08 ނޮވެމްބަރ 2020 - 09:15

ލަންޑަން (އޭޕްރީލް 8) - އިނގިރޭސި ޕްރިމިއާ ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑް އަތުން ފަހަތުން އަރައި 4-1 އިން މޮޅުވެ ޗެލްސީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި މި ވަގުތު އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު ސަައުތެމްޓަން އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ހަތް މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ ތިން ވަނަ އަށް ޖެހިލީ އަށް މެޗުން 15 ޕޮއިންޓް ހަމަކޮށް ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީއާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ.
ލީގުގައި މިއަދު ޓޮޓެންހަމާއި ލެސްޓާ އަދި ލިވަޕޫލް ކުޅޭ މެޗުތަކަށް ފަހު ލީގުގެ އެއް ވަނަ އާއި ދެ ވަަނަ އަދި ތިން ވަނަ އަށް ބަދަލު އަންނާނެ އެވެ. ޓޮޓެންހަމް ރަށުން ބޭރުގައި ވެސްޓް ބްރޮމްއާ ކުޅޭއިރު، ލެސްޓާ އަމިއްލަ ދަނޑުގައި ވުލްވްސްއާ ބައްދަލުކުރާނެ އެވެ. އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ނުކުންނާނީ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.
ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި ޝެފީލްޑަށް ލީޑުނަގައިދިނީ ތަޖުރިބާކާރު ފޯވާޑް ޑޭވިޑް މެކްގޯލްޑްރިކް އެވެ. މި ގޯލަކީ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ބަލަހައްޓަމުން ދިޔަ ގޯލަށް ޕްރިމިއާ ލީގުގައި ވަން ފުރަތަމަ ލަނޑެވެ.
ޝެފީލްޑުން ލީޑުނެގުމާ އެކު ޗެލްސީން އެޓޭކް ވަރުގަދަކޮށް މެޗުގެ 23 ވަނަ މިނިޓްގައި ޓެމީ އަބްރަހަމްގެ ގޯލުން ނަތީޖާ ހަމަހަމަކުރި އެވެ. އޭނާ މި ލަނޑު ޖެހީ މަޓެއޯ ކޮވަސިޗް ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 34 ވަނަ މިނިޓްގައި ބެން ޗިލްވެލް ޗެލްސީ އަށް ލީޑުނަގައިދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަކީމް ޒިޔެޗް ދިން މޮޅު ޕާހަކުންނެވެ.
ދެ ވަނަ ހާފްގައި ޝެފީލްޑަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ޗެލްސީން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. ޗެލްސީގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 77 ވަނަ މިނިޓްގައި ތިއާގޯ ސިލްވާ އެވެ. ޗެލްސީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސިލްވާ މި ގޯލު ޖެހީ ޒިޔެކް ނަގައިދިން ހިލޭ ޖެހުމަކުން ބޮލުންނެވެ. އޭގެ ތިން މިނިޓް ފަހުން ޝެފީލްޑް ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ޓިމޯ ވާނާ ވަނީ ޗެލްސީ އަށް ހަތަރު ވަނަ ލަނޑެއް ޖަހައިދީފަ އެވެ.
ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނީ މެޗު ފަށައިގެން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އެހެން ނަމަވެސް ޕްރެޝަރަށް ހޭނި ޗެލްސީގެ ކުޅުންތެރިން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން މި މޮޅު ހޯދުމުން ހިތްހަމަޖެހޭ ކަމަށެވެ.
ލީގުގައި ރޭ ރަށުން ބޭރުގައި އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް ވަނީ 3-1 އިން މޮޅުވެފަ އެވެ. މި ނަތީޖާއާ އެކު ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި އޮލެ ގުނަ ސޯލްޝެއާ އަށް މަގާމުގައި ދެމިހުރެވޭނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް ވަނީ ލިބިފަ އެވެ. ޔުނައިޓެޑް އޮތީ ހަތް މެޗުން ލިބުނު 10 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ.