ޝަހީބް ދޫކޮށްލި މައްސަލާގެ އަޑުއެހުންތައް ނިންމާލައިފިި
ޝަހީބް ދޫކޮށްލި މައްސަލާގެ އަޑުއެހުންތައް ނިންމާލައިފިި

ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ދޫކޮށްލި މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.

ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޝަހީބް ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު ޝަރުތުތަކާ އެކު އޭނާ ބަންދުން ދޫކޮށްލުމުން އެ މައްސަލަ އިސްތިއުނާފްކުރީ ދައުލަތުންނެވެ.

އެ މައްސަލާގެ ޝަރީއަތް ހައި ކޯޓުގައި މިއަދު ފެށުމަށް ފަހު މިއަދު ވަނީ އަޑުއެހުންތައް އެއްކޮށް ނިންމާލައިފަ އެވެ. އެހެންވެ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ބަންދު އަމުރުގެ މައްސަލަތައް އިސްތިއުނާފް ކުރާތާ ހަތް ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމަން ޖެހޭނެ އެވެ.

އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރަކަށް ހުރި ޝަހީބްގެ އިތުރުން އިތުރު ބަޔަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެ މީހުން އަދިވެސް ތިބީ ބަންދުގަ އެވެ. އެ މައްސަލާގައި ހައްޔަރު ކުރުމުން ޕީއެންސީގެ ކައުންސިލްގެ ހަރަކާތްތަކުން އޭނާ ވަނީ ސަސްޕެންޑްކޮށްފަ އެވެ.