06 ނޮވެމްބަރ 2020 - 14:00

ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ކްރެޑިޓް ރޭޓިން ކުންފުނި ފިޗުން ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފި އެވެ. މިއީ މި އަހަރު ރާއްޖޭގެ ރޭޓިން ދަށްކުރި ދެ ވަނަ ފަހަރެވެ.
ފިޗުން ބުނި ގޮތުގައި ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ ބޭރު ފައިސާ ހޯދުން ދަތިވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވުމާއި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރު ވުމުގެ ސަބަބުންނެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި ނޭދެވޭ އަސަރާ ހެދި މިދިޔަ އޭޕްރިލް މަހު ވެސް ރާއްޖޭގެ ރޭޓިން "ބީ ޕްލަސް" އިން "ބީ" އަށް ދަށްކުރި އެވެ.
ފިޗުން ބުނެފައިވާ ގޮތުގައި ރާއްޖޭން ފާއިތުވި މަސްތަކުގައި މާލީ އެހީ ހޯދި ނަމަވެސް ބޭނުންކުރަން ހުރި ބޭރު ފައިސާ މަދު ކަމަށެވެ. އަދި ޓޫރިޒަމް ރަނގަޅު ނުކޮށް ރާއްޖެއަށް ޑޮލަރު އިތުރު ނުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންވެ ބޭރުގެ ގައުމުތަކަށް ބަރޯސާވާން ޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. ނަމަވެސް މާލީ އެކި އިދާރާތަކުން ރާއްޖޭން ނަގާފައިވާ ލޯނުތައް، މި ދަތި ހާލަތުގައި ވެސް ބަރާބަރަށް ދައްކަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ފިޗުން އަންދާޒާކުރާ ގޮތުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުން 2004 ވަނަ އަހަރުގެ ސުނާމީ އާއި 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްގައި ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ފެށި ނަމަވެސް އިގްތިސާދު ރަނގަޅުވާނީ 2022 ގައި ކަމަށް ފިޗުން ވަނީ ބުނެފަ އެވެ.
ފިޗުން ލަފާ ކުރާގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓު ދަށަށް ދާނެ އެވެ.