ބޭރަށް ސަލާންޖެހުން އެމްޑީޕީން ސިސްޓަމަކަށް ހަދައިފި: ޖަމީލް
ބޭރަށް ސަލާންޖެހުން އެމްޑީޕީން ސިސްޓަމަކަށް ހަދައިފި: ޖަމީލް

ބޭރު ގައުމުތަކުގެ އެހީއަށް އެދި ސަލާން ޖެހުން އެމްޑީޕީން "ސިސްޓަމަކަށް" ހަދާފައިވާ ކަމަށް ވިދާޅުވެ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި މައްސަލައިގައި ކުރީގެ ނައިބުރައީސް މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފަ އެވެ.

ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ.

ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރުމުން ރައްޔިތުންނަށް އެކަމުގެ ތަކުލީފު ބޮޑުވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތައް ޖީލެއްގެ އިގްތިސޯދު ފުނޑުފުނޑުވެގެން ދިޔައީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ބުނި އެމްޑީޕީން މިވަނީ ގައުމުގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާންޖެހުން ސިސްޓަމަކަށް ހަދާފައި،" ޖަމީލް ވިދާޅުވި އެވެ.

ރާއްޖޭގެ ރޭޓިން ދަށްކޮށް ފިޗުން ބުނީ ރާއްޖެއިން އެކި ގައުމުތަކުގެ އެހީ ހޯދި ނަމަވެސް ރާއްޖޭގައި ބޭރު ފައިސާ މަދު ކަމަށެވެ. އެހެންވެ އެހެން ގައުމުތަކަށް ބަރޯސާވާން ޖެހޭ ވަރު ބޮޑު ކަމަށާއި ޓޫރިޒަމް ރަނގަޅު ނުވަނީސް ޑޮލަރު އިތުރު ނުކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ ފިޗުގެ ރޭޓިން ގަބޫލުކުރުމަށް ދެކޮޅު ހަދާފަ އެވެ. މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ހާލަތުގައި ވެސް ރާއްޖެއިން ނަގާފައިވާ ލޯނުތައް ބަރާބަރަށް ދައްކަމުން އަންނަ ކަމަށެވެ. މި ހާލަތުގައި ދުނިޔޭގެ އިގްތިސޯދު ވެސް ދަށްވެފައި ވާއިރު ގިނަ ގައުމުތަކުން ރާއްޖެ އަށް ހިލޭ އެހީ އަދި ލޯނު ވެސް ދީފައި ވެއެވެ.

ފިޗުގެ ރޭޓިން ދަށްކުރި މައްސަލައިގައި މަޖިލީހުގެ ރައީސް ވިދާޅުވީ ލޯންތައް ރިސްޓްރަކްޗާ ކުރުމުން މައްސަލަ ލުއި ވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް މިދިޔަ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ނަޝީދު އިޝާރާތްކުރެއްވި އެވެ.