ވެލެންސިއާ އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ
ވެލެންސިއާ އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ

ވެލެންސިއާ (ނޮވެމްބަރު 9) – ކާލޯސް ސޮލާ ޕެނަލްޓީން ހެދި ހެޓްރިކާ އެކު ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އިން 4-1 އިން ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.

މި މެޗުން ބަލިވުމުން ރެއާލަށް ވަނީ ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. އެ ޓީމު އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ ނުވަ މެޗުން 20 ޕޮއިންޓާ އެކު ރެއާލް ސޮސިއެޑާޑެވެ. އަދި ދެ ވަނައިގައި އޮތީ ނުވަ މެޗުން 18 ޕޮއިންޓާ އެކު ވިޔަރެއާލެވެ. ވެލެންސިއާ އޮތީ ނުވަ މެޗުން 11 ޕޮއިންޓާ އެކު ނުވަ ވަނައިގަ އެވެ.

ވެލެންސިއާގެ ސްޓޭޑިއަމުގައި ކުޅުނު މެޗުގެ 23 ވަނަ މިނެޓުގައި ކަރިމް ބެންޒެމާގެ ގޯލުން ރެއާލް ލީޑު ނެގި އެވެ. އޭގެ ފަހުން ސޮލާ ފުރަތަމަ ލަނޑު ޕެނަލްޓީން ޖެހީ 35 ވަނަ މިނެޓުގަ އެވެ. އެ ޓީމުގެ ދެ ވަނަ ގޯލަކީ 43 ވަނަ މިނެޓުގައި ރެއާލުގެ ރަފައެލް ވަރާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ސޮލާ ޕެނަލްޓީން އަނެއް ދެ ގޯލް ޖެހީ 54 ވަނަ މިނެޓާއި 63 ވަނަ މިނެޓުގަ އެވެ. މެޗުގެ ފަހުކޮޅު ބެންޒެމާ އަށް އަނިޔާވެގެން ބާލަން ޖެހުނެވެ.

"މި ބަލި ހަމަޖެއްސޭނެ އެއްވެސް ގޮތެއް ނެތް، އެއްވެސް އުޒުރެއް ނެތް. މިއީ ގޯސް މެޗެއް އަދި ގޯސް ދުވަހެއް،" ރެއާލުގެ ކޯޗު ޒައިނުއްދީން ޒިދާން ބުންޏެވެ.

މިއީ 2018 ގެ އޮކްޓޫބަރު މަހު ބާސެލޯނާ އިން ރެއާލް ކޮޅަށް ފަސް ގޯލް ޖެހި ފަހުން އެ ޓީމު ކޮޅަށް ހަތަރު ލަނޑު ނުވަތަ އެއަށް ވުރެ ގިނައިން ވަން ފުރަތަމަ މެޗެވެ.

ލީގުގައި ކަޑިޒް އަތުން އަދި ޗެމްޕިއަންސް ލީގުގައި ޝަކްތާ ޑޮނެޓްސްކް އަތުން ބަލިވެ ފެށުން ގޯސްވެފައިި ވަނކޮށް ރެއާލުން ލީގުގައި ބާސެލޯނާ އާއި ހުއެސްކާ އަދި ޗެމްޕިއަންސް ލީގުގައި އިންޓަ މިލާން އަތުން މޮޅުވި އެވެ. ރޭގެ ބައްޔާ އެކު އަލުން އެ ޓީމަށް މިވަނީ ފަށަން ޖެހިފަ އެވެ.