08 ނޮވެމްބަރ 2020 - 11:46

ވޮޝިންޓަން (ނޮވެމްބަރު 8) - އެމަނިކުފާން ވާނީ އެމަނިކުފާނަށް ވޯޓުލީ މީހުންނާއި ވޯޓު ނުލާ މީހުންގެ ވެސް ރައީސްއަކަށް ކަމަށާއި ކުރިއަށް އޮތީ އެމެރިކާ އަށް އާ ދުވަސްތަކެއް ގެނައުމުގެ ވައުދު ފުއްދުން ކަމަށް އެމެރިކާގެ 46 ވަނަ ރައީސްގެ މަގާމަށް އިންތިޚާބުވެފައިވާ ޖޯ ބައިޑަން މިއަދު ވިދާޅުވެއްޖެ އެވެ.
އުފަން ސްޓޭޓް ޑެލަވެއާގެ އައުޓްޑޯ ސްޓޭޖެއްގައި ދުވެވަޑައިގަތުމަށް ފަހު ބައިޑަން ވަނީ އެމެރިކާގެ ރައްޔިތުންނަށް އުއްމީދުގެ މެސެޖެއް ދެއްވައިފަ އެވެ.
"އަޅުގަނޑު މި ވައުދު ވަނީ އެމެރިކާ އެކަތިގަނޑަކަށް ހަދައިދޭނެ ކަމަށް،" ކާމިޔާބީގެ ތަގްރީރުގައި ބައިޑަން ވިދާޅުވި އެވެ. "މުޅި ދުނިޔޭގައި އެމެރިކާ އަށް އިހްތިރާމް އަލުން ހޯދައިދޭނަން."
އެމެރިކާ އިން 237،000 އަށް ވުރެ ގިނަ މީހުން މަރުވި ކޮރޯނާވައިރަހާ ގުޅޭ ގޮތުން ބައިޑަން ވިދާޅުވީ ގައުމުގައި ތިބި އެންމެ މޮޅު ސައެންސްވެރިން ހިމެނޭ ޓާސްކް ފޯހެއް ހޯމަ ދުވަހު އުފައްދަވާނެ ކަމަށެވެ.
"ކުރަން ހުރި މަސައްކަތް ވަރަށް ބުރަ. އެކަމަކު އަޅުގަނޑު ތިޔަ ބޭފުޅުނަށް މި ވައުދު ވަނީ އަޅުގަނޑު ވާނީ (އަޅުގަނޑަށް ވޯޓުލީ މީހުންނާއި ވޯޓު ނުލާ މީހުން ވެސް ހިމެނޭ ގޮތަށް) އެމެރިކާގެ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމަށް،" ރިޔާސީ އިންތިޚާބު ބައިޑަން ކާމިޔާބު ކުރައްވައިފި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނުމާ އެކު 77 އަހަރުގެ ކުރީގެ ނައިބް ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ކުރިން ވެސް ދެ ފަހަރެއްގެ މަތިން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނުކުމެވަޑައިގެންނެވި ބައިޑަން ވިދާޅުވީ އިންތިޚާބު މިހާރު ނިމިއްޖެ ކަމަށާއި ދެން އޮތީ އެންމެން އެކަތިގަނޑަކަށްވެ ގައުމެއްގެ ގޮތުގައި ކުރިއަށް ދިއުން ކަމަށެވެ.
ޕެންސިލްވޭނިއާ އާއި ނެވާޑާގެ ވޯޓާ އެކު ބައިޑަން މިހާތަނަށް ވަނީ 279 އިލެކްޓޯރަލް ކޮލެޖް ވޯޓް ކާމިޔާބު ކުރައްވައިފަ އެވެ.
ބައިޑަންގެ ރަނިން މޭޓް ކަމަލާ ހަރިސް، ބައިޑަން އަށް ކުރެއްވި ފޯން ކޯލެއްގައި ވިދާޅުވީ "އަޅުގަނޑުމެން މިކަން ކޮށްފިން" ކަމަށެވެ.
"މަނިކުފާން ދެން ވާނީ އެމެރިކާގެ ރައީސް އަށް،" ބައިޑަންއާ ވާހަކަ ދައްކަވަމުން އެމެރިކާގެ ފުރަތަމަ އަންހެން ނައިބް ރައީސް އަށް ވާނެ ހަރިސް ވިދާޅުވި އެވެ.