08 ނޮވެމްބަރ 2020 - 18:26

ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ސިއްހީ އަދި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ޔޫއެންޑީޕީން ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) މިއަދު ހަދިޔާކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، ޕީޕީއީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާ ހަވާލުކުރެއްވީ، ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް މަންދޫބު އަކީކޯ ފުޖީ އެވެ. އެތަކެތީގެ އިތުރުން ގެސްޓްހައުސް މުވައްޒަފުންނަށް އެއް މިލިއަން ނޮން-ސާޖިކަލް މާސްކް ޓިއޯޗިއު އިންޓަނޭޝަނަލް ފެޑަރޭޝަންއާ ގުޅިގެން ޔޫއެންޑީޕީން ހަދިޔާކުރި އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ޔޫއެންޑީޕީން ހަދިޔާކުރި ޕީޕީއީއާ އެކު ފްރަންޓްލައިން މަސައްކަތްތެރިންނަށް އިތުރު ރައްކާތެރިކަމެއް ލިބުނީ ކަމަށެވެ.
"މި ނިއު ނޯމަލްގައި އަޅުގަނޑުމެންގެ ޓޫރިޒަމް ދާއިރާ ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތަށް، ޓިއޯޗިއު އިންޓަނޭޝަނަލް ފެޑަރޭޝަނާ ގުޅިގެން ހަދިޔާކުރި އެއް މިލިއަން މާސްކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ސިއްހީ މަސައްކަތްތެރިންނަށް ޕީޕީއީ ހަދިޔާކުރީ ޔޫއެންޑީޕީން ކުރިއަށް ގެންދާ "ކޮވިޑް-19 އިންޓަގްރޭޓެޑް ރެސްޕޮންސް ސަޕޯޓް" ގެ ދަށުންނެވެ.
- 1،080 ހަޒްމެޓް ސޫޓް
- 10،080 އެން95 މާސްކް
- 5،000 ސާޖިކަލް ގައުން
- 6،000 ސާޖިކަލް މާސްކް
- 400 ގޮގްލް
- 6،000 ބޯ ނިވާކުރާ ކަވަރު
- 2،000 ފޭސް ޝީލްޑް
- 5،000 ފައިވާން ނިވާކުރާ ކަވަރު
- 10،000 އެގްޒަމިނޭޝަން އަންގި
ގެސްޓްހައުސްތަކުގައި މުވައްޒަފުންނަށް ޕީޕީއީ ދޭން ނިންމީ، ޔޫއެންޑީޕީ އާއި އެކޮނޮމިކް މިނިސްޓްރީން ގުޅިގެން ތައްޔާރުކޮށްފައިވާ "ރެޕިޑް ލައިވްލިހުޑް އެސެސްމަންޓް" ގައިވާ ހުށަހެޅުންތަކާ އެއްގޮތަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.