ކޮވިޑް ޖެހޭ ކޮންމެ ފަސް މީހަކުން އެކަކަށް ނަފްސާނީ ބަލިޖެހޭ: ދިރާސާ
ކޮވިޑް ޖެހޭ ކޮންމެ ފަސް މީހަކުން އެކަކަށް ނަފްސާނީ ބަލިޖެހޭ: ދިރާސާ

ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން 20 ޕަސެންޓް ނުވަތަ ކޮންމެ ފަސް މީހަކުން އެކަކަށް އެ ބަލި ޖެހޭތާ 90 ދުވަހުގެ ތެރޭގައި ނަފްސާނީ ބަލި ޖެހޭ ކަމަށް އެކަމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ހެދި ދިރާސާއަކަށް ފަހު ސައިކޭޓްރިސްޓުން ބުނެފި އެވެ.

ކޮވިޑަށް ފަހުް ނަފްސާނީ ބަލި ޖެހުނު މީހުންގެ ތެރޭގައި އެންމެ އާންމީ އެންޒައިޓީ، ޑިޕްރެޝަން އަދި އިންސޯމިއާ ކަމަށް ދިރާސާ އިން ވަނީ އެނގިފަ އެވެ. މީގެ އިތުރުން ޑިމެންޝާ ނުވަތަ ހަނދާންނެތޭ ބަލި ޖެހުމުގެ ފުރުސަތު ވެސް ވަރަށް ބޮޑަށް އިތުރުވެގެންދާ ކަމަށް ބުނެފައިވެ އެވެ.

"ކޮވިޑް-19 އިން ޖެހޭ މީހުންނަށް ނަފްސާނީ ބަލި ޖެހުމުގެ ނުރައްކާ އޮވެދާނެކަމާ މެދު ކުރިން ވެސް އޮތީ ކަންބޮޑުވުން އުފެދިފައި. މި ދިރާސާ އިން އެނގުނީ އެކަން އެހެން ވެދާނެކަން،" އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީގެ ސައިކޭޓްރީ ޕްރޮފެސަރު ޕޯލް ހެރިސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް ޖެހުމުން ނަފްސާނީ ބައްޔަށް ހުށަހެޅޭ ސަބަބުން ދެނެގަނެ އެކަމަށް ފަރުވާކުރަން ފެށުމަކީ ދުނިޔޭގެ ހުރިހާ ޑޮކްޓަރުން ވެސް ވީ އެންމެ އަވަހަށް ފަށަންޖެހެ އެވެ.

"ސިއްހީ އިދާރާތަކުން މިކަމުގައި އެހީތެރިކަން ދޭންޖެހޭ. އެއީ މި ދިރާސާ އިން މި ހާމަވި ކަންކަމަކީ މީގެ ކުރިން މާބޮޑަށް އަޅާނުލެވި އޮތް ކަމަކަށްވުން އެކަށީގެންވާތީ،" ހެރިސަން ވިދާޅުވި އެވެ.

ދަ ލާންސިޓް ސައިކޭޓްރީ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާ ހަދާފައިވަނީ އެމެރިކާގެ 62 މިލިއަން މީހެއްގެ ސިއްހީ މައުލޫމާތު ބޭނުންކޮށްގެންނެވެ. މީގެ ތެރެއިން 62،000 މީހުންނަކީ ކޮވިޑް ޖެހުނު މީހުންނެވެ.

ކޮވިޑް ޖެހުނު މީހުންނަށް ބަލާއިރު އެ ބަލި ޖެހުނުތާ ތިން މަސް ދުވަހުގެ ތެރޭގައި މި މީހުންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކު ފުރަތަމަ ފަހަރަށް ނަފްސާނީ ބައްޔަށް ޑައިގްނޯޒް ވެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެންޒައިޓީ، ޑިޕްރެޝަން އަދި އިންސޯމިއާ އެވެ. މިއީ ދިރާސާގައި ބައިވެރިކުރި އެހެން މީހުންނާ އަޅާބަލާއިރު ދިރާސާގެ މުއްދަތުގެ ތެރޭގައި ނަފްސާނީ ބައްޔަށް ޑައިގްނޯޒްވުން ދެ ގުނަ އިތުރު ނިސްބަތެކެވެ.

މީގެ އިތުރުން، ކުރިން ނަފްސާނީ މައްސަލަތައް ހުރި މީހުން ކޮވިޑަށް ފަހު ނަފްސާނީ ބައްޔަށް ޑައިގްނޯޒްވުމުގެ ފުރުސަތު 65 ޕަސެންޓް އިތުރެވެ.

މި ދިރާސާ ހާމަކުރުމާ އެކު ނަފްސާނީ ބަލީގެ ފަރުވާ ޑޮކްޓަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ކޮވިޑްގެ ސަބަބުން ނަފްސާނީ ބަލި ޖެހެނީ އެ ބައްޔާ ގުޅުން ހުރި ސްޓްރެސްވާ އެކި ކަންކަމުގެ ސަބަބުންނާއި ޖިސްމާނީ ގޮތުން އުފުލަންޖެހޭ ވޭނުގެ ސަބަބުން ކަމަށް ވެދާނެ،" ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ސައިކޭޓްރިސްޓެއް ކަމަށްވާ މައިކަލް ބްލޫމްފީލްޑް ވިދާޅުވި އެވެ.

ކިންގްސް ކޮލެޖްގެ ސައިކޭޓްރީ ޕްރޮފެސަރު ސައިމަން ވެސްލީ ވިދާޅުވީ ނަފްސާނީ ބަލީގެ މީހުންނަށް ނުވަތަ އެފަދަ ހާލަތެއް މެދުވެރިވެދާނެ ސަބަބުތައް ހުރި މީހުންނަށް، ގައިންގަޔަށް އަރާ ބަލިތައް ފަސޭހައިން ޖެހޭކަން މީގެ ކުރިން ކޮށްފައިވާ ބައެއް ދިރާސާތަކުން ހާމަވެފައިވާ ކަމަށެވެ. ކޮވިޑް-19 ގައި މި ނުރައްކާ ބޮޑީ އެ ބަލީގެ ގޮތުން ކަމަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. -- އޭއެޕްޕީ