އަހަންނަކީ ޖިންނިއެއް
އަހަންނަކީ ޖިންނިއެއް

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)

އަޑު އައި ދިމާއެއް ވެސް ނޭނގެއެވެ. އެކަމަކު، އެ އަޑަށް އަހަރެން ސިއްސައިގެންދިޔަ ވަގުތު، ތެޅިފޮޅިގެންފައި ޖިންނި ރައްކާވީއެވެ. ހާދީއާ ޚިލާފަށް، ފަހައިދުވެގެން ޝައިތާނާ އަތުލާކަށް ޝައުކަތު ނޫޅެއެވެ. ދެތިން ދުވަހު ކިޔެވުމަށް ފަހު، ޝައުކަތު ގަސްތުކުރީ އަހަރެން ގަޔަށް އަލުން ފެންއަޅަން ފަށާށެވެ. އެ ކަން ފެށުނަ ނުދިނުމަށް ނުވަތަ އެ ކަން ނިންމިޔަނުދޭން ޝައިތާނުން މަސައްކަތް ކުރާނެ ވާހަކަ ޝައުކަތު ވެސް ބުންޏެވެ. އެކި ސިފަސިފައިގައި އައިސް އަހަރެން ބިރުގަންނަވާނެ ވާހަކަ ވެސް ބުންޏެވެ. އެ ކަމަށް އަހަރުމެން ތިބީ ތައްޔާރުވެގެންނެވެ.

ކުންނާރުފަތުން ފެންއަޅަނީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެއެވެ. އެނގޭކަމަކީ، ކިޔަވައިފައި އެ ފެން އެޅުމުން އެ އިން ހަށިގަނޑަށް ލުއިވާކަމެވެ. އަހަރުމެން އެ ކަމާ އުފާވިޔަސް، ހިތްހަމަނުޖެހޭ ބަޔަކު ވެސް އުޅެއެވެ. އެއީ، ސިހުރުޖެއްސުމުގެ ޒިންމާ ބޮލުގައި އަޅައިގެން ތިބި ޝައިތާނުންނެވެ. ފެންއެޅި ފުރަތަމަ ދުވަހު، ގަދަފަދަ އަޑުފައްގަނޑެއް އިވިފައި، ކުރިން ނުދެކޭ ވަރަށް ބިޔަ ޖިންނިއެއް އައެވެ. އޭގެ ފިޔަގަނޑު ވަރަށް ފުޅަލެވެ. އޭނަ އުޅުނު ގޮތް ވެސް އެހެން ހުރިހާ ޖިންނީންނާ ތަފާތެވެ. އަހަންނަކަށް އުނދަގުލެއް ނުކުރެއެވެ. އަހަރެންގެ ހަށިގަނޑު ތެރެއަށް ވަންނާކަށް ވެސް ނޫޅެއެވެ. ރުޅިއައިސް، އިންޒާރެއް ވެސް ނުދެއެވެ. އައި ގޮތަށް އައިސް އެ ޖިންނި މަޑުކޮށްލީ ކޮޓަރީގެ ކަނެއްގައެވެ. ޖިންނީންގެ ހުށައެޅުންތައް ޝައުކަތަށް ލިބެން ފެށީ، ގަދަބާރުން ޖިންނީން ކުރަން އުޅުނު ހުރިހާ ކަމެއް ނާކާމިޔާބުވީމައެވެ.

"ތީ ކާކު؟" ޝައުކަތުގެ އެދުމަށް އަހަރެން ސުވާލުކުރީމެވެ.

"އަހަންނަކީ ރަސޫލެއް." އޯގާތެރިކަމާ އެކުގައި އޭނާ ބުންޏެވެ.

ޝައުކަތު ގާތުގައި އަހަރެން އެ ވާހަކަ ބުނީމެވެ. ގާތަށް އައުމަށް ޝައުކަތު އެދުނެވެ. އޭނަ އައެވެ. ޖަވާބު ތަކުރާރު ކުރުމަށް ޝައުކަތު އެދުނެވެ. އޭނަ ދެވަނަ ފަހަރަށް ވެސް ބުނީ އޭނައަކީ ރަސޫލެއްކަމުގައެވެ. ޝައުކަތު ގާތަށް ރުޅިއައެވެ. އެ ތަން ފެނުމުން އެ ޖިންނިގެ ޖަވާބު ބަދަލުކުރިއެވެ.

"އުހުނ!" އޭނާ ބުނީ އެހެންނެވެ. "މަ މި އައީ ޚަބަރެއް ހިފައިގެން."

"ފުރަތަމަ ބުނެބަލަ!" ޝައުކަތު ބުންޏެވެ. "ކާކުގެ ރަސޫލެއް ކަލެއަކީ؟"

"އިބިލީހުގެ،" ޖިންނި މަޑުމައިތިރިކަމާ އެކުގައި ޖަވާބުދިނެވެ. "މަށަކީ އިބިލީހުގެ ރަސޫލެއް."

އެ ޖިންނިއާ އެހެން ޖިންނިތަކާ ދެމެދު ތަފާތުތަކެއް ހުއްޓެވެ. ކުރިން އަންނަ ޖިންނިތައް ނިކަން ބާރަށް ހެޔެވެ. ހުތުރުއެއްޗެހި ކިޔައި އަޑު ގަދަކޮށް ހަދައެވެ. އެ ޖިންނި ހުންނަނީ ވަރަށް ބޮޑާވެފައެވެ. ވަރަށް ގޮތުގައެވެ. ވާހަކަދައްކަނީ ވަރަށް މަޑުމައިތިރިކޮށެވެ. ރީތިކޮށް އަދި އެހާމެ މޮޅަށެވެ.

"މަ މި އައީ ވަރަށް ފުރިހަމަ ހުށައެޅުމެއް ހިފައިގެން،" ޖިންނީގެ ބަރު އަޑުން ބުންޏެވެ. "މީ އިބިލީހުގެ ފަރާތުން ޝައުކަތަށް ހުށައަޅާ ހުށައެޅުމެއް. ފުރަތަމަ، އަހަރެން މި ގޮވައިލަނީ ކަލޭ ކާފަރުދީނަށް ވަނުމަށް."

"ސުބުހާނައްލާހި!" ޝައުކަތު ރުޅިއައިސްފައި ބުންޏެވެ. "ކަލެއަށް އެނގޭނެ މަ ތި ވަރުގެ ކަމެއް ނުކުރާނެކަން. މަ ބުނެފާނަން ތި އަށް ވުރެ މާ ރަނގަޅު ގޮތެއް. އިސްލާމްދީނުގަ އޮންނަނީ ރަސޫލުންނަށް ކަމޭހިތުމަށް. އެހެންވެ ކަލޭގެ ޢިއްޒަތުގަ ކަލޭ އިނދޭ. މަ ނޫޅެން ކަލެއަށް އެއްވެސް އަނިޔާއެއް ކުރާކަށް. އެއްވެސް ގޮތެއް ކަލެއަކަށް ނަހަދާނަން."

ޝައުކަތުގެ ޖަވާބު އިވިފައި ޖިންނި ވަރަށް ހައިރާންވިއެވެ.

"އެކަމަކު ކަލޭމެންނަކީ އަހަރުމެންނަށް ވަރަށް އަނިޔާކުރާ ބައެއް." ޖިންނި ބުންޏެވެ.

"އެކަމަކު ކަލެއަށް ކަމޭހިތާނަން،" ޔަގީންކަމާ އެކުގައި ޝައުކަތު ބުންޏެވެ. "ކަލޭގެ ހުށައެޅުން މަށަށް އަޑުއިވިއްޖެ! މަގޭ ހުށައެޅުން ކަލޭ ވެސް ޖެހޭނެ އަޑުއަހާލަން. އަހަރެން ކަލެއަށް މި ގޮވާލަނީ އިސްލާމްދީނަށް."

ޝައުކަތު އެހެން ބުނާއިރަށް އެ ޖިންނިގެ ދެ ކަންފަތް ލައްޕައިލިއެވެ. އެ ކަން ކުރީ ކަންފަތުގައި އަތް ނުލައެވެ. އޭނަ ކުރާ ކަންތައްތައް ޝައުކަތަށް އަހަރެން ކިޔައިދެމެވެ. ކަންފަތް ލެއްޕި ނަމަވެސް، ދައްކާ ވާހަކަ ޖިންނިއަށް އަޑުއިވެވެ. ކަންފަތް ލެއްޕުމަކީ، އެ ވާހަކަތައް އަޑުއަހަން ބޭނުން ނުވާކަން ހާމަކުރުމުގެ ގޮތުން ކުރި އިޝާރާތެކެވެ.

"ކަލޭ ދެއްކި ވާހަކަތައް އަހަރެން އަޑުއެހިން،" ޝައުކަތު ތަންކޮޅެއް ބާރުލައިފައި ބުންޏެވެ. "ދެން ކީއްވެ މަ ދައްކާ ވާހަކަ ކަލެއަށް އަޑުނޭހެނީ؟ ހުޅުވާ ކަންފަތް."

އެ ޖިންނި ކަންފަތެއް ނުހުޅުވިއެވެ. ޝައުކަތު ޤުރުއާންގެ މަދަދު ހޯދިއެވެ. ކިޔަވަން ފެށިއެވެ. އިސާހިތަކު އެ ޖިންނީގެ ކަންފަތް ހުޅުވުނެވެ. ޝައުކަތު އެ ކަން ކުރީ، ހުރިހާ ބާރެއް އޮތީ ޖިންނި އަތުގައި ނޫންކަން ދެއްކުމަށްޓަކައެވެ. ޖިންނި ކަނުލާ އަޑުއަހަން ހުއްޓެވެ. ޝައުކަތު ކިޔައިދިނީ އާދަމްގެފާނާ ބެހޭ ގޮތުން އައިސްފައިވާ އާޔަތެކެވެ. އާދަމްގެފާނަށް ސަޖިދަޖަހަން ﷲ އަމުރުކުރެއްވުމުން އިބިލީސް ކަންތައް ކުރި ގޮތުގެ ވާހަކައެވެ.

"ހުސް ދޮގު،" ޖިންނި ޖަވާބުދާރީވިއެވެ. "ނުކުރާނަން ގަބޫލެއް."

"މީ ޤުރުއާން،" ކެތްތެރިކަމާއެކު ޝައުކަތު ބުންޏެވެ. "ﷲ ގެ ކަލާމްފުޅު. މީގަ ނޯންނާނެ އެއްވެސް ދޮގެއް. ކަލޭ ރަނގަޅަށް އަޑުއަހާބަލަ! އިސްލާމްވެބަލަ! އޭރުން ކަލޭތީ ސުވަރުގެވެރިއަކަށް ވެސް ވެދާނެ."

ޝައުކަތު އަނެއްކާ ވެސް ޤުރުއާން ކިޔަވަން ފެށިއެވެ. އެ ފަހަރު ކިޔެވީ ބަޤަރާ ސޫރަތުގެ ފުރަތަމަ އާޔަތްތަކެވެ. ޖިންނި ވިސްނަން ހުއްޓެވެ. އަހަރެންނަށް ފާހަގަކުރެވުނު ގޮތުގައި، ރަސޫލުންކަމަށް ބުނެފައި ޝައިތާނާ ފޮނުވަނީ ވިސްނުން ތޫނު ބައެކެވެ. ކަންކަމަށް ފިކުރުހިންގާ ބައެކެވެ. ޖަދަލުކުރުމުގެ ބަދަލުގައި ބުއްދީގެ ބޭނުންކުރާ ބައެއް ވެސް މެއެވެ. އެތައް އިރެއްވަންދެން ވިސްނުމަށް ފަހު ވާހަކަދެއްކިއެވެ.

"ސުވަރުގޭގެ ވާހަކަ އެއީ ޙަޤީޤަތެއްކަން ސާބިތުކޮށްދީބަލަ!" ޖިންނި ބުންޏެވެ. "އިތުރަށް ކިޔައިދީބަލަ!"

ޝައުކަތު އެތައް އާޔަތެއް ކިޔައިދިނެވެ. ހެކިތަކާއި ދަލީލުތައް ދެއްކިއެވެ. ﷲ ގެ ވަޢުދުފުޅުތައް އިއްވިއެވެ. އެއާ ގުޅިގެން ޖިންނި އިތުރު ސުވާލުތައް ކުރިއެވެ. ޝައުކަތު ވާހަކަދެއްކީ ސާބިތުކަމާއި، ޔަގީންކަމާ އެކުގައެވެ. އެ ޖިންނި ދިޔައީ އިސްލާމްވެގެންނެވެ. އެ ފެންވަރުގެ ކިތަންމެ ޖިންނިއެއް ފަހުން ވެސް އައެވެ. ޝައުކަތުގެ ވާހަކަތައް ދޮގުކޮށް، ދެކޮޅަށް ހެކިދެއްކިއެވެ. އެކަމަކު، އެނބުރިދަނީ އިސްލާމްވެގެންނެވެ. ޝައިތާނާ ބޭނުންވަނީ އެ ކަން ހުއްޓުވާށެވެ. ގަދަބާރަކުން ނޫނެވެ. ހައްލައިލައިގެންނެވެ.

އަހަރުމެން ތިބީ ހަތް ދުވަސް ހަމަކުރަން ޢަޒުމުކަނޑައަޅައިގެންނެވެ. އެ ހިސާބުން އެ ކުޅިގަނޑު ނިންމާލުމަށްޓަކައެވެ. ފުރަތަމަ ދުވަހު ފެންއަޅައި ނިމިގެން އަހަރެން އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ގާތުގައި ޝައުކަތު އިނެވެ. އެ ދުވަހު މަހްޒުން ނަމަކަށް ކިޔާ ޖިންނިއެއް އައެވެ. އޭނަ ބުނި ގޮތުގައި އެއީ ތުރުކީއަށް ނިސްބަތްވާ ދަރިކޮޅެއްގެ މީހެކެވެ.

"މަ މި އައީ، އަދި މިހާތަނަށް ކަލެއަށް އެކަކު ވެސް ހުށަނާޅާ ކަހަލަ ހުށައެޅުމެއް ހިފައިގެން،" ޝައުކަތާ ދިމާއަށް މަހްޒުން ބުންޏެވެ. "ކޯޗެއް އަސްލު ކަލޭ ބޭނުންވަނީ؟ ވެރިކަންތަ؟ އެތައް ޤައުމެއްގަ ތިބޭނެ އަހަރުމެން ވެރިކަން ހޯދަދީފަ ތިބި މީހުން. މި ޤައުމުގެ ވެރިކަން ކަލެއަށް ހޯދައިދެންތަ؟ އަހަރުމެންގެ ކޮންޓުރޯލުގެ ދަށުގަ ފުލުހުންނާ ސިފައިން ތިބޭނީ. ޢިލްމުވެރިންގެ ކުލަޖައްސައިގެން ތިބޭ އެތައް ބަޔަކު ވެސް ތިބޭނީ އަހަރުމެންގެ އިޝާރާތަކަށް ބަލަބަލާ! ކަލޭ ބުނި ކޮންމެ ކަމެއް ކަލެއަށް ކޮށްދޭނަން."

"ވެރިކަމެއް ބޭނުމެއް ނޫން،" ފޫހި ގޮތަކަށް ޝައުކަތު ބުންޏެވެ. "އެކަމަކު ބޭނުންވާ އެހެން ކަމެއް އެބައޮތް. ކަލެއަށް ކޮށްދެވޭނެތަ؟"

މަހްޒުންގެ ޝައުޤުވެރިކަން އިތުރުވިއެވެ. އޭނަގެ ބަހަށް ޝައުކަތު ހެއްލިދާނެހެން އޭނައަށް ހީވިއެވެ.

"ކޮށްދެވޭނެ!" ދެ ލޯ ބޮޑުކޮށްލައިފައި މަހްޒުން އެއްބަސްވިއެވެ. "އަހަރުމެންނަށް ކޮށްނުދެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ކަލޭ ބުނެބަލަ! ބުނުން ލަސްވާނީ."

"މަ ބޭނުންވަނީ ﷲ ގެ ރުހިވޮޑިގަތުން." ޝައުކަތު ބުންޏެވެ.

"މަ ބޭނުމެއް ނޫން ތި ކަހަލަ މުޑުދާރު ވާހަކަ އަޑުއަހާކަށް،" ރުޅިއައިސްފައި މަހްޒުން ބުންޏެވެ. "ތި ކަހަލަ ވާހަކަ ނުދައްކާ."

މަހްޒުން އެހެން ބުނެފައި އޭނަގެ ބޮލަށް އެއްޗެއް އޮއްސަން ފެށިއެވެ. އަހަންނަށް ހީވީ އޭނަގެ މުޑުދާރުކަން ފިލުވަން ފެން އަޅަނީހެންނެވެ. އަހަރެން އެ ހުރިހާ ވާހަކައެއް ޝައުކަތަށް ކިޔައިދެމުން ގެންދިޔައީމެވެ.

"ކަލޭ ކީއްތިކުރަނީ؟" ޝައުކަތު އެހިއެވެ.

"ކަލޭ ތި ދައްކާ ވާހަކައިން އަހަރެން މުޅީން މުޑުދާރު ވެއްޖެ!" މަހްޒުން އަނގައަށް ވައްތަރެއް ޖައްސައިލައިފައި ބުންޏެވެ. "ނަޖިހުން ފެންވަރައިގެން ނޫނީ ދެނެއް ތާހިރެއް ނުވެވޭނެ. މަ މި ދައްކާ ވާހަކަ ކަލޭ އަޑުއަހާބަލަ! ވެރިކަން ލިބުނީމަ ކަލޭ ކިހާ މަޝްހޫރު ވާނެ؟ އަތްމަތި ކިހާ ތަނަވަސް ވާނެ؟ މީހުން ކަލެއަށް އަޅުކަން ކުރާވަރު ވެސް ކޮށްދެވިދާނެ މަށަށް."

"ބުނެފީމެއްނު މަ ވެރިކަމެއް ބޭނުމެއް ނޫނޭ،" ޝައުކަތު އެއްބަހެއް ނުވިއެވެ. "ކަލޭ އިސްލާމް ވޭ! އޭރުން މާ ބައިވަރު ނިޢުމަތްތައް ﷲ ދެއްވާނެ. ސުވަރުގޭގަ ހުންނަ މީރު މޭވާތަކުގެ ވާހަކަ ކަލޭ އަޑެއްނާހަންތަ؟ ތި ބުއްދީގެ ބޭނުން ކޮށްބަލަ! މިހާރު ގަޔަށް އަޅަން ތި ޖެހެނީ ވެސް ކާން ޖެހެނީ ވެސް ނަޖިހެއްނު."

"ތި ބުނީ ހަމަ ތެދެއް،" މަހްޒުން ވަގުތުން އެއްބަސް ވިއެވެ. "މިހާރު ކާން ޖެހެނީ އޫރުގެ ނަޖިސް. މަށަށް ހާދަހާ ނުބައި އެއްޗެކޭ އެއީ. އެކަމަކު ކީއްކުރާނީ؟"

މަހްޒުން ރޯން ފެށިއެވެ. އަމިއްލަ ހާލާ މެދު އޭނަ ހިތްދަތިވި ދަނޑިވަޅު ޝައުކަތުގެ އަޑު ހަރުކުރިއެވެ.

"އިސްލާމްވީމަ ތި ހުރިހާ ކަމަކުން ސަލާމަތް ވާނެ،" ޝައުކަތު ޔަގީންކަން ދިނެވެ. "ނުޖެހޭނެ އިބިލީހުގެ އަމުރަށް ކިޔަމަން ވާކަށް. ކަލެއާ ކަލޭގެ މުޅި ޢާއިލާއަށް ވެސް މިނިވަންކަން ލިބޭނެ."

"ހަމަ ޔަގީންތަ؟" މަހްޒުން ސުވާލުކުރިއެވެ. "މަށަށް ކަށަވަރުކޮށްދީ!"

ޝައިކަތު ޤުރުއާންގެ އާޔަތްތައް ކިޔައިދިނެވެ. ސުވަރުގޭގެ މަތިވެރިކަމާއި، އިސްލާމްދީނުގެ ފުރިހަމަކަމުގެ ވާހަކައެވެ. އިބިލީހުގެ މަކަރުވެރިކަމުގެ ވާހަކަ އާއި ﷲ ގެ ކުޅަދުންވަންތަކަމުގެ ވާހަކައެވެ. ﷲ ގެ ގަދަފަދަކަމުގެ ވާހަކަ އާއި ދީލަތިކަމުގެ ވާހަކައެވެ. އެ ވާހަކަތައް ނިމެންދެން ކަނުލާ އަހަން މަހްޒުން ހުއްޓެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ.

ނުނިމޭ