09 ނޮވެމްބަރ 2020 - 15:58

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ސަރަހައްދީ ވިޔަފާރި ކުރިއެރުވުމާއި، އިގްތިސޯދީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ޓޫރިޒަމް އަދި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމާގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގެ ވައިގެ ދަތުރުފަތުރަށް ގާއިމްކޮށްފައިވާ އެއާ ބަބްލް ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމާ އެކު ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުން ގިނަވެފައިވާކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އިންޑިއާއިން ރާއްޖޭގައި މިހާރު ކުރިއަށްގެންދާ މަޝްރޫއުތަކަށް ވެސް ރައީސް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ދެ ގައުމުގައި މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ. އެގޮތުން މި އަހަރަކީ ދެ ގައުމުގެ ހާރިޖީ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި ދެ ގައުމުގެ ހާރިޖީ ގުޅުމާއި ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ބަދަހި ރަހުމަތްތެރިކަމަށް ރައީސް އަލިއަޅުއްވާލެއްވި އެވެ. ރައީސް އޮފީހުން ބުނިގޮތުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައި ވެއެވެ.
ރަސްމީ ދަތުރެއްގައި ހަރްޝް ވަރްދަން ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. އޭނާ ރާއްޖެ ވަޑައިގަތީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ދެ ދުވަހަށެވެ. އެ ދަތުރުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި މިދިޔަ ޑިސެމްބަރު މަހު ނިއު ދިއްލީގައި ބޭއްވި ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން ފޮރިން ސެކެޓްރީއާ މަޝްވަރާކުރައްވާފައި ވެއެވެ.