09 ނޮވެމްބަރ 2020 - 12:29

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ކޮމެޓީތަކުގައި އާންމުން ބައިވެރިވުމުގެ ފުރުސަތު ދޭން އެ ކޮމިޝަނުން ނިންމައިފި އެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައި ވަނީ އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާ ކަމަށާއި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކުރީގެ ފަނޑިޔާރުންނާއި ތަހުގީގީ އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނާއި ވަކީލުންނަށް އިސްކަން ދެވޭނެ ކަމަށެވެ. އަދި ވަކީލެއް ނަމަ، ކޮމެޓީގެ މެމްބަރުކަމުގެ މުއްދަތުގައި އެ ކޮމެޓީން ބަލާ މައްސަލައެއްގައި ހިމެނޭ ފަނޑިޔާރަކު މަސައްކަތް ކުރައްވާ ކޯޓެއްގައި އެ ވަކީލަކު ވަކާލާތު ކުރުން މަނާވާނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
އިއުލާނުގައިވާ ގޮތުން އެ މަގާމުގެ ޝަރުތަކީ އުމުރުން 35 އަހަރު ވެފައިވާ ދިވެއްސަކަށް ވުމާ އެކު އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައި ނެތުމާއި އިންތިޚާބީ މަގާމެއް ނުވަތަ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުމާއި ޕާޓީއެއްގެ މެމްބަރަކަށް ނުވުމެވެ.
ކޮމެޓީގެ ބައްދަލުވުންތަކުގައި ދޮޅު ގަޑިއިރު ވަންދެން 500ރ. އެލަވަންސެއް އަދި އެއަށް ވުރެ އިތުރުވާ ނަމަ އިތުރު 500ރ. ގެ އެލަވަންސެއް ކޮންމެ ބައްދަލުވުމަކަށް ލިބޭނެ އެވެ.
ޖޭއެސްސީން މިހާރު ގެންދަނީ ގިނަ ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. މިހާތަނަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީތަކުގަައި ތިއްބަވަނީ އެ ކޮމިޝަންގެ މެމްބަރުންނެވެ.