ޓީވީ ޗެނަލެއް ގޮތަށް ނެޓްފްލިކްސް ފްރާންސަށް
ޓީވީ ޗެނަލެއް ގޮތަށް ނެޓްފްލިކްސް ފްރާންސަށް

މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސް ޓީވީ ޗެނެލެއްގެ ގޮތުގައި ފްރާންސްގައި ޓެސްޓްކުރަން ފަށައި، އަންނަ މަހުގެ ތެރޭގައި ހިދުމަތް ފުޅާކުރަން ނިންމައިފި އެވެ.

ޓީވީ ޗެނަލެއް ގޮތަށް ނެޓްފްލިކްސް ފްރާންސަށް
ޓީވީ ޗެނަލެއް ގޮތަށް ނެޓްފްލިކްސް ފްރާންސަށް

ވެރައިޓީން ބުނީ 24 ގަޑިއިރު ލިބޭ ޓީވީ ޗެނެލެއްގެ ގޮތުގައި "ޑައިރެކްޓް" ގެ ނަމުގައި ނެޓްފްލިކްސް ޓެސްޓްކުރަން ފެށީ މި މަހުގެ 5 ގައި ކަމަށެވެ. ހިދުމަތް ދޭނީ ފްރާންސްގައި މުއާލަސަލާތީ ހިދުމަތްތައް ދޭ ކުންފުނިތައް ކަމަށްވާ އޮރެންޖާއި ކެނަލް ޕްލަސްގެ އިތުރުން އެސްއެފްއާރްގެ ނެޓްވޯކްތައް މެދުވެރިކޮށެވެ.

އެކަމަކު ޓީވީ ޗެނެލެއްގެ ގޮތުގައި ފްރާންސްގައި ނެޓްފްލިކްސް ލިބޭނީ ވެސް އެ ހިދުމަތަށް ސަބްސްކްރައިބްކޮށްފައިވާ ކަސްޓަމަރުންނަށެވެ. މިގޮތަށް ހިދުމަތް ދިނުމުން ޓީވީ ޗެނެލްތަކުން ޕްރޮގްރާމްތައް އަންނަ ގޮތަށް ނެޓްފްލިކްސްގެ ކޮންޓެންޓްތައް ޝެޑިއުލްކޮށްފައިވާ ޕްރޮގްރާމްތައް ގޮތަށް ކަސްޓަމަރުންނަށް ބެލޭނެ އެވެ. އޭގެ ތެރޭގައި ފިލްމުތަކާއި ސީރީޒްތައް ހިމެނެ އެވެ. ނެޓްފްލިކްސް އަކީ ކޮންޓެންޓް އެންމެ މުއްސަނދި އަދި އެންމެ ގިނަ ބަޔަކު ބޭނުން ވެސް ކުރާ ސްޓްރީމިން ޕްލެޓްފޯމެވެ.

މިއީ ނެޓްފްލިކްސް 1997 ގައި ވުޖޫދަށް އައި ފަހުން މިފަދަ ގޮތަކަށް ހިދުމަތް ދޭ ފުރަތަމަ ފަހަރެވެ. ފްރާންސަށް ނެޓްފްލިކްސް ޓީވީ ޗެނެލެއްގެ ގޮތުގައި ދިން ނަމަވެސް އިތުރު އެއްވެސް މާކެޓަކަށް މި ހިދުމަތް ދޭން ނިންމައިފައެއް ނުވެ އެވެ.

މި ނިންމުމާ ބެހޭ ގޮތުން ނެޓްފްލިކްސް އިން ނެރުނު ބަޔާނެއްގައި ބުނީ ސްޓްރީމިން ޕްލެޓްފޯމްތަކުގެ ފޯރިގަދަވި ނަމަވެސް، ފްރާންސްގެ ރައްޔިތުންނަކީ އަދިވެސް ކުރިއެކޭ އެއްގޮތަށް ޓީވީ ޗެނެލްތައް ބަލަން ގަޔާވާ ބައެއް ކަމަށެވެ. އެހެންވެ މާކެޓް ގެއްލިޔަ ނުދިނުމަށްޓަކައި އެތަނުގެ ރައްޔިތުން ބޭނުންވާ ކަހަލަ ގޮތަކަށް ހިދުމަތް ބައްޓަންކުރަން ނިންމީ ކަމަށް ބުންޏެވެ.

"ޝަފްލްކޮށްގެން [ހާވާލައިގެން] ކޮންޓެންޓް ބެލުމަކީ ފްރާންސްގެ މީހުން އެހާ ގަޔާވާ ކަމަކަށް ނުވޭ. އެހެންވީމަ މިކޮށްދޭ ކަމަކީ ޝެޑިއުލްކޮށް، ޕްރޮގްރާމްތައް ޓީވީ ޗެނެލެއްގެ ގޮތުގައި ގެނެސްދިނުން،" ނެޓްފްލިކްސް އިން ބުންޏެވެ.

ނެޓްފްލިކްސް އިން ބުނިގޮތުގައި އަންނަ މަހުގެ ކުރީކޮޅު "ޑައިރެކްޓް" މުޅި ފްރާންސަށް ފުޅާވެގެން ދާނެ ކަމަށެވެ. ނެޓްފްލިކްސް އަކީ ފްރާންސްގެ ގިނަ ކޮންޓެންޓްތައް ވެސް ހިމެނޭ ޕްލެޓްފޯމެކެވެ. ފްރާންސްގައި ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންގެ އަދަދު އުޅެނީ 9 މިލިއަންގަ އެވެ. އެއީ ޔޫރަޕްގެ އެހެން މާކެޓްތަކަށް ބަލާ އިރު ނިސްބަތުން މާ ބޮޑު އަދަދެއް ނޫނެވެ.

މުޅި ދުނިޔޭގައި ފީ ދައްކައިގެން ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު 193 މިލިއަނަށް އަރަ އެވެ. ނެޓްފްލިކްސްގެ ބައެއް ކޮންޓެންޓްތައް ސަބްސްކްރިޕްޝަނަކާ ނުލައި ހިލޭ ވެސް ބަލައިލެވެ އެވެ.