07 ނޮވެމްބަރ 2020 - 21:20

ނިއު ޔޯކް (ނޮވެމްބަރު 7) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ދުނިޔެ އިންތިޒާރު ކުރަމުންދާއިރު މޮޅުވި ކެންޑިޑޭޓެއް އަދި އިއުލާންކޮށްފައި ނުވި ނަމަވެސް ޔަގީންވާ އެއް ކަމަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރި މަޝްހޫރު ރެޕާ ކަންޔޭ ވެސްޓަށް އިންތިޚާބު ކާމިޔާބު ނުވާނެ ކަމެވެ.
ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރާނެކަން އެމެރިކާގެ މިނިވަން ދުވަހު، ޖުލައި 4 ގައި އިއުލާންކުރި، ކަންޔޭ އަށް މި ފަހަރުގެ އިންތިޚާބުގައި ލިބިފައި ވަނީ، އިންތިޚާބުގައި ވޯޓުލީ ކަމަށް ބެލެވޭ 160 މިލިއަން މީހުންގެ ތެރޭން 60،000 ވޯޓެވެ. އެންމެ ގިނަ ވޯޓު ހިޕް ހޮޕް ތަރިއަށް ލިބިފައި ވަނީ ޓެނެއްސީންނެވެ. އެ ސްޓޭޓުން ކަންޔޭ އަށް ވަނީ 10،000 މީހުން ވޯޓު ދީފައި ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެ އެވެ.
ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާކަން ހާމަކޮށްފައިވާ ކަންޔޭ ވަނީ ވަޔޯމިންގައި އޭނާ ވޯޓުލީ މަންޒަރު ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އަދި އެއީ ހަޔާތުގައި ވެސް ލީ ފުރަތަމަ ވޯޓު ކަމަށް ބުނެފައިވެ އެވެ.
އެމެރިކާގެ 50 ސްޓޭޓުގެ ތެރޭން ވޯޓު ކަރުދާހުގައި، މަޝްހޫރު ސެލެބްރިޓީ ކިމް ކާޑޭޝަންގެ ފިރިމީހާގެ ނަން ހިމެނުމުގެ ކްރައިޓީރިއާ ފުރިހަމަވީ 12 ސްޓޭޓެއްގަ އެވެ. އެހެންވެ ރައީސްކަމަށް ހޮވުމުގެ މެތަމެޓިކަލް ފުރުސަތު އޭނާ އަށް އޮތީ ކުރިން ވެސް ގެއްލިފަ އެވެ. އިންތިޚާބުން ބަލި ގަބޫލްކޮށް އޭނާ ވަނީ "ކަންޔޭ 2024" ލިޔުމަށް ފަހު ޓްވީޓެއް ކޮށްފަ އެވެ. މާނައަކީ އެމެރިކާގައި ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވެސް އޭނާ ވާދަކުރާނެ ކަމެވެ.