ފަސްޓް ލޭޑީ ފަޒްނާ އަށް ކުރި ދޮގު ތުހުމަތަށް މާފަށް އެދެން އަންގައިފި
ފަސްޓް ލޭޑީ ފަޒްނާ އަށް ކުރި ދޮގު ތުހުމަތަށް މާފަށް އެދެން އަންގައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދާ ގުޅުވައިގެން ދޮޮގު ވާހަކަތަކެއް ޝާއިއުކޮށް، އެ ކަމަނާއާ ދޭތެރޭގައި ނުބައި ތަސައްވަރެއް އުފެދިދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ޚަބަރު ޖެހި މީޑިއާ އިން މާފަށް އެދެން ފަޒްނާގެ ގާނޫނީ ވަކީލުން ރޭ އަންގައިފި އެވެ.

"ދަ ލިޓިޖަންޓްސް" ލޯ ފާމުން، ފަޒްނާގެ އެއް ވަކީލް، އަހުމަދު ނާޒިމް އަބްދުއްސައްތާރު ނެރުއްވި ބަޔާނުގައި ވިދާޅުވީ، މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ތަރައްގީކުރާ ޕާކަށް، ފަސްޓް ލޭޑީ ފަޒްނާ އާއި ސްރީ ލަންކާގެ ރައްޔިތަކު ގުޅިގެން އުފައްދާފައިވާ ކުންފުންޏަކުން ގަސް ވިއްކާ ކަމަށް މޯލްޑިވްސް ނިއުސް ނެޓްވޯކުން ކުރި ތުހުމަތަކީ ބުހުތާނު ދޮގެއް ކަމަށެވެ. އެހެންވެ، އެ ނޫހަށް އެންގީ، އެ ތުހުމަތު ކުރި ލިޔުން އިސްލާހު ކުރުމަށާއި އޭގައި ވަނީ ދޮގު މައުލޫމާތު ކަމަށް އިގުރާރުވެ މާފަށް އެދުމަށެވެ.

މާފަށް އެދެން އެންގުމުގެ ކުރިން ގާނޫނީ ވަކީލުން ވަނީ އެ މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

ފަޒްނާގެ ކުންފުންޏެއް އޮތް ކަމަށް އެ ނޫހުގައި ލިޔެފައިވާއިރު، އެ ކުންފުނީގެ ނަން ހާމަނުކުރުމާއި ފަޒްނާގެ ފައިސާތަކެއް މޮރިޝަސް އަށް ބަދަލުކުރި ކަމަށް އެ ލިިޔުމުގައި ބުންޏަސް އެއީ ކޮން ފައިސާއެއް ކަމެއް އަދި އެއީ ކޮން ވިޔަފާރިއެއް ކަމެއް ބުނެދީފައި ނެތް ކަމަށް ވަކީލުން ކުރިން ވިދާޅުވެފައިވެ އެވެ. އެ ހުރިހާ ތުހުމަތުތަކަށް ފަޒްނާ އިންކާރު ކުރައްވާ ކަމަށް ވެސް ވަކީލުން ވިދާޅުވެފައިވެ އެވެ.

ވަކީލުންގެ ބަޔާނުގައި ބުނީ ފަޒްނާގެ އިއްޒަތާއި ގަދަރަށް އުނިކަން ލިބި މުޖުތަމައުގައި އެ ކަމަނާއާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ ފަދަ ގޮތަކަށް މޯލްޑިވްސް ނިއުސް ނެޓްވޯކުން ހަގީގަތާ ހިލާފު ވާހާކަތަކެއް ޝާއިއުކުރީ، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ބްރޯޑްކާސްޓްކުރާ ފަރާތުގެ ކޮންޓެންޓުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތަކާ ޚިލާފަށެވެ.

ވަކީލުން ހަވާލާދީފައި ވަނީ، "މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރި ކުރުމުގެ" ހަމައިގެ 1 ވަނަ ނަމްބަރުގައި މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާ ފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެ ފަދަ ނުވަތަ ނިކަމެތި ކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރުތަކާއި އަޑު ބްރޯޑްކާސްޓް ނުކުރުމަށް" އޮންނަ މާއްދާއާ އެވެ. މީގެ އިތުރުން، އެއްވެސް ކޮންޓެންޓެއް ހުށަހެޅުމުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކަނޑައެޅިގެން ކަމެއް އޮޅޭގޮތަށް ގެނެސްދެވިއްޖެ ނަމަ ކުށް އިސްލާހުކޮށް މާފަށް އެދެން ވާނެ ކަމަށް ބްރޯޑްކާސްޓްު ކުރުމުގެ ގަވާއިދުގެ 41 ވަނަ މާއްދާގައި އޮންނަ ކަން ހަނދާން ކޮށްދީފައި ވެ އެވެ.

ބަޔާނުގައި ބުނިގޮތުގައި ފަޒްނާއާ ބެހޭ ގޮތުން ދޮގު ވާހަކަތަކެއް ލިޔެ ޝާއިއުކޮށްފައި ވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބުރަވުމެއް ނެތި ހަގީގަތާ ޚިލާފަށެވެ.