06 ނޮވެމްބަރ 2020 - 21:18

ޕެންސިލްވޭނިއާ (ނޮވެމްބަރު 6) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެ ސްޓޭޓަކަށް ވަރަށް ބޮޑަށް ބުރަވެފައިވާ ޕެންސިލްވޭނިއާގެ އަޣުލަބިއްޔަތު ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ނަންގަވައިފި އެވެ.
ކުރީގެ ނައިބް ރައީސް އަށް މި ވަގުތު 253 އިލެކްޓޯރަލް ކޮލެޖް ވޯޓު ލިބިވަޑައިގެންފައިވީ ނަމަވެސް، އެމެރިކާގެ ޓީވީ ނެޓްވޯކްތަކުން ލަފާކުރަނީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ކޮލެޖް ވޯޓް ބައިޑަން ހޯއްދަވާނެކަން ޔަގީންވެފައިވާ ކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕަށް މިހާތަނަށް ލިބިވަޑައިގެންފައި ވަނީ 214 އިލެކްޓޯރަލް ކޮލެޖް ވޯޓު ކަމަށްވާތީ ޕެންސިލްވޭނިއާ ގެއްލިއްޖެ ނަމަ އެއީ ދެ ވަނަ ދައުރުގެ އުއްމީދަށް އެޅޭ އެންމެ ބޮޑު ހުރަހެވެ.
އިލެކްޓޯރަލް 20 ވޯޓު ހިއްސާކުރާ ޕެންސިލްވޭނިއާގެ އިތުރުން 16 އިލެކްޓޯރަލް ވޯޓު ހިމެނޭ ޖޯޖިއާގައި ވެސް ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. ބައެއް ޓީވީ ނެޓްވޯކްތަކުން ބުނެފައި ވަނީ 11 އިލެކްޓޯރަލް ވޯޓު ހިމެނޭ އެރިޒޯނާގައި ވެސް ލީޑް ނަންގަވާފައި ވަނީ ބައިޑަން އެވެ.
ވޯޓުގެ ނަތީޖާ ލިބުން ލަސްވަމުން ދަނީ ގިނަ ބަޔަކު ޕޯސްޓުން ވޯޓުލާފައިވާތީ އެ ވޯޓުތައް ވެރިފައި ކުރުމަށެވެ. ޕޯސްޓުން ލާފައިވާ ވޯޓުގެ އަޣުލަބިއްޔަތު ބުރަވެފައި ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓަށެވެ.
ޕެންސިލްވޭނިއާގެ ވޯޓު ގުނަން ފެށި ފަހުން ހުކުރު ދުވަހާ ހަމައަށް ކުރީގައި އުޅުއްވީ ޓްރަމްޕެވެ. ނަމަވެސް ބައިޑަން މިހާރު ވަނީ އެ ސްޓޭޓުން 6،800 ވޯޓުން ކުރި ހޯއްދަވައިފަ އެވެ. ނުގުނާ ގިނައިން ހުރީ ވެސް ޑިމޮކްރެޓިކް ޕާޓީގެ އަޣުލަބިއްޔަތު އޮންނަ އޭރިއާތަކުގެ ވޯޓެވެ. ޕެންސިލްވޭނިއާގެ ވޯޓުގެ 95 ޕަސެންޓް ވޯޓު ގުނާ ނިމުނުއިރު 49.4 ޕަސެންޓުން ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. ޓްރަމްޕުގެ ޕަސެންޓޭޖަކީ 49.3 އެވެ.
ޓްރަމްޕް ލީޑު ނަންގަވަމުން ގެންދިޔަ ޖޯޖިއާގެ ވޯޓުން ވެސް ބައިޑަން މިހާރު ވަނީ ކުރި ހޯއްދަވައިފަ އެވެ. ޖޯޖިއާގެ ވޯޓުގެ 98 ޕަސެންޓް ގުނާ ނިމުނުއިރު 1،100 ވޯޓުން ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. ބިލް ކްލިންޓަން 1992 ވަނަ އަހަރު ޖޯޖިއާގެ ވޯޓު ކާމިޔާބު ކުރެއްވި ފަހުން ޑިމޮކްރެޓިކް ކެންޑިޑޭޓަކަށް އެ ސްޓޭޓުގެ ވޯޓު ލިބިފައެއް ނުވެ އެވެ.
ނެވާޑާގެ ހަ އިލެކްޓޯރަލް ވޯޓު ވެސް ހޯއްދަވާނީ ބައިޑަން ކަމަށް ބެލެވެ އެވެ. އެ ސްޓޭޓުގެ 89 ޕަސެންޓް ވޯޓު ގުނާ ނިމުނުއިރު 11،000 ވޯޓުން ކުރި ހޯއްދަވާފައި ވަނީ ބައިޑަން އެވެ.
ފަނަރަ އިލެކްޓޯރަލް ކޮލެޖް ވޯޓު ހިމެނޭ ނޯތު ކެރޮލީނާގެ 95 ޕަސެންޓް ވޯޓު ގުނާ ނިމުނިއިރު 77،000 ވޯޓުން ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ. އެ ސްޓޭޓުން ޓްރަމްޕަށް 50 ޕަސެންޓް ލިބިވަޑައިގެންފައިވާ އިރު ބައިޑަން އަށް ލިބިވަޑައިގެންފައި ވަނީ 48.6 ޕަސެންޓެވެ.
އެރިޒޯނާ ސްޓޭޓުގެ 90 ޕަސެންޓް ވޯޓު ގުނާ ނިމުނުއިރު 47،000 ވޯޓުން ކުރި ހޯއްދަވާފައި ވަނީ ބައިޑަން އެވެ. ބައިޑަން އަށް 50.1 ޕަސެންޓް ލިބިވަޑައިގެންފައިވާ އިރު ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 48.5 ޕަސެންޓެވެ.