08 ނޮވެމްބަރ 2020 - 01:37

ވޮޝިންޓަން (ނޮވެމްބަރު 8) - އެމެރިކާގެ ރިޔާސީ އިންތިޚާބުން ބަލިވެއްޖެކަން ގަބޫލް ކުރައްވަން ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވައިފި އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ޓީވީ ނެޓްވޯކްތަކުން ޑިމޮކްރެޓިކް ޕާޓީގެ ކާމިޔާބީ އިއުލާން ކުރުމާ އެކު ޖޯ ބައިޑަން ވަނީ އަވަސް އަރުވާލައިގެން އެމަނިކުފާނަކީ ރައީސްކަން އިއުލާން ކުރައްވާފައި ކަމަށެވެ.
"ކާމިޔާބު ކުރި ފަރާތަކީ ބައިޑަންކަން އަވަސް އަރުވާލައިގެން އިއުލާން ކުރި ސަބަބު އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ. އަދި އެ މަނިކުފާން ކޮޅަށް ޖެހިފައިވާ މީޑިއާތަކުން އެހީވަނީ ކީއްވެކަން ވެސް އެނގޭ. އެ މީހުން ބޭނުމެއް ނޫން ހަގީގަތް ހާމަކުރަން،" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އެންމެ އާދައިގެ ހަގީގަތަކީ އިންތިޚާބު އަދި ނުނިމޭކަން ކަމަށެވެ. އެ މަނިކުފާން ވިދާޅުވީ ބައެއް ސްޓޭޓްތަކުގެ ނަތީޖާ އަދި މުޅިން ނުނިންމާ ކަމަށެވެ. ޓްރަމްޕުގެ ކެމްޕޭނުން މިހާރު ވަނީ ގާނޫނީ ގިނަ މައްސަލަތަކެއް ކޯޓަށް ހުށަހަޅައިފަ އެވެ.
އެކަމަކު މިހާތަނަށް ކަށަވަރުވެފައިވާ ނަތީޖާތައް ދައްކާ ގޮތުން ބައިޑަން ވަނީ 279 އިލެކްޓޯރަލް ކޮލެޖް ވޯޓް ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 214 ވޯޓެވެ.