09 ނޮވެމްބަރ 2020 - 09:42

އަންނަ އަހަރުގެ ބަޖެޓުގައި އިގްތިސާދު ފުޅާކޮށް ސިނާއަތްތައް ކުރިއެރުވުމަށް ހަތް ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ އިގްތިސާދު އާރާސްތުކޮށް، "ސިންދަފާތުކޮށް ވިލުންވެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އިންވެސްޓްމަންޓްތަކަށް އިސްކަންދީފައިވާ ބަޖެޓެއް" ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ޓޫރިޒަމް މާކެޓިން އަށް 154 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅައިފަ އެވެ.
"އެއާލައިންތަކުން ދަނީ ރާއްޖެ އަށް އަލުން ދަތުރުތައް ފަށަމުން. އާ އެއާލައިންތައް ވެސް ރާއްޖެ އަށް އަންނަނީ ދަތުރުތައް ފަށަމުން. ރާއްޖެ އަށް އަންނަ ޕްރައިވެޓް ޖެޓުތައް ދަނީ އިތުރުވަމުން. އިތުރު ރިސޯޓުތަކާއި ގެސްޓް ހައުސްތައް ދަނީ އަލުން ހުޅުވަމުން. ގައުމުތަކުން ދަނީ ރާއްޖެއިން ދަތުރުކުރާ ފަރާތްތަކަށް އިތުރު ލުއިތައް ދެމުން. ދުވަހަކަށްވުރެ ދުވަހެއް ފަތުރުވެރިން ޒިޔާރަތް ކުރާ އަދަދު ދަނީ އިތުރުވަމުން،" އަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި މި މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ ހިމަނައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމުގެ މަޝްރޫއުތައް ފެށުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ރޭވިފަ އެވެ.
ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާތީ ރާއްޖޭގައި އިންޓަނޭޝަނަލް ޕޯޓެއް ހެދުމުގެ މަސައްކަތް ވެސް އަންނަ އަހަރު ކުރިއަށް ދާނެ އެވެ. މި މަޝްރޫއުގެ ބިން ހިއްކުމުުގެ މަސައްކަތުގެ ބޮޑު ބައި މިހާރު ނިމިފައިވާއިރު އަންނަ އަހަރު މި މަޝްރޫއަށް 476 މިލިއަން ރުފިޔާ ވަނީ ބަޖެޓު ކޮށްފަ އެވެ.
އަމީރު ވިދާޅުވިގޮތުގައި އިންޓަނޭޝަނަލް ޕޯޓާއެކު މާލެ އާއި ވިލިނގިއްޔާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ. މި މަޝްރޫއަށް ބޭނުންވާ ފައިނޭންސް މިހާރު ވަނީ ހަމަޖެހިފައި ކަމަށާއި މި މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަންނަ އަހަރުގެ ބަޖެޓުގައި މި މަޝްރޫއަށް ވަނީ 469 މިއަން ރުފިޔާ ބަޖެޓުކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ވެސް މަސްވެރިކަމުގައި ވެލިއު އެޑިޝަންއަށް ކުރަން ޖެހޭ އިންވެސްޓްމަންޓްތައް ކުރުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން މިފްކޯގެ ކޫއްޑޫ އަދި ކަނޑުއޮތްގިރީގައި ހިދުމަތް ފުޅާކޮށް ވަސީލަތްތައް ތަރައްގީކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެލިއު އެޑްކުރުމަށް އައްޑޫ ސިޓީގެ ހަތަރު ރަށެއްގައި ގޭދޮށު މަސްފެކްޓްރީ އެޅުމުގެ މަސައްކަތާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަން އަށް ބޭނުންވާ ވަސީލަތްތަކާއި، ސްޓޯރޭޖާއި، މަސްފިނި ކުރުމުގެ ނިޒާމްތައް ގާއިމްކުރުމަށް ބަޖެޓުގައި ވަނީ ރާވައިފަ އެވެ.
"ބާނާ މަހުގެ އިތުރުން އާލާކުރާ މަސްވެރިކަން ވެސް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އަމާޒެއް. ރާއްޖޭގެ ކަނޑުފަޅުގައި މަސް އާލާކޮށް މި ސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް 2021 ވަނަ އަހަރު ވެސް ރޭވިފައިވޭ،" އަމީރު ވިދާޅުވި އެވެ.
ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމުގެ ގޮތުން އެގްރޯ ނެޝަނަލް ކޯޕަރޭޝަނަށް އަންނަ އަހަރުގެ ބަޖެޓުން ކެޕިޓަލް ކޮންޓްރިބިއުޝަން ގޮތުގައި 84 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހިމަނައިފަ އެވެ. މިގޮތުން، ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމާ އެކު ކޮންޓްރެކްޓް ފާމިން ފަދަ އާ ކަންކަން އެ ސިނާއަތަށް ތައާރަފު ކުރުމާއި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަނޑުވެރިން އުފައްދާތަކެތި ރަނގަޅު ފެންވަރެއްގައި ބެހެއްޓުމާއެކު އެ ތަކެތި މާކެޓްކޮށް ވިއްކުމަށް މަގުފަހިކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް މި ބަޖެޓުން އެހީތެރިވެދޭނެ ކަމަށް އަމީިރު ވިދާޅުވި އެވެ.
އިގްތިސާދު ކުރިއެރުވުމަށް ޕަބްލިކް ސެކްޓާގެ އިތުރުން ޕްރައިވެޓް ސެކްޓާ އަށް އެހީވުމަށް ވެސް ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެގޮތުން އެސްޑިއެފްސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާއިރު އެސްޑީއެފްސީ އަށް ސީޑް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުން ދޫކުރާނެ އެވެ. އަދި އެސްއެމްއީ ގާނޫނުގައިވާ ގޮތުގެ މަތިން އިތުރު 50 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ އެވެ.