އިންތިޚާބާ ގުޅޭ ގާނޫނީ މައްސަލަތައް އަދި ކިރިޔާ ފެށުނީ: ޓްރަމްޕް ކޭމްޕް
އިންތިޚާބާ ގުޅޭ ގާނޫނީ މައްސަލަތައް އަދި ކިރިޔާ ފެށުނީ: ޓްރަމްޕް ކޭމްޕް

ވޮޝިންޓަން (ނޮވެމްބަރު 10) - ނިމިގެން ދިޔަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލައި މަކަރު ހެދުން ފަދަ ކަމެއް ހިންގާފައިވޭތޯ ބެލުމަށް ސްޓޭޓް ޕްރޮސެކިއުޓަރުން ތަހުގީގު ފެށުމަށް ޖަސްޓިސް ޑިޕާޓްމަންޓިން ހުއްދަ ދީފި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕުގެ ތަރުޖަމާން ވިދާޅުވީ އިންތިޚާބާ ގުޅޭ މައްސަލަތަކުގެ ގާނޫނީ މަރުހަލާތައް އަދި ފެށުނީ ކަމަށެވެ.

"މި އިންތިޚާބެއް އަދި ނުނިމޭ. ސައްހަ ގޮތުގައި ވޯޓު ގުނުމުގެ ޕްރޮސެސް އަދި ފެށުނީ،" ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭލޭ މެކްއެނަނީ ވިދާޅުވި އެވެ.

އިންތިޚާބުގައި އޮޅުވާލުންތައް ހުރި ކަމަށް އޭނާ ވެސް ތުހުމަތުކުރެއްވި އެވެ. މެކްއެނަނީ ވިދާޅުވީ ޕެންސިލްވޭނިއާގެ ފިލެޑެލްފިއާގައި ވޯޓު ގުނުން މޮނިޓާ ކުރުމަށް ރިޕަބްލިކަން ޕާޓީގެ އޮބްޒާވަރުންނަށް އެކަށީގެންވާ ފުރުސަތު ދީފައި ނުވާ ކަމަށެވެ. ނަމަވެސް ނަތީޖާއަށް އަސަރު ކުރާވަރުގެ ކަމެއް ކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް އަދި ނެތެވެ.

ރިޕަބްލިކަން ކެންޑިޑޭޓް ޓްރަމްޕް، ބަލި ގަބޫލް ކުރައްވައިފައެއް އަދި ނުވެ އެވެ.

ވާދަވެރި ސްޓޭޓް ޕެންސިލްވޭނިއާގެ ނަތީޖާ ބައިޑަން ކާމިޔާބު ކުރައްވައިފި ކަމަށް އެމެރިކާގެ މީޑިއާތަކުން ހޮނިހިރު ދުވަހުގެ ރޭ ބުނުމާ އެކު ވައިޓް ހައުސް އަށް ވަޑައިގެންނެވޭ ވަރަށް ބައިޑަން އަށް ވަނީ އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބިވަޑައިގެންފަ އެވެ. އަދި ސަރުކާރު އެކުލަވާލުމުގެ އެކި މަސައްކަތްތައް ބައިޑަން ވަނީ ފައްޓަވައިފަ އެވެ.

ޕެންސިލްވޭނިއާގެ ވޯޓުން ކުރި ހޯއްދެވީ ބައިޑަންކަން ޔަގީންކޮށްދިނުން މަޑު ޖައްސާލުމުގެ އަމުރަކަށް ޓްރަމްޕުގެ ކޭމްޕުން އިއްޔެ ވަނީ ޕެންސިލްވޭނިއާ ފެޑެރަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ސްޓޭޓުގެ އެޓާނީ ޖެނެރަލް ޖޯޝް ސަޕިރޯ ވިދާޅުވީ އެއީ އެއްވެސް "ބުރަދަނެއް ހުރި" މައްސަލައެއް ނޫން ކަމަށެވެ.

ޓްރަމްޕް އިއްޔެ ވެސް ވަނީ ވޯޓުގައި ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ފެޑެރަލް އެޖެންސީތައް މެނޭޖްކުރާ ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ) އިން މިހާރު ވަނީ ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ބައިޑަން އަށް ދީފަ އެވެ.