07 ނޮވެމްބަރ 2020 - 20:44

ޕެންސިލްވޭނިއާ (ނޮވެމްބަރު 7) - އިންތިޚާބު ބޭއްވި ދުވަހުގެ ފަހުން ލިބޭ ވޯޓުތައް ގުނުން ހުއްޓުވަން ޕެންސިލްވޭނިއާގެ ރިޕަބްލިކަން ޕާޓީގެ ފަރާތުން އެމެރިކާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ގޮތަށް ކުރިއަށް ނުދާނެ ކަމަށް އެ ކޯޓުގެ ފަނޑިޔާރަކު ނިންމަވައިފި އެވެ.
ފަނޑިޔާރު ސެމިއުލް އަލިޓޯ އަންގަވާފައި ވަނީ ފަހުން ލިބޭ ވޯޓުތައް ވެސް ގުނުމަށެވެ. ނަމަވެސް އެ ވޯޓުތައް ވަކިން ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ. ޕެންސިލްވޭނިއާގެ އެންމެ އިސް އިލެކްޝަން އޮފިޝަލް ކެތީ ބޫކްވާ ވެސް ނިންމަވާފައި ވަނީ އެ ގޮތަށެވެ.
ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަހުން ޕޯސްޓުގެ ޒަރީއާ އިން ލިބޭ ގިނަ ވޯޓަކީ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަށް ތާއިދުކުރާ ފަރާތްތަކުގެ ވޯޓެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީން ބުނެފައި ވަނީ ޕެންސިލްވޭނިއާގެ ގާނޫނުތައް އޮންނަ ގޮތުން އެ ވޯޓުތައް ޑިސްކޮލިފައި ކުރަން ޖެހޭނެ ކަމަށެވެ.
ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ރިޕަބްލިކަން ޕާޓީން ބޭނުންވީ އިންތިޚާބު ބޭއްވި ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭގެ 8 ގެ ފަހުން ލިބޭ ވޯޓުތައް ވަކިން ބެހެއްޓުމަށް ކޯޓުން އަމުރެއް ނެރުމަށެވެ.
"ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިޚާބުގެ ނަތީޖާ މިހާރު ދައްކާ ގޮތުން އެމެރިކާގެ ރައީސް ކަމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމުގައި ޕެންސިލްވޭނިއާގެ ވޯޓުން މުހިންމު ދައުރެއް އަދާކުރާނެ،" ރިޕަބްލިކަން ޕާޓީން ބުނެފައިވެ އެވެ.
ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަހުން ލިބޭ ވޯޓުތައް ގަބޫލް ކުރަން ޕެންސިލްވޭނިއާ ސްޓޭޓުން ނިންމި ނިންމުމާ ދެކޮޅަށް ރިޕަބްލިކަން ޕާޓީން މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ފަހުން ލިބޭ ވޯޓު ގަބޫލް ކުރަން ނިންމި ނިންމުމަށް ޕެންސިލްވޭނިއާގެ ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ ގޮތަށް ނިންމާފައި ވަނީ ކޮރޯނާވައިރަހުގެ ސަބަބުން ޕޯސްޓުގެ ޚިދުމަތަށް ބައެއް ލޮޖިސްޓިކް މައްސަލަތައް ދިމާވެފައިވާތީ އެވެ. ސްޓޭޓުގެ ސުޕްރީމް ކޯޓުގެ ނިންމުން ވަނީ އެމެރިކާގެ ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ފަހުން ވަކި ގޮތެއް ނިންމުން އެކަށީގެންވެ އެވެ.
އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކާމިޔާބުކުރި ޕެންސިލްވޭނިއާގެ ވޯޓުގައި މި ފަހަރު ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. ސްޓޭޓުގެ 20 އިލެކްޓޯރަލް ވޯޓު ބައިޑަން އަށް ލިބިވަޑައިގެންފި ނަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނީ އެވެ.