02 ނޮވެމްބަރ 2016 - 06:26

ފިލްމު ޑައިރެކްޓަރުން ކަމަށްވާ އައްބާސް-މަސްތާންގެ "ރޭސް" ސިލްސިލާގެ ތިން ވަނަ ފިލްމު "ރޭސް 3" ގެ ބަތަލަކީ ސަލްމާން ޚާން ކަމަށް ދާދިފަހުން ވަނީ އަޑު ފެތުރިފަ އެވެ. ނަމަވެސް އައްބާސް-މަސްތާން ބުނި ގޮތުގައި "ރޭސް 3" ކުޅެނން ސަލްމާން ކިބައިން އެދިފައެއް ނުވާނެ އެވެ.
"އަހަރެމެން އަދި ސަލްމާނަށް އެ ފިލްމުގެ ވާހަކަ ކިޔައެއް ނުދެން. އަހަރެމެން އަދި މިއުޅެނީ "ރޭސް 3" އާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް އޭނާއާ ގުޅަން ތައްޔާރުވަމުން. ފިލްމުގައި ހިމަނާނެ ތަރިންނަކީ ކޮބައިކަން ނިންމާނީ އަންނަ އަހަރު،" އައްބާސް-މަސްތާން ބުނެފައިވެ އެވެ.
އައްބާސް-މަސްތާން ބުނި ގޮތުގައި "ރޭސް 3" ގެ ވާހަކަ އަދި އޮތީ ލިޔުމުގެ މަރުހަލާގަ އެވެ. ވާހަކަ ލިޔެ ނިމި އެމީހުންނަށް އެ ވާހަކަ ކިޔަން ލިބުމުން ނޫނީ ފިލްމުގައި ބައިވެރިކުރާނެ މީހުން ހަމަނުޖެއްސޭނެކަމަށް އެމީހުން ބުނެފައިވެ އެވެ.
"ރޭސް" ސިލްސިލާގެ ފުރަތަމަ ދެ ފިލްމަކީ އެކްޝަން-ތުރިލާ ތަކެކެވެ. ފުރަތަމަ ފިލްމު 2008 ގައި ރިލީޒްކޮށްފައިވާއިރު އެ ފިލްމުގައި ލީޑް ރޯލުތައް ކުޅުނީ އަކްޝޭ ކަންނާ އާއި ސައިފް އަލީ ޚާނެވެ. އޭގެ ސީކުއަލް ނުކުތީ 2013 ގަ އެވެ.