނޑުން ހުންނަ އެއްޗެހި ބްލީޗް ފަދަ ތަކެތި ބޭނުންކޮށްގެން ސާފުކުރާ ނަމަ ދަބަރު ޖަހައި ހަލާކުވާނެ ކަމަށާއި އެހެންވީމާ އެތަންތން ސާފުކުރާނީ 70 ޕަސެންޓު އަލްކޮހޯލް ހިމެނޭ ސައިބޯނި ފެންފޮތިން ކަމަށެވެ. މީގެ އިތުރަށް ހޮޑު ކުޅު ފަދަ އެއްޗެއް ހުރެއްޖެ ނަމަ އަންގި ލައްވައިގެން ވަގުތުން ސާފުކުރަން ވަނީ ކަނޑައަޅައިފަ އެވެ.
އެޗްޕީއޭ އިން ބުނީ ކޮންމެ ޕާކަކާއި މައިޒާނެއްގައި ވެސް އެތަނެއްގައި އުފެދޭ ކުނި އަޅަން ބޭނުންވާ ވަރަށް މަތިޖެހި ޑަސްބިން ބަހައްޓަން ޖެހޭނެ ކަމަށެވެ. ޑަސްބިން ބަހައްޓާއިރު މާސްކާއި އަންގި ފަދަތަކެތި އަޅަން ވަކި ޑަސްބިނެއް، އެކަން އެނގޭ ގޮތަށް ލޭބަލްކޮށްފައި ބަހައްޓަން ޖެހޭނެ އެވެ. އަދި އެ ކުނިތައް ކޮންމެ ދުވަހަކު ވެސް ނައްތާލެވޭނެ އިންތިޒާމު ހުންނަންޖެހެ އެވެ.
ޕާކުތަކާއި މައިޒާންތަކަށް ދާ އާންމުން ރައްކާތެރިވާން ޖެހޭ ކަންކަން ވެސް އެޗްޕީއޭގެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެތަންތަނަށް ނުދިއުމާއި ޕާކުތަކަށް ގޮސް ގައިދުރުކަން ބެހެއްޓުމާއި، ތަންތަނުގައި އަތްލުން މަދުކޮށް މާސްކު އެޅުމުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރަން ވެސް އިލްތިމާސްކޮށްފަ އެވެ.