ސެންޓުގެ ވަސް ގިނައިރު ހިފެހެއްޓުމަށް އުކުޅެއް
ސެންޓުގެ ވަސް ގިނައިރު ހިފެހެއްޓުމަށް އުކުޅެއް

މީރު ވަސް ދުވާ އަގު ބޮޑު ސެންޓު ފުޅިއެއް ގިނަ ދުވަސް ވަންދެން ގެންގުޅެން ބޭނުންވެ އެވެ. ކްލޯއޭ، ޝެނަލް އަދި ކޯޗް ފަދަ މަޝްހޫރު ބްރޭންޑުތަކުގެ ސެންޓު ގަޔަށް ޖަހާލުމުން ގިނަ އިރު ވަންދެން ހުރެ އެވެ. މިއީ އާއްމުކޮށް ގިނައިން ޖަހަން ނުޖެހޭ ވައްތަރުތަތަކެކެވެ.

މިކަހަލަ ސެންޓު ޖަހަންޖެހޭ ވަކި ތަންތަނެއް ހުރެ އެވެ. އެއީ ގިނަ އިރު ވަސް ހިފެހެއްޓުމަށެވެ. އާއްމުކޮށް މީހުން ސެންޓު ޖަހަނީ އަތާއި ކަރުގެ އެކި ތަންތަނަށެވެ. ސެންޓު ޖަހަން ރަނގަޅު އެހެން ތަންތަނަކީ ކޮބައިހެއްޔެވެ؟

ސެންޓު ޖަހަންޖެހެނީ ހިތުގެ ވިންދު އިހްސާސްވާ ތަންތަނަށް ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ. އަތު ކުރި އާއި ކަރަށް ސެންޓު ޖަހަނީ މި ވިސްނުމުގަ އެވެ. ނަމަވެސް ހަފިންޓަން ޕޯސްޓްގައި ބުނެފައިވާ ގޮތުގައި ފޫޅުގައި ސެންޓު އުނގުޅައިފި ގިނަ ވަރަށް ގިނައިރު ސެންޓުގެ ވަސް ހުރެ އެވެ.

ސެންޓުގެ މާހިރެއް ކަމަށްވާ އިނގިރޭސިވިލާތުގެ ރުތު މަސްޓެންބްރޮކް ބުނާގޮތުގައި ފޫޅަކީ ގައިގެ ގުނަވަންތަކުގެ ތެރެއިން ސެންޓު އުނގުޅާލަން ހަމަ ރަނގަޅު ތަނެކެވެ. ފޫޅުން ގައިގެ ހޫނު ނެރެ އެވެ. މިކަމުގެ ސަބަބުން ސެންޓުގެ ވަސް ގިނައިރު ހުރެ އެވެ.

މަޝްހޫރު އެކްޓްރެސް ލިވް ޓައިލާ އަދި ސުޕަ މޮޑެލް އެޑްރިއާނާ ލިމާ ވެސް މިގޮތަށް ފޫޅަށް ސެންޓު ޖަހާ ކަމަށް ބުނެފައިވެ އެވެ. ބިއުޓީ ސައިޓް ގްލޮސް އަށް ލިވް ޓައިލާ ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި ފޫޅުގައި ސެންޓު އުނގުޅަން ދަސްކޮށްދިނީ އޭނާގެ ބައްޕަ، މަޝްހޫރު ލަވަކިއުންތެރިއާ ސްޓީވަން ޓައިލާ އެވެ. ގައިގެ އެންމެ ހޫނުވާ ތަންތަނަށް ސެންޓު ޖަހާލުމުން ގިނައިރު ވަސް ހުންނާނެކަމަށް ޓައިލާ ބުނެފައިވެ އެވެ.

ފޫޅުގެ އިތުރުން، އުޅަނބޮއްޓާއި ދޯނގި އަދި ކަންފަތުގައި ވެސް ސެންޓު ހާކާލެވިދާނެ އެވެ. އަދި އިސްތަށިގަނޑުން މީރުވަސް ދުއްވަން ބޭނުން ނަމަ ފުނަލަށް ސެންޓު ޖެހުމަށް ފަހު ފުނާ އަޅާށެވެ.