09 ނޮވެމްބަރ 2020 - 08:50

ވޮޝިންޓަން (ނޮވެމްބަރު 9) - އެމެރިކާގައި ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 70 މިލިއަނަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފަ އެވެ. އެއީ އެމެރިކާގެ ތާރީޚުގައި ވެސް ރިޔާސީ އިންތިޚާބެއްގައި ދެ ވަނަ އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ. ވޯޓުލީ މީހުންގެ 47 ޕަސެންޓް ތާއީދު އެމަނިކުފާން ހޯއްދެވި އެވެ. ލަފާ ކުރެވޭ ގޮތުން 24 ސްޓޭޓެއްގެ ވޯޓު ވެސް ކާމިޔާބު ކުރައްވާނެ އެވެ. އޭގެ ތެރޭގައި ފްލޮރިޑާ އާއި ޓެކްސަސް ވެސް ހިމެނެ އެވެ.

ނަމަވެސް ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއާ ވާދަކުރައްވައި ޓްރަމްޕަށް ކުރިމަތިލައްވަން ޖެހުނު ނާކާމިޔާބީއަކީ ބޮޑު ބައްޔެކެވެ. ޓްރަމްޕް ހިމެނިވަޑައިގަންނަވަނީ ފަހުގެ ތާރީޚަކަށް ބަލާ ނަމަ ދެ ވަނަ ދައުރަކަށް ހޮވިވަޑައިނުގެންނެވި ހަތަރު ވަނަ ރައީސްގެ ގޮތުގަ އެވެ. އަދި 1992 ވަނަ އަހަރަށް ފަހު އެއް ދައުރު ފުރިހަމަ ކުރައްވައި ރައީސްކަން ދޫކޮށްލައްވަން ޖެހުނު ފުރަތަމަ ރައީސްގެ ގޮތުގަ އެވެ. އަދި އެއީ ޖެހިޖެހިގެން ދެ އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓު ލިބިވަޑައިނުގަތް ފުރަތަމަ ރައީސް ވެސް މެ އެވެ.

ވެރިކަމުގެ ހަތަރު އަހަރު ދުވަހު ތެރޭ ޓްރަމްޕުގެ ހަރުކަށި ބަސްމަގު ހުރި ގޮތުން، 2016 ވަނަ އަހަރުގެ އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކުރި އެތައް ބަޔަކު މި ފަހަރު ވަނީ ފެއަށް ޖެހިފަ އެވެ. އޭގެ ބަދަލުގައި 2016 ވަނަ އަހަރުގެ އިންތިޚާބުގައި ހިލަރީ ކްލިންޓަނަށް ވުރެ ބައިޑަން ވަނީ 373 ކައުންޓީއެއްގައި ތާއީދު ބޮޑުކޮށްފަ އެވެ. ނަތީޖާ އަކީ ހިލަރީ އަށް ކާމިޔާބު ނުކުރެއްވުނު ޕްނެސިލްވޭނިއާ، މިޝިގަން، ވިސްކޮންސް މިފަހަރު ބައިޑަން ހޯއްދެވުމެވެ. އަދި ޖޯޖިއާ އާއި އަރިޒޯނާގައި ވެސް ކުރި ހޯއްދެވީ ބައިޑަން އެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕް ވަނީ 30 ސްޓޭޓުގެ ވޯޓު ކާމިޔާބު ކުރައްވައި 304 އިލެކްޓޯރަލް ކޮލެޖް ވޯޓު ނަންގަވައިފަ އެވެ.
ޓްރަމްޕް ވެރިކަމަށް ގެނައުމަށް އެންމެ ފުރަތަމަ ތާއީދު ކުރި މީހުން މި ފަހަރުގެ އިންތިޚާބުގައި އެމަނިކުފާނާ ދުރަށް ޖެހުމުގެ ސަބަބުތަކުގެ ތެރޭގައި، ޓްރަމްޕުގެ ހަރުކަށިކަމާއި ގޮތް ދޫނުކުރުން ހިމެނެ އެވެ. ނަސްލީ ގޮތުން ތަފާތު ކުރުމެވެ. ޓްވީޓްތަކުގައި ނަސްލީ ތަފާތު ކުރުމުގެ ބަސްތައް ބޭނުން ކުރުމެވެ. ކަޅު ނަސްލަށް ވުރެ ދޮން ނަސްލުގެ މީހުންގެ މަތިވެރިކަމަށް ޓްރަމްޕް ތާއީދުކުރާކަން އެނގެ އެވެ. ދޮން ނަސްލުގެ ފުލުހެއްގެ އަނިޔާވެރި އަމަލަކުން ކަޅުނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑު މަރުވުމާ އެކު މުޅި އެމެރިކާ ކެކި އަރައިގަތެވެ. ޒަމާނުއްސުރެ އެމެރިކާގެ ރަހުމަތްތެރި ގައުމުތަކާ ދެބަސްވެފައިވެ އެވެ. ޓްރަމްޕުގެ ގޮތް ދޫނުކުރުމުގެ އެއް މިސާލަކީ އިންތިޚާބުން ނާކާމިޔާބުވުމުން ވެސް ބަލި ގަބޫލް ނުކުރެއްވުމެވެ.
ޓްރަމްޕުގެ ވެރިކަމުގައި ވަނީ ކޮންސްޕިރަސީ ތިއަރީތައް ކުރިއަށް ނެރެފަ އެވެ. އެންމެ އަރިސް ބޭފުޅުންނަށް ވެސް ޓްވީޓްތަކުގައި ހުތުރު ބަސްތައް ބޭނުން ކުރައްވާފައިވެ އެވެ.
ޓްރަމްޕުގެ ވެރިކަމުގެ ފަހު ދައުރުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮރޯނާވައިރަހެވެ. އެމެރިކާ އަށް ކޮރޯނާވައިރަސް ފޯރުމުގެ ކުރިން ސިޔާސީ ގޮތުން ޓްރަމްޕް ހުންނެވީ ބާރުވެރި ކޮށެވެ. އެކަމަކު ކޮރޯނާވައިރަސް ކޮންޓްރޯލް ނުކުރެވި މުޅި ދުނިޔޭން ވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމަކަށް އެމެރިކާ ވުމާ އެކު ރައްޔިތުންގެ މާޔޫސްކަން ބޮޑުވި އެވެ. ސިއްހީ ތަޖްރިބާކާރުންގެ ލަފަޔާ ދެކޮޅަށް ޓްރަމްޕް މަސައްކަތް ކުރައްވަން ފެއްޓެވި އެވެ.
ބޮޑު ކާރިސާތަކަށް ފަހު ގައުމު އަރައިގަތުމާ އެކު ރައީސުންނަށް މީގެ ކުރިން ތާއީދު ބޮޑުވެފައި އެބަހުއްޓެވެ. ފްރޭންކްލިން ޑި ރޫޒްވެލްޓުގެ ތާއީދު އިތުރުވެފައި ވަނީ ގްރޭޓް ޑިޕްރެސަނުން އެމެރިކާ ސަލާމަތް ކުރުމުންނެވެ. ޖޯޖް ޑަބްލިއު ބުޝްގެ ތާއީދު ވަނީ ސެޕްޓެމްބަރު 11 އަށް ފަހު އިތުރުވެފަ އެވެ. އެކަމަކު ކޮވިޑް އިން އަރައިނުގެނެވިގެން އުޅެނިކޮށް އެ ރޯގާގެ ތެރޭގައި ޓްރަމްޕުގެ ވެރިކަން ވަނީ ނިމިފަ އެވެ.
ސިޔާސީ ތަޖްރިބާކާރުން ބުނެފައި ވަނީ ޓްރަމްޕް މަތިން އެމެރިކާގެ އެތައް ބަޔަކު ވަނީ ފޫހިވެފަ އެވެ. އެމެރިކާ އާއްމު ހާލަތަކަށް ގެނެސް ދުނިޔޭގައި އިހްތިރާމް ލިބިގެންވާ ގައުމަކަށް އެމެރިކާ ހެދުމަށް އެ ގައުމުގެ އަޣުލަބިއްޔަތު ބޭނުންވެ އެވެ. އެމެރިކާ އެކަތި ގަނޑަކަށް ހަދަން ބޭނުންވެ އެވެ. އެ މަސައްކަތް ކުރެއްވޭނެ ބޭފުޅަކީ ޖޯ ބައިޑަން ކަމަށް ގިނަ ބަޔަކު މި ފަހަރު އެވަނީ ނިންމައިފަ އެވެ. އެކަމުގެ ހެއްކަކީ ރެކޯޑް އަދަދެއް ކަމަށްވާ 74 މިލިއަން މީހުންގެ ތާއީދު ބައިޑަން އަށް އޮތްކަން އިންތިޚާބުގައި ހާމަކޮށްދިނުމެވެ.