10 ނޮވެމްބަރ 2020 - 13:36

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނަންގަވާފައިވާ ކަމަށް ބުނާ ހަ މިލިއަން ރުފިޔާގެ ލޯނަކުން ނުދައްކާވާ ހުރި ފައިސާ ހޯދަން ޖާބިރު މިއަދު ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.
މި މައްސަލަ ކޯޓުގައި ރަޖިސްޓްރީވި ކަމެއް އަދި ނޭނގެ އެވެ.
ހުށަހެޅި މައްސަލައިގައި އެދިފައިވަނީ ޖާބިރުގެ އަތުން ގާސިމް ނަންގަވާފައިވާ އެއް މިލިއަން ޑޮލަރުގެ ތެރެއިން 65،000 ޑޮލަރު ނުދީ ހިފަހައްޓާފައިވާތީ، އެ ޑޮލަރުގެ ނިސްބަތުން ލިބެންޖެހޭ އެއް މިލިއަން ރުފިޔާ އާއި އިތުރު ފަސް މިލިއަން ރުފިޔާއާއެކު ޖުމްލަ ހަ މިލިއަން ރުފިޔާ ހޯދުމަށެވެ. ހުށަހެޅި ދައުވާގައި ބުނެފައިވަނީ ފަސް މިލިއަން ރުފިޔާ ނެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެދުވެރިކޮށް ކަމަށެވެ.
ފަސް މިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް އެއްވެސް ފައިސާއެއް އަނބުރާ ލިބިފައިނުވާ ކަމަށް ދައުވާގައިވެ އެވެ.
ޖާބިރު ވަނީ، އެ ފައިސާ އެކީ އޭނާއަށް ލިބެންޖެހޭ އެއްޗެހި ކަމަށް ކަނޑައަޅައި ހަ މިލިއަން ރުފިޔާ އެކީ އެއްފަހަރާ ނަގައިދީ ވީހާ ވެސް އަވަހަކަށް މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފަ އެވެ.
އަނބުރާ ދައްކަވާ ގޮތަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ހޯދުމަށް ވެސް ޖާބިރު ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ފައިސާ ނެންގެވިކަމަށް ކުރާ ތުހުމަތު މައުމޫން ވަނީ ދޮގުކުރައްވައިފަ އެވެ.