08 ނޮވެމްބަރ 2020 - 19:31

ރަސްމީ ދަތުރެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ. މިއީ ޖެނުއަރީ 29، 2020 ގައި އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަގާމާ ހަވާލުވެވަޑައިގެން ފަހުން ޝްރިންގްލާ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.

ފޮރިން މިނިސްޓްރީން ބުނީ، ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި މިދިޔަ ޑިސެމްބަރު މަހު ނިއު ދިއްލީގައި ބޭއްވި ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީގެ މި ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ވެސް ބައްދަލުކުރައްވާނެ އެވެ.
ޝްރިންގްލާ ރާއްޖެ ވަޑައިގެންނެވިއިރު އެމެރިކާގެ ސެކްރެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވެސް މިދިޔަ މަހުު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އެއީ 16 އަހަރު ފަހުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓަކު ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރެވެ.