މާބަނޑު އަންހެންމީހާގެ މައްސަލައިގައި ދެ ކައުންސިލުގެ ވާހަކަ ތަފާތު
މާބަނޑު އަންހެންމީހާގެ މައްސަލައިގައި ދެ ކައުންސިލުގެ ވާހަކަ ތަފާތު

ކ. މާފުށިން ފ. ނިލަންދުއަށް ވިހަން ދިޔަ އަންހެނަކު އެ ރަށަށް ނާރުވައިގެން އަނބުރާ ދިޔަ މައްސަލައިގައި ދެ ރަށު ކައުންސިލުގެ ވާހަކަ ތަފާތުވެއްޖެ އެވެ.

ކ. މާފުށިން ގާތްގަނޑަކަށް 4 ގަޑިއިރުގެ ދަތުރަކަށް ފަހު ފ. ނިލަންދު އަށް އިއްޔެ ވިހަންދިޔަ އަންހެންމީހާ އެ ރަށަށް ނޭރި ވަނީ އަނބުރާ ގޮސްފަ އެވެ. އެ މައްސަލައިގައި މާފުށީ ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ބުނީ އެއީ އެޗްޕީއޭގެ އުސޫލާ ވެސް ހިލާފަށް ނިލަންދޫ ކައުންސިލުން ބާރުގެ ބޭނުންކޮށްގެން ކޮށްފައިވާ ކަމެއް ކަމަށެވެ. މާފުށިން އެކަން ސިފަކުރީ ވަރަށް ލާއިންސާނީ އަމަލެއްގެ ގޮޮތުގަ އެވެ.

ލޯކަލް ޓޫރިޒަމް ފަށައި ކ. މާފުށީގެ ގެސްޓު ހައުސްތައް ހުޅުވައި އެރަަށް ޓޫރިސްޓުން ދާން ފަށާފައިވާތީ އެރަށުން އެހެން ރަށަކަށް މީހަކު ދާ ނަމަ ދާން ޖެހެނީ އެޗްޕީއޭއިން އާންމުކޮށްފައިވާ ވަކި އުސޫލެއްގެ ދަށުންނެވެ. އެގޮތުން އެރަށުން އެހެން ރަށަކަށް ދެވޭނީ ޒަރޫރީ ބޭނުމަކަށެވެ. އަދި ދާ އިރު އެ މީހުންނާއި ދާ ދުވަހާއި ބޭނުމުގެ ތަފްސީލް ރަސްމީކޮށް ކައުންސިލަށް ލިޔެކިޔުމުން އަންގަން ޖެހެ އެވެ.

މާފުށިން ބުނީ ވިހަން ދިޔަ އަންހެންމީހާ ދިޔައީ އެ ހުރިހާ ކަމެއް ވެސް ފުރިހަމަކޮށްގެން ކަމަށެވެ. ނަމަވެސް ނިލަންދޫން އަމަލުކުރީ އުސޫލާ ހިލާފަށް ކަމަށާއި އޭގެ ސަބަބުން މާފުށީ ރައްޔިތުންގެ ޒަރޫރީ ބޭނުމަކަށް ހުރަސް އެޅުން ބަލައިނުގަންނާނެ ކަމަށް ބަޔާނުގައި ވެއެވެ.

ނަމަވެސް ނިލަންދޫ ކައުންސިލުން ވަނީ އެ ހުރިހާ ވާހަކައެއް ވެސް ދޮގުކޮށްފަ އެވެ. ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް "މިހާރު" އަށް ވިދާޅުވީ މާފުށީ ކައުންސިލުން ރަސްމީ އެއްވެސް ލިޔެކިއުމެއް ފޮނުވަން އަންގާފައި ނުވާނެ ކަމަށެވެ. އެރަށަށް ބަޔަކު ދާ ވާހަކަ ވެސް ބުނީ ދެ ދުވަހެއް ކުރިން ފޯނުން ގުޅާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ޖަލީލް ވިދާޅުވި ގޮތުގައި އެ ކޯލްގައި ވެސް ނިލަންދުއަށް ދާ މީހާގެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.

އޭނާ ވިދާޅުވީ މާފުށިން ދިޔަ މާބަނޑުމީހާ އެރިޔަނުދޭން ބަނދަރު މައްޗަށް އާންމުން އެއްވި ކަމަށް ބުނެ ދައްކަނީ ވެސް ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ސަރަހައްދަށް ދިޔައީ އާރްއާރްޓީ ޓީމާއި ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޔަކު އަންނަ ހަބަރު ލިބިގެން އަޅުގަނޑުމެންނަށް އަންގާފައި ނެތީމަ ކައުންސިލުން ދެ ބޭފުޅަކާއި ފުލުހުންގެ އިސް މީހަކާއި އާރްއާރްޓީ ޓީމުން ދިޔައީ އެމީހާ ރިސީވްކުރަން. އަސްލު އަޅުގަނޑުމެން ވިސްނީ އެމީހާ އަތަށް ލިޔެކިޔުން ދީފައި ހުރެދާނެ ކަމަށް. އެކަމަކު އެ މީހުންގެ އަތުގައި ވެސް ނެތް،" ޖަލީލް ވިދާޅުވި އެވެ.

"އުސޫލު އޮންނަ ގޮތުން ވެއްޖިއްޔާ އޭރު އަޅުގަނޑުމެންނަށް އެ މީހުން ނުވެސް އެރުވޭނެ. އެކަމަކު ވެސް މާބަނޑު މީހެއް ވީމަ މައުލޫމާތުތައް ނަގާފައި ހޮސްޕިޓަލަށް ގެންދަން އެންބިއުލާންސް ވެސް އޮތް،"

ޖަލީލް ވިދާޅުވީ އެ ރަށަށް ދިޔަ ބަލި މީހާއާ މުއާމަލާތް ކުރުމުގައި އެޗްޕީއޭގެ ގަވާއިދުގައިވާ އެއް ކަމެއް އޮޅުންއެރި ކަމަށެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމަށް ފަހު މަޑުކުރާ ނަމަ ކަރަންޓީންވާން ޖެހޭ ކަމަށް ބުނެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެރި އޮޅުމެއް ކަމަށާއި އެހެން ބުނުމަކުން މާބަނޑު މީހާއަށް ލިބެން ޖެހޭ އެއްވެސް ހިދުމަތަކަށް ހުރަސްއެޅުނީ ނޫން ކަމަށް ވިދާޅުވި އެވެ.

"އެކަމަކު ކަރަންޓީންގެ ވާހަކަ އަޅުގަނޑުމެންނަށް ބުނެވުނީމަ އެމީހާ ނުވެސް ފޭބި ރަށަށް. ފުރައިގެން ދިޔައީ އަނބުރާ. އަޅުގަނޑުމެން މަސައްކަތްކުރީ އުސޫލާ އެއްގޮތަށް ކަންކުރެވޭތޯ،" ޖަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިލަންދު އާއި މާފުއްޓަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ރަށް ކަމަށެވެ. އެ ރަށު މީހަކު ނިލަންދުއަށް ހިނގައްޖެ ނަމަ އަބަދުވެސް ހޫނު މަރުހަބާ ކިޔާ ކަމަށާއި އެއީ "އެއް އާއިލާއެއް" ކަމަށް ދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަނދަރު ސަރަހައްދަށް ދިޔަ އާންމުންނަކީ ހަމަ އެ އުސޫލުން މަރުހަބާ ކިޔަން ދިޔަ މީހުން ކަމަށާއި ގިނަ ބަޔަކު އެއްވެ ކައިރި ވެފައި ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާތީ މާލެ އައިސް އަނބުރާ ދިއުމުގައި ގިނަ ދަތިތަކާ ކުރިމަތިވެ އެވެ. އޭގެ ސަބަބުން ރަށްރަށުން ޑޮކްޓަރަށް ދެއްކުމާއި އެފަދަ ޒަރޫރީ ބޭނުންތަކަށް މާލެ އައުމުގެ ބަދަލުގައި މިހާރު ގިނަ މީހުން ދަނީ ހިދުމަތް ރަނގަޅު އެހެން ރަށްރަށަށެވެ.

ޖަލީލް ވިދާޅުވީ ނިލަންދޫ ކައުންސިލާއި އެރަށު ރައްޔިތުންގެ އަމާޒަކީ ކޮވިޑް-19 ގެ ހާލަތުގައި އެރަށަކީ ނަމޫނާ ރަށަކަށް ހެދުން ކަމަށެވެ. އަދި ބަޔަކު ބަލައި ނުގަތްކަމުގައި ވީ ނަމަވެސް އެކަން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.