އާމްދަނީގެ ދެބައިކުޅަ އެއްބައި މުސާރަ ދޭން!
އާމްދަނީގެ ދެބައިކުޅަ އެއްބައި މުސާރަ ދޭން!

ޓެކްސް އާއި ޓެކްސް ނޫން ގޮތްގޮތުން ސަރުކާރަށް ލިބޭ އާމްދަނީގެ ތެރެއިން ދެބައިކުޅައެއް ބަޔަކަށް ވުރެ ބޮޑު އަދަދެއް ދައުލަތުގެ މުސާރަތަކަށް ހޭދަވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އަންނަ އަހަރަށް ފާސްކުރާ ދައުލަތުގެ ބަޖެޓްގެ ތަފުސީލުތަކުގެ ތެރޭގައި، މުސާރަތަކުގެ ތަފުސީލު ވެސް ވަނީ ހިމަނައިފަ އެވެ. އޭގައިވާ ގޮތުން ދައުލަތުން އަންނަ އަހަރު މުސާރަ ދޭ 43،622 މުވައްޒަފުންގެ މުސާރަ އަށް 8.3 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ. ގައުމީ އުފެއްދުންތެރިކަމުން ދައުލަތަށް ލިބޭ ހަމައެކަނި އާމްދަނީ ބިނާވަނީ ޓެކްސް އާއި ޓެކްސް ނޫން އެހެނިހެން އާމްދަނީ އެކަންޏެވެ. އެ ދެބައިން އަންނަ އަހަރު ލިބޭ ޖުމްލަ އާމްދަނީ އަކީ 15.5 ބިލިއަން ރުފިޔާ އެވެ. އޭގެ މާނައަކީ، މުވައްޒަފުންގެ މުސާރަތަކަށް ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އެއްޗެއް ހޭދަކުރަން ޖެހުމެވެ.

ބަޖެޓްގެ ތަފުސީލުތައް ދައްކާ ގޮތުން މުސާރަ އާ އެކު އޮފީސްތައް ނުވަތަ މުޅި ދައުލަތް ހިންގުމަށް [ރިކަރެންޓް ހަރަދު]ގެ ގޮތުގައި 21.6 ބިލިއަން ރުފިޔާ ހޭދަވެ އެވެ. އެހެންވެ، ލިބޭ އާމްދަނީ އަށް ވުރެ ހިންގުމުގެ ޚަރަދު ފަސް ބިލިއަން ރުފިޔާ އަށް ވުރެ ވެސް މައްޗެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ދައުލަތުގެ އަންނަ އަހަރުގެ ޖުމްލަ ބަޖެޓަކީ 34.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ޖުމްލަ ހަރަދަކީ 33.2 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އަކީ 17.7 ބިލިއަން ރުފިޔާ އެވެ. އެހެންވެ، ބޭރުގެ ހިލޭ އެހީ އާއި ލޯނު ހޯދައިގެން ނޫނީ އަންނަ އަހަރު ސަލާމަތް ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި މަދުވެގެން 15 ބިލިއަން ރުފިޔާ ހޯދަން އެބަ ޖެހެ އެވެ.

ދައުލަތުގެ ބަޖެޓްގައި މުސާރަ އާއި ހިންގުމަށް ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ހިނގަ އެވެ. ބަޖެޓް ތަފުސީލުތައް ދައްކާ ގޮތުން މި އަދަދު ދަނީ ވެސް އިތުރުވަމުންނެވެ. މިއީ، ގައުމެއްގެ ނިސްބަތުން ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ވެސް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އެތައް ފަހަރަކު ވަނީ ލަފާ ދީފަ އެވެ.

މުސާރައިގެ ޝީޓް ދައްކާ ގޮތުން އެއް ތަނެއްގެ ބެލުމުގެ ދަށުގައި އެންމެ ގިނަ މުވައްޒަފުން ތިބޭނީ ތައުލީމީ ދާއިރާގަ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓްގެ ތެރޭގައި ހިމެނޭ، 13،089 މުވައްޒަފުންނަށް އަންނަ އަހަރު 1.94 ބިލިއަން ރުފިޔާ މުސާރަ އަށް ހޭދަވާނެ އެވެ. މީގެ އިތުރުން ދެން ހިމެނެނީ އެމްއެންޑީއެފްގެ 3،618 މީހުންގެ މުސާރަ އަށް 854 މިލިއަން ރުފިޔާ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ 4،392 މުވައްޒަފުންނަށް 955 މިލިއަން ރުފިޔާ އާއި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ 9864 މުވައްޒަފުންނަށް ހޭދަވާ 2.19 ބިލިއަން ރުފިޔާ އެވެ. ސިއްހީ ދާއިރާގެ މުވައްޒަފުން ހަތަރު އޮފީހެއްގެ ދަށުގައި ތިބެ އެވެ.

އަންނަ އަހަރު ނިމޭއިރު ސިޔާސީ މަގާމުތަކުގައި ތިބި 967 މީހުން ތިބޭނެ އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މުވައްޒަފުން ވަޒީފާ އަދާކުރަނީ ރައީސް އޮފީހުގަ އެވެ. ދެން ހެލްތާއި ފޮރިން މިނިސްޓްރީގަ އެވެ. ސިވިލް ސާވިސްގައި 23،034 މީހުން ވަޒީފާ އަދާކުރާނެ އެވެ. މުސްތަގިއްލު ވަޒީފާތަކުގައި 4،137 މީހުން ތިބޭނެ އެވެ. އައްޔަން ކުރާ ވަޒީފާތަކުގައި 202 މީހުން ތިބޭނެ އެވެ. އިންތހާބުކުރާ ވަޒީފާތަކުގައި 89 މުވައްޒަފަކު ތިބޭނެ އެވެ. ކޮންޓްރެކްޓް ވަޒީފާތަކުގައި 5،728 މުވައްޒަފުން އަންނަ އަހަރު ނިމެންދެން ވަޒީފާގައި ތިބޭނެ އެވެ.