އަންނަ އަހަރަށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް
އަންނަ އަހަރަށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް

އަންނަ އަހަރަށް ދައުލަތުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މި ބަޖެޓަކީ މި އަހަރުގެ ބަޖެޓާ އަޅާ ބަލާއިރު ތިން ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން 37.8 ބިލިއަން ރުފިޔާ ފާސް ކުރި ނަމަވެސް ކޮވިޑް-19ގެ ސަބަބުން ބަޖެޓު މިިހާރު ވަނީ 31.7 ބިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ.

އަމީރު ވިދާޅުވިގޮތުގައި އަންނަ އަހަރުގެ ބަޖެޓު ތައްޔާރުކުރުމުގައި އަސާސަކަށް ބަލާފައިވަނީ "ނެޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ" ޕްލޭންގައި އިސްކަންދީފައިވާ ކަންކަމަށެވެ. މި ޕްލޭނަކީ ސަރުކާރުން އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް، ސަރުކާރުން އެންމެ އިސްކަން ދޭ ކަންތައްތައް ހިމަނައިގެން އެކުލަވާލައިފައިވާ ޕްލޭނެކެވެ. މި ޕްލޭން އެކުލަވާލާފައި ވަނީ ރައީސް އެކުލަވާލެއްވި "ނެޝަނަލް ޓާސްކްފޯސް އޮން ރެޒިލިއަންސް އެންޑް ރިކަވަރީ"ގެ މަޝްވަރާގެ މަތިން ކަަމަށް އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓަކީ ވެސް ޑެފިސިޓް ބަޖެޓެކެވެ. އެގޮތުން 15.5 ބިލިއަން ރުފިޔާ ބަޖެޓް ޑެފިސިޓްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާ ކޮށްފަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 23.4 ޕަސެންޓެވެ.

- ޖުމްލަ ބަޖެޓް: 34.7 ބިލިއަން ރުފިޔާ.

- އާމްދަނީ އާއި ހިލޭ އެހީ: 17.8 ބިލިއަން ރުފިޔާ.

- ޖުމްލަ ޚަރަދު: 33.3 ބިލިއަން ރުފިޔާ.

- ބަޖެޓް ޑެފިސިޓް: 15.5 ބިލިއަން ރުފިޔާ.

އަންނަ އަހަރު ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް ލަފާ ކޮށްފައިވަނީ ތިން ދާއިރާއަކުންނެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއީ ޖުމްލަ އާމްދަނީގެ 55 ޕަސެންޓެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އާމްދަނީގެ 32 ޕަސެންޓް ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. އެއީ 5.75 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާ ކޮށްފަ އެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ޓަކައި އަންނަ އަހަރު ހަ ކަމެއް ތައާރަފުކުރާ ގޮތަށް ވަނީ ނިންމައިފަ އެވެ. އެއާއެކު ދައުލަތަށް 1.2 ބިލިއަން ރުފިޔާ އިތުރުވެގެން ދާނެ ކަމަށް ލަފާކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛

- ޓެލެކޮމް ލައިސަންސް ފީއަށް ގެނައި ބަދަލާއި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުން (300 މިލިއަން ރުފިޔާ)

- ދިވެހިންނަށް ބިން ވިއްކުން (300 މިލިއަން ރުފިޔާ)

- އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި އެއާޕޯޓް ސާވިސް ޗާޖުގެ ރޭޓުތައް ބަދަލު ކުރުން (273 މިލިއަން ރުފިޔާ)

- ޓޫރިޒަމަށް ބިން ދޫކުރުން (154 މިލިއަން ރުފިޔާ)

- ރިއަލް އެސްޓޭޓް ޓޫރިޒަމް (154 މިލިއަން ރުފިޔާ)

- މާލެ ސަރަހައްދުން ކޮންޖެޝަން ޗާޖެއް/ ޕާކިން ފީއެއް ނެގުން (37 މިލިއަން ރުފިޔާ)

އެހެން އަހަރުތަކާ އެއްގޮތަށް އަންނަ އަހަރު ވެސް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ކުރާނީ ރިކަރަންޓް ޚަރަދުގެ ގޮތުގަ އެވެ. އެގޮތުން ރިކަރަންޓް ޚަރަދުގެ ގޮތުގައި ޖުމްލަ ޚަރަދުގެ 62 ޕަސެންޓް، ނުވަތަ 21.67 ބިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާ ހޭދަވާއިރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

- ސިއްހީ ދާއިރާ: 4 ބިލިއަން ރުފިޔާ

- އިޖުތިމާއީ ރައްކާތެރިކަން: 3.7 ބިލިއަން ރުފިޔާ

- އިގުތިސާދީ އަދި ސިނާއީ ކުރިއެރުމަށް ކުރާ ޚަރަދު: 7 ބިލިއަން ރުފިޔާ

- ގެދޮރު އިމާރާތް ކުރުމާއި މުޖުތަމައުގެ ފައިދާއަށް ދޭ ހިދުމަތްތައް: 2.3 ބިލިއަން ރުފިޔާ

- ތައުލީމީ ދާއިރާ: 3.95 ބިލިއަން ރުފިޔާ

- ތިމާވެށި ރައްކާތެރި ކުރުން: 1.9 ބިލިއަން ރުފިޔާ

- ދިފާއީ ކަންތައްތައް ބެލެހެއްޓުން އަދި އަދުލު އިންސާފާއި އަމަންއަމާންކަން ގާއިމްކުރުން: 4.2 ބިލިއަން ރުފިޔާ

އަންނަ އަހަރު ނިމޭއިރު ރަސްމީ ރިޒާވުގައި 696 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.