ރޫޓުގެ ފައިސާ ފޭރެން އުޅުނު އިތުރު ބައެއްގެ ވަނަވަރު އާއްމުކޮށްފި
ރޫޓުގެ ފައިސާ ފޭރެން އުޅުނު އިތުރު ބައެއްގެ ވަނަވަރު އާއްމުކޮށްފި

ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ޖަމާކުރަން ގެންދިޔަ ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރާ އިތުރު ތިން މީހެއްގެ ވަނަވަރު ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

މިދިޔަ މަހުގެ 25 ގައި ބޭންކަށް ޖަމާކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ފޭރެން އުޅުނީ ހެލްމެޓް އަޅައިގެން، ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހެކެވެ. ނަމަވެސް އެ ބޮޑު ފޭރުން ނާކާމިޔާބުވީ ބޭންކްގެ ސެކިއުރިޓީއަކަށް ހުރި އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަންގެ ސެކިއުރިޓީ ގާޑު އަހުމަދު ހަސަން މަނިކު އެކަމަށް ހުރަސްއެޅުމުންނެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިން ފުލުހުން ވަނީ ފޭރުމާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު އާއްމުކޮށްފަ އެވެ. މި ފަހަރު އާއްމުކޮށްފައިވަނީ މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހު ހައްޔަރުކުރި ތިން މީހެއްގެ ފޮޓޯއާއި އެ މީހުންގެ މައުލޫމާތެވެ. އެއީ މުހައްމަދު މާހީން މަދީހު/ ކ. މާލެ، ގ. ރޮބިންސް، އަހުމަދު މާހިލް ސައީދު/ ސ. ފޭދޫ، ރަންކޮކާގެ އަދި މުހައްމަދު އަޒްމީން/ ރ. ރަސްމާދޫ، އޯކިޑްމާގެ އެވެ.

އެ ތިން މީހުންނަށް ފުލުހުން ކުރަނީ، ފައިސާތައް ފޭރެން ރާވައި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ އަދި ފޭރުނު މީހުންނަށް އެހީތެރިވެދިން ކަމުގެ ތުހުމަތެވެ. މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި ފޭރުން ހުއްޓުވި ސެކިއުރިޓީ ގާޑާއި ރޫޓުގެ މުވައްޒަފުންގެ އަގު ވަޒަންކޮށް ފައިސާގެ އެހީ ދީފައި ވެ އެވެ.