އެމެރިކާ އިންތިޚާބު: ބައިޑަންގެ ސެކިއުރިޓީ ވަރުގަދަކޮށްފި
އެމެރިކާ އިންތިޚާބު: ބައިޑަންގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ޑެލަވެއާ (ނޮވެމްބަރު 7) - އެމެރިކާގެ ރައީސް ކަމަށް ދެން ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން މިހާރު ލަފާކޮށްފައިވާ ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންގެ ސަލާމަތީ ކަންކަން ސީކްރެޓް ސާވިސް އިން ވަރުގަދަކޮށްފައިވާ ކަމަށް ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.

ޑެލަވެއާގެ ވިލްމިންޓަންގައި ހުންނަ ބައިޑަންގެ ކެމްޕޭން ހެޑްކުއާޓަރަށް ސީކްރެޓް ސާވިސް އިން އިތުރު ސްކޮޑެއް ފޮނުވާފައިވާ ކަމަށް ނޫހުން ބުންޏެވެ.

ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުގެ ދަށުގައި އޮންނަ ސީކްރެޓް ސާވިސް އަކީ ވައިޓް ހައުސްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި ސަރުކާރުގެ ސީނިއާ އޮފިޝަލުންނަށް ސެކިއުރިޓީ ދޭ އެޖެންސީ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ބައިޑަން ވެވަޑައިގަތުމާ އެކު މިދިޔަ ޖުލައި މަހުން ފެށިގެން ސީކްރެޓް ސާވިސް އިން ދަނީ އެމަނިކުފާނަށް ސެކިއުރިޓީ ދެމުންނެވެ. ކުރީގެ ނައިބް ރައީސެއްގެ ހައިސިއްޔަތުން ވެސް ސީކްރެޓް ސާވިސްގެ ސެކިއުރިޓީ އަށް ބައިޑަން އަށް އެދިވަޑައިގެންނެވޭނެ އެވެ. އެކަމަކު އެމަނިކުފާން އެގޮތަށް އެދިވަޑައިގެންފައެއް ނުވެ އެވެ.

އެމެރިކާގެ އިންތިޚާބު ބައިޑަން ކާމިޔާބު ކުރައްވައިފި ނަމަ ސީކްރެޓް ސާވިސް އިން އެންމެ މަތީ ސެކިއުރިޓީ ބައިޑަން އަށް ދޭން ފަށާނެ އެވެ.

ލަފާކުރުންތައް ދައްކާ ގޮތުން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ބައިޑަން އެވެ. ނަތީޖާ އަށް އަސަރު ކުރާނެ ސްޓޭޓްތަކުގެ ނަތީޖާ ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް އެ ސްޓޭޓްތަކުން ކުރި ހޯއްދަވާފައި ވަނީ ބައިޑަން އެވެ.