09 ނޮވެމްބަރ 2020 - 14:50

އައިޖީއެމްއެޗުން ދެމުން އައި ބައެއް ހިދުމަތްތައް ކޮވިޑް-19 އާ ގުޅިގެން ދަށްކޮށްފައި އޮތުމަށް ފަހު އާންމު ހާލަތަކަށް ގެންނަން ނިންމައިފި އެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހަކު މާލެ އިން ފެނި، މާލެ ލޮކްޑައުންކުރުމާ ގުޅިގެން އައިޖީއެމްއެޗުން ދެމުން އައި ބައެއް ހިދުމަތްތައް މެދު ވެސް ކަނޑާލި އެވެ. އެއަށް ފަހު ހިދުމަތްތައް އަލުން ފެށީ ގިނަ ބަދަލުތަކަކާ އެކު އެވެ. އޮންލައިންކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ވެސް އެ ހޮސްޕިޓަލުން ހަމަޖައްސައިދިނެވެ.
ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށުމުން، އެ ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ދޭން މިހާރު ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. އޭގެ ތެރޭގައި ރޫޓިންކޮށް ދެމުން އައި މެމޮގްރާފް ފަދަ ހިދުމަތްތައް ހިމެނެ އެވެ.
ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ 11،986 މީހުންނެވެ. އޭގެ ތެރެއިން އެ ބައްޔަށް މިހާރު ފަރުވާ ހޯދަނީ 854 މީހުންނެވެ. އާންމުކޮށް ކޮވިޑަށް މިހާރު ދުވާލަކު ޕޮޒިޓިވް ވަނީ 50 އަށް ވުރެ މަދުންނެވެ.