ޖޯޖިއާގެ ވޯޓުން ބައިޑަން ކުރި ހޯއްދަވައިފި
ޖޯޖިއާގެ ވޯޓުން ބައިޑަން ކުރި ހޯއްދަވައިފި

ޖޯޖިއާ (ނޮވެމްބަރު 6) - އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ރޭހުގައި މުހިންމު ސްޓޭޓެއް ކަމަށްވާ ޖޯޖިއާ އިން ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ކުރި ހޯއްދަވައިފި އެވެ.

ވޯޓިން ޑޭޓާ ދައްކާ ގޮތުން މިހާތަނަށް ގުނި ވޯޓުން ބައިޑަން އުޅުއްވަނީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވުރެ 917 ވޯޓު ކުރީގަ އެވެ. ދެ ވަނަ ދައުރެއް ކާމިޔާބު ކުރައްވަން ބޭނުން ނަމަ ޖޯޖިއާ އަކީ ޓްރަމްޕް ކާމިޔާބު ކުރަން މަޖްބޫރު ސްޓޭޓެކެވެ. ޖޯޖިއާގެ 16 އިލެކްޓޯރަލް ވޯޓު ބައިޑަން އަށް ލިބިވަޑައިގެންފި ނަމަ ރައީސް ކަމަށް ވަޑައިގަންނަވަން ބޭނުންވާ އަދަދަށް ވުރެ އެއް ވޯޓު މަދުވާނެ އެވެ. ބާކީ ހުރި ހުރިހާ ސްޓޭޓެއް ޓްރަމްޕަށް ލިބިވަޑައިގެންފި ނަމަ 269 އިން ދެ ބޭފުޅުންގެ ވޯޓު އެއްވަރު ވާނެ އެވެ. ދެ ބޭފުޅުންގެ ވޯޓު އެއްވަރު ވެއްޖެ ނަމަ ރައީސް ކަމަށް ހޮވޭ ބޭފުޅަކު ކަނޑައަޅާނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިންނެވެ. އެ ގޮތަށް ދިމާވެފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 1824 ވަނަ އަހަރު ހަތަރު ކެންޑިޑޭޓުންގެ އިލެކްޓޯރަލް ކޮލެޖް ވޯޓު އެއްވަރުވުމުންނެވެ. އެކަމަކު އެރިޒޯނާގެ ވޯޓުގައި ވެސް ބައިޑަން ކުރީގައި އުޅުއްވާތީ ވޯޓު އެއްވަރުވުމުގެ ފުރުސަތު ކުޑަ އެވެ.

ވޭތުވެދިޔަ ފަސް ރިޔާސީ އިންތިޚާބުގައި ވެސް ޖޯޖިއާގެ ވޯޓު ކާމިޔާބުކޮށްފައި ވަނީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުންނެވެ.

ޖޯޖިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ އެ ސްޓޭޓުގެ ނަތީޖާ ހުކުރު ދުވަހުގެ ވަގުތެއްގައި ލިބޭނެ ކަމަށެވެ.

ބައިޑަން މިހާތަނަށް 253 އިލެކްޓޯރަލް ވޯޓް ހޯއްދަވާފައިވާއިރު ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 214 އިލެކްޓޯރަލް ވޯޓެވެ.