އިންތިޚާބު އަދި ނުނިމޭ: ޓްރަމްޕް
އިންތިޚާބު އަދި ނުނިމޭ: ޓްރަމްޕް

ވޮޝިންޓަން (ނޮވެމްބަރު 7) - ވާދަވެރި ކެންޑިޑޭޓް ޖޯ ބައިޑަން އިންތިޚާބު ކާމިޔާބު ކުރައްވާނެކަން ޔަގީންވެފައިވީ ނަމަވެސް އިންތިޚާބު އަދި ނުނިމޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭން ޓީމުން ބުނެފި އެވެ.

ޓްރަމްޕުގެ ކޭމްޕުން މި ބަޔާން ނެރެފައި ވަނީ ސްވިންގް ސްޓޭޓެއް ކަމަށްވާ ޕެންސިލްވޭނިއާގެ ނަތީޖާ ބައިޑަން ކޮޅަށް އެނބުރުމާ ގުޅިގެންނެވެ. އެ ސްޓޭޓުގެ ވޯޓުން އެކަނި ވެސް ރައީސް ކަމަށް ބައިޑަން ހޮވިވަޑައިގަންނަވާނެ އެވެ.

"މި އިންތިޚާބު އަދި ނުނިމޭ،" ޓްރަމްޕް ކެމްޕޭނުގެ ކެނެރަލް ކައުންސެލް މެޓް މޯގަން ވިދާޅުވި އެވެ. "ބައިޑަން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާފައި ވަނީ ވޯޓު ގުނާ ވެސް އަދި ނުނިމޭ ހަތަރު ސްޓޭޓުގެ ނަތީޖާ އަށް ބަލައިގެން."

ރައީސް ޓްރަމްޕް ވެސް ވަނީ އިންތިޚާބުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމަނިކުފާން ކުރައްވާ ތުހުމަތުގައި އެއްވެސް ހެއްކެއް ނެތެވެ.

ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ކަމަށް ވިދާޅުވެ ދޮގު މައުލޫމާތު ނުފެތުރުމަށް ބައިޑަން އަށް ނަސޭހަތް ދެއްވައިފަ އެވެ.

"އަޅުގަނޑަށް ވެސް ކުރެވިދާނެ ކަމެއް އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ކަމަށް ބުނެ އިއުލާން ކުރުން. އެކަމަކު އިންތިޚާބާ ގުޅޭ ގާނޫނީ މަރުހަލާތަކެއް މިހާރު އެވަނީ ފެށިފައި،" ޓްރަމްޕް ވިދާޅުވި އެވެ.

މިހާތަނަށް ސާފުކޮށްފައިވާ އިލެކްޓޯރަލް ކޮލެޖް ވޯޓު ދައްކާ ގޮތުން ބައިޑަން އަށް 253 ވޯޓު ލިބިވަޑައިގެންފައިވާ އިރު ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 214 ވޯޓެވެ. ޕެންސިލްވޭނިއާގެ އިލެކްޓޯރަލް ކޮލެޖް ވޯޓުން އެކަނި ވެސް ބައިޑަން އަށް ރައީސްކަން ކަށަވަރުވާނެ އެވެ.