ކަނޑިންމަ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 60 އަށް
ކަނޑިންމަ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 60 އަށް

ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 60 އަށް އަރާފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ން މިރޭ ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑު-19 ގައި މަރުވި ކަނޑިންމަ ރިސޯޓުގެ މުވައްޒަފަށް ފަހު، އެ ރިސޯޓުން 60 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެތެރޭގައި ކަރަންޓީނުގައި ތިއްބައި ޕޮޒިޓިވްވި ބަޔަކު ވެސް ހިމެނެ އެވެ.

އެ ރިސޯޓުން ފެނުނު ކްލަސްޓާއާ އެކު 60 މީހުން ޕޮޒިޓިވްވިއިރު ކޮންޓެކްޓުންގެ ގޮތުގައި 44 މީހުން ދެނެގަނެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މުޅި ރާއްޖެ އިން އިތުރު 24 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް މާލެ ސަރަހައްދުން 18 މީހަކާއި ރަށްރަށާއި ރިސޯޓުތަކުން ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ މުޅި ޖުމްލަ 1،392 ސާމްޕަލްގެ ތެރެއިންނެވެ. އެއާއެކު މުޅި ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 11،986 އަށް އެރީ އެވެ.

އެ ބަލިން 26 މީހަކު މިއަދު ރަނގަޅުވެފައިވާތީ މި ވަގުތު ކޮވިޑަށް ފަރުވާ ދެމުން އަންނަނީ 847 މީހުންނަށެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 60 މީހަކަށް ފަރުވާދެ އެވެ. އެކަމަކު ސީރިއަސް ހާލަތުގައި، ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދޭ އެއްވެސް މީހަކު ނެތެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި މި ވަގުތު 226 މީހުން އެބަތިއްބެވެ.

މާލޭގެ އިތުރުން މީހުން ދިރިއުޅޭ 14 ރަށަކާއި 26 ރިސޯޓަކުން 138 މުވައްޒަފުންނާއި 52 ޓޫރިސްޓަކު އަންނަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ.