08 ނޮވެމްބަރ 2020 - 22:12

ތެހެރާން (ނޮވެމްބަރު 8) - ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު އެމެރިކާގެ ވެރިކަމުގައި ހުންނަވައިގެން ޑޮނަލްޑް ޓްރަމްޕް ހެއްދެވި ހުރިހާ ގޯހެއް، ޖޯ ބައިޑަންގެ ސަރުކާރުން ރަނގަޅު ކުރަން ޖެހޭނެ ކަމަށް އީރާނުން ބުނެފި އެވެ.
ޓްރަމްޕުގެ ވެރިކަމުގައި އީރާނާ އެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ޚާއްސަކޮށް ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުން 2018 ވަނަ އަހަރު އެމެރިކާ ވަކިވުމުން، ދެ ގައުމުގެ ގުޅުން އިތުރަށް ހީނަރުވި އެވެ. ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށް ފަހު ޓްރަމްޕުގެ ސަރުކާރުން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށި ކޮށްފަ އެވެ.
"ޓްރަމްޕުގެ ގެއްލުން ބޮޑު ސިޔާސަތަށް އެމެރިކާގެ ރައްޔިތުން ވެސް ވަނީ ދެކޮޅު ހަދާފައި. އެމެރިކާގައި ދެން ގާއިމްކުރާ ސަރުކާރުން ކުރަން ޖެހޭނެ ކަމަކީ ޓްރަމްޕް ހެއްދެވިހާ ގޯހެއް ރަނގަޅުކޮށް އެ ގޯސްތަކަށް ބަދަލު ދިނުން،" އީރާނުގެ ރައީސް ހަސަން ރޫހާނީއާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނެފައިވެ އެވެ.
ރޫހާނީ ވިދާޅުވީ ޓްރަމްޕުގެ ވިޔާނުދާ ސިޔާސަތުތަކަށް ދެކޮޅު ހަދާފައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުން އެކަނި ނޫން ކަމަށާއި އެމެރިކާގެ ރައްޔިތުން ވެސް ވަނީ ޓްރަމްޕުގެ ސިޔާސަތާ ދެކޮޅުކަން ދައްކުވައިދީފައި ކަމަށެވެ.
"ޓަރްމްޕުގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީގައި އީރާނުގެ ރައްޔިތުން ދެއްކި ސާބިތުކަމުގެ ނަތީޖާ އަކީ އެފަދަ ކޮންމެ ފިޔަވަޅެއް އާޚިރުގައި ފެއިލްވެގެންދާނެކަން،" ރޫހާނީ ވިދާޅުވި އެވެ.
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ އެމެރިކާގެ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެ ގައުމާ ދެކޮޅަށް ތެހެރާނުން ގެންގުޅޭ ސިޔާސަތު ބަދަލު ނުވާނެ ކަމަށެވެ.
ބައިޑަންގެ ކެމްޕޭނުގައި ވަނީ، 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުގައި އީރާނާ އެކު އަލުން ސޮއިކުރުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވެފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ބައިޑަންގެ ނައިބް ރައީސްކަމުގަ އެވެ.