ލައިފް: އަނެއްކާ ވެސް މާސްގެ ތަޖުރިބާ އެހެން ގޮތަކަށް
ލައިފް: އަނެއްކާ ވެސް މާސްގެ ތަޖުރިބާ އެހެން ގޮތަކަށް

މާސްގައި ތާށިވެގެން، މެޓް ޑޭމަން އަށް ޖެހުނު ހާލު މިދިޔަ އަހަރުގެ ފިލްމް "މާޝަން" އިން ބެލުންތެރިން ވާނީ ތަޖުރިބާކޮށްފަ އެވެ.

މާސްގައި ދިރުމެއް ހުރިތޯ ބަލަން ކުރާ ދަތުރުގައި އޭނާގެ ބައިވެރިންނާ ވަކިވެ، މާސްގައި އެކަނިމާއެކަނި ދުވަސްތައް ހޭދަކުރަން ޖެހުނު ގޮތް ފިލްމުގައި ވަރަށް އަސަރު ގަދަކޮށް ގެނެސް ދީފައިވެ އެވެ.

މާސްގައި މެޓް ކުރާ ކަންކަމުގެ ތެރެއިން އެންމެ އާދަޔާހިލާފު ކަމަކީ މާސްގައި އަލުވި ހައްދައިގެން ކެއުމެވެ.

ކުރިއަށް ވެސް މިއޮތީ މިކަހަލަ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. އެއީ "ލައިފް" އެވެ. އިންޓަނެޝަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގެ ހަ އެސްޓްރޮނޯޓަކު ކުރާ މި ދަތުރަކީ ވެސް މާސްގައި ދިރުމެއް ހުރި ކަމުގެ އެއްވެސް ހެއްކެއް ފެނޭތޯ ކުރާ ދަތުރެކެވެ.

މި ދަތުރުގައި އެކަމަށް ހެކި ވެސް ލިބެ އެވެ. ހަމަ އެއާ އެކު މާސް އިން އަންނަ އޭލިއަންތަކެއްގެ ސަބަބުން މި ހަ މީހުންނަށް ތަފާތު ކަންކަމާ ކުރިމަތިލާން ޖެހެ އެވެ.

ސައިންސް ފިކްޝަން ފިލްމްތަކަށް ލޯބިކުރާ މީހުންނަށް "ލައިފް" ގެ ގެ ވާހަކަ މި ވަރަށް ކިޔައި ދީފައި ފުއްދައިލާނީ އެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލާ ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ.

ޕޯލް ވާނިކާއި ރިޓް ރީޒްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ލައިފް" ގެ ޓްރެއިލާ އިން ވެސް މިއީ ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ ގިނަ ކަންތައްތަކެއް ފެނިގެން ދާނެ ފިލްމެއްކަން އެނގެ އެވެ.

ޑެނިއަލް އެސްޕިނޯސާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރަޔަން ރެނޮލްޑްސް، ޖޭކް ގިލެންހާލް އަދި ރެބެކާ ފާގަސަން ފާހަގަކޮށްލެވެ އެވެ.

ކޮލަމްބިއާ ޕިކްޗާޒް އިން ގެނެސްދޭ "ލައިފް" ސިނަމާތަކަށް އަންނާނީ މެއި 24، 2017 ގަ އެވެ.