06 ނޮވެމްބަރ 2020 - 18:54

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވި ފަހުން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން މި މަހު ހަތަރަކާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވީ 122 މީހުން ކަމަށް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާފައި ވަނީ މިދިޔަ ޖުލައި މަހު އެވެ. އަދި ލޯކަލް ޓޫރިޒަމް އަށް ގެސްޓް ހައުސްތަކާއި ސަފާރީތައް ހުޅުވީ މިދިޔަ މަހު އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ކޮވިޑް-19ގެ ތަފްސީލްތައް ބުނާގޮތުން ބޯޑަރު ހުޅުވި ފަހުން މިި މަހުގެ ތިންވަނަ ދުވަހާ ހަމައަށް ރާއްޖެ އައީ 43،609 ޓޫރިސްޓުންނެވެ. އޭގެ ތެރެއިން 122 މީހުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އެއީ ރާއްޖެ އައީ ޓޫރިސްޓުންގެ 0،28 ޕަސެންޓެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 77 މީހަކު ރަނގަޅުވެފައިވާއިރު މިހާރު ފަރުވާދެމުން އަންނަނީ 48 މީހަކަށެވެ.
ޓޫރިޒަމް ތަފާސްހިސާބުތައް ދައްކާގޮތުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައީ އޮކްޓޯބަރު މަހު އެވެ. އެއީ 21،515 މީހުންނެވެ. ނަމަވެސް އެންމެ ގިނަ ޓޫރިސްޓުން ޕޮޒިޓިވްވެފައި ވަނީ ސެޕްޓެމްބަރު މަހު އެވެ. އެ މަހު އައި 9،538 ޓޫރިސްޓުންގެ ތެރެއިން 34 ޓޫރިސްޓުން ޕޮޒިޓިވްވެފައި ވެއެވެ. އަދި އޮކްޓޯބަރު މަހު ޕޮޒިޓިވްވީ 21 ޓޫރިސްޓުންނެވެ.
މިހާރު ރާއްޖޭގެ 30 ރިސޯޓެއްގައި ވެސް ކޮވިޑް-19 އެކްޓިވް ކޭސްތައް އޮތްއިރު ޖުމްލަ 120 ސްޓާފަކު ވެސް އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެ އެވެ. އަދި ރިސޯޓުތަކުގެ ސްޓާފުންގެ މެދުގައި ރެންޑަމް ސާމްޕަލް ނަގަން ފަށަން ވެސް ވަނީ ނިންމައިފަ އެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 11،893 މީހުންނެވެ. އޭގެ ތެރެއިން 11،010 މީހުން ރަނގަޅުވެފައިވާއިރު ފަރުވާދެމުން އަންނަނީ 838 މީހުންނަށެވެ.