09 ނޮވެމްބަރ 2020 - 11:09

ފުޓްބޯޅަ ސީޒަން ހުޅުވާ އެފްއޭ ޗެރިޓީ ޝީލްޑުގައި އަންނަ މަހު އަށް ވަނަ ދުވަހު މާޒިޔާ އާއި އީގަލްސް ކުޅޭ މެޗުގެ ޕާޓްނަރުންގެ ގޮތުގައި ތިން ޖަމިއްޔާއެއް ހަމަޖައްސައިފި އެވެ.
އެއީ އެޑްވޮކޭޓިން ފޯ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި މޯލްޑިވިއަން ބްލަޑް ޑޯނާސް އަދި ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް އެވެ. މި ފުރުސަތު ފަހިކޮށްދިނީތީވެ މި ތިން ޖަމިއްޔާ އިން ވަނީ އެފްއޭއެމަށް ޝުކުރު އަދާކޮށްފަ އެވެ.
ކުރިން އޮންނަނީ ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ ތަފާތު ޗެރިޓީ ޖަމިއްޔާތަކަށް ހަދިޔާކުރާ ގޮތަށެވެ. އެއީ މެޗުން މޮޅުވާ ޓީމަކަށް ލިބޭ 100،000ރ. ގެ ތެރެއިން 20،000ރ. އެވެ. އެކަމަކު އެންމެ ފަހުން 2017 ވަނަ އަހަރު ގެނައި ބަދަލާ އެކު ހުރިހާ ފައިސާއެއް ހަދިޔާކުރަން ޖެހޭނީ ޗެރިޓީ އަށެވެ. އެ ފަހަރު ޗެރިޓީ ޝީލްޑް އުފުލާލި މާޒިޔާ އިން ފައިސާ ދިނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާ އަށެވެ. އޭގެ ފަހުން މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުން ޝީލްޑް އުފުލާލިއިރު، އެ މެޗުން ލިބުނު ފައިސާ އަށް ފުޓްބޯޅައިގެ ސާމާނު ހަދިޔާ ކުރުމަށް ހަމަޖެހުނީ ފޯކައިދޫގެ ފުޓްބޯޅަ އެކެޑަމީ އަށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ މި ފަހަރުގެ ޝީލްޑް މެޗުގައި ޕާޓްނަރުން ނުވަތަ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ކަނޑައެޅިގެން ދާނީ ދެން ބާއްވާ އެ އެސޯސިއޭޝަންގެ އެކްސްކޯ ބައްދަލުވުމުގައި ކަމަށެވެ.
އާންމު ގޮތެއްގައި ޝީލްޑް މެޗުން ފުރުސަތު ލިބެނީ ލީގުގެ ޗެމްޕިއަނުންނާއި އެފްއޭ ކަޕް ޗެމްޕިއަނަށެވެ. އެކަމަކު މި ފަހަރު އީގަލްސް އަށް ފުރުސަތު ލިބުނީ ކޮވިޑް-19އާ ހެދި މި ދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލްކުރަން ޖެހި އަވަހަށް ސީޒަން ނިންމާލަން ޖެހުމުންނެވެ. މިއީ އީގަލްސް އިން ޗެރިޓީ ޝީލްޑް މެޗުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.
ކަޕް ވިނާސް ކަޕްގެ ބަދަލުގައި ޗެރިޓީ ޝީލްޑްގެ ނަމުގައި މެޗު ކުޅެން ފެށީ 2009 ވަނަ އަހަރު އެވެ. ޝީލްޑް މެޗު ބާއްވަން ފެށި ފަހުން ނުކުޅެ ދިޔައީ 2018 ވަނަ އަހަރު އެވެ. މިހާތަނަށް ތަފާތު ފަސް ޓީމަކުން ވަނީ ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. އެއީ ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް، މާޒިޔާ، ވެލެންސިއާ އަދި ޓީސީ އެވެ. އެންމެ ގިނައިން ޝީލްޑް އުފުލާލީ ތިން ފަހަރު އެކަން ހާސިލްކުރި މާޒިޔާ އާއި ވީބީ އެވެ. މި ފަހަރު މާޒިޔާ އަށް ކުރިއަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.