06 ނޮވެމްބަރ 2020 - 11:45

ކުޅިވަރާ ބެހޭ ގާނޫނަށް އޭނާ ހުށަހަޅާ އިސްލާހުގެ ތެރޭގައި ހުރި ބައެއް ކަންކަމާ ހެދި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ސަސްޕެންޑްކުރާނެ ކަމަށް ދެކެވޭ ވާހަކަ އޭނާ އަށް ގަބޫލުނުކުރެވޭ ކަމަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ކުޅިވަރާ ބެހޭ ގާނޫނަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ހުށަަހަޅުއްވާފައިވާ އިސްލާހުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ހިމަނުންވާފައިވާތީ އެކަމާ ދެކޮޅަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ރާއްޖޭގެ 18 ގައުމީ ކުޅިވަރު އެސޯސިއޭޝަނުން ވަނީ ތެދުވެފަ އެވެ. މިނިސްޓަރާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ދެކޭގޮތުގައި މި އިސްލާހު މި އޮތްގޮތަށް ފާސްވެ، އިލެކްޝަން ކޮމިޝަނުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނެއްގެ އިންތިހާބު ބާއްވައިފިނަމަ ތިން ވަނަ ފަރާތެއްގެ ނުފޫޒު އެސޯސިއޭޝަނަށް ފޯރިކަމަށް ބުނެ ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ރާއްޖެ ސަސްޕެންޑްކުރާނެ އެވެ.
ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބު ބޭއްވޭނެ ކަމަށާއި އެކަން އެގޮތަށް ކުރިއަށް ދިޔަސް އޭނާ އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެ ސަސްޕެންޑް ނުކުރާނެ ކަމަށެވެ.
ބައެއް ބޭރުގެ ގައުމުތައް ކުޅިވަރުތަކުން ސަސްޕެންޑްކޮށްފައި އެބަހުރި ކަމަށާއި އެކަމަކު އެއީ ތަފާތު އެހެން ސަބަބުތަކާ ހެދި ކަމަށް ހަސަން ވިދާޅުވި އެވެ. އަދި އޭނާގެ އިސްލާހުގައި ހާސިލްކުރަން ބޭނުންވަނީ ޑިމޮކްރަޓިކް އުސޫލުން ހަމަހަމަ ދެފުށް ފެންނަ އިންތިހާބެއް ބޭއްވުމަށް ކަމަށާއި އިލެކްޝަން ކޮމިޝަނަކީ އެކަން އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭނެ މުއައްސަސާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެއްވެސް ބޭފުޅަކު ސާފުކޮށް ނުދެއްވާ ވަކިކަމެއް މިހެން އޮތީމަ ސަސްޕެންޑްވާނެއެކޭ. ވަކި ކަމެއް ދައްކަވާފައި ނުއެއް ބުނޭ ސަސްޕެންޑްކުރާނެއެކޭ،" ހަސަން ވިދާޅުވި އެވެ.
އިލެކްޝަނުން ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުމަކީ ރާއްޖޭން އޮލިމްޕިކް ޗާޓަރާއި ހިލާފުވުން ކަމަށް ހަސަންގެ އިސްލާހާ ދެކޮޅަށް ކުޅިވަރު އެސޯސިއޭޝަންތަކުން ނެރުނު ބަޔާނުގައިވެ އެވެ. އޭގައިވާ ގޮތުން ކުޅިވަރުގެ އިންތިހާބު އިލެކްޝަނުން ބާއްވައިފިނަމަ އެއީ އޮލިމްޕިކް ޗާޓަރާއި ހިލާފު އަމަލެއް ކަމަށާއި އެކަމުގެ ނަތީޖާ އަކީ ރާއްޖެ ކުޅިވަރުތަކުން ސަސްޕެންޑްކުރުމެވެ. ކުޅިވަރުގެ އިސް ބައެއް ފަރާތްތަކުން ވަނީ ސަސްޕެންޑްކޮށްފައިވާ ބައެއް ގައުމުތައް މިސާލެއްގެ ގޮތުގައި ދައްކައިފަ އެވެ. އެ ގޮތުން ދުނިޔޭގެ މައި ފުޓްބޯޅަ ޖަމިއްޔާ ފީފާ އިން ކުވޭތާއި ޕާކިސްތާން ސަސްޕެންޑްކުރީ ކުޅިވަރުގެ ރޫހާ ހިލާފު ކަމެއް ތިން ވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ގޮތަށް ގާނޫނެއްގެ ދަށުން ކުރަން އުޅުމުންނެވެ.
ހަސަން ވިދާޅުވީ ސަސްޕެންޑްކުރާނެ ކަމަށް ކުޅިވަރުގެ ބޭފުޅުން ދެކިވަޑައިގަންނަވަންޏާ އެ ވަރަށް ދެރަ ކަމެއް ކަމަށާއި އޭނާ އެކަން ކަންކަމާ ބެހޭ އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ. އެގޮތުން މި ފަދަ ގޮތަކަށް އިންތިހާބު މިނިވަން ކުރުމަށް އިލެކްޝަން ކޮމިޝަން މެދުވެރިކޮށް ކުޅިވަރުގެ އިންތިހާބު ބާއްވައިގެން ސަސްޕެންޑްކުރި ގައުމެއް ދައްކައިދޭން ހަސަން އެދިލެއްވި އެވެ.
"ގައުމެއް ސަސްޕެންޑް ނުކުރާ ވާހަކަ އަޅުގަނޑު ނުދަންނަވަން. އަޅުގަނޑަށް އެނގޭ ބައެއް ބޭފުޅުން ކުވޭތުގެ ވާހަކަ ވެސް ދައްކަވާފައިވާކަން. ކުވޭތުގައި ކަންކުރީ ކިހިނެއްކަން ވެސް ބަލާލަން ޖެހޭ. އެއް ކަމެއްތޯ ރާއްޖޭގައި ކުރަން މި އުޅެނީ؟ އަޅުގަނޑު ހިތުން މުޅިން އެހެން ކަމެއް ކުރަން މި އުޅެނީ،" ހަސަން ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނުން ކުޅިވަރު އިންތިހާބު ބޭއްވުމަކީ ނުފޫޒު ފޯރުވުންކަމަށް ދޭހަވާ ވާހަކަތަކަށް ވެސް ހަސަން ވަނީ ޖަވާބުދެއްވައިފަ އެވެ. އެ ގޮތުން ހަސަން ވަނީ އިލެކްޝަން ކޮމިޝަނުން އެކަން ކުރާނެ ގޮތުގެ ގޮތްތަކެއް އޭނާގެ ވިސްނުމުގައި ހުރި ގޮތަށް ހިއްސާކުރައްވައިފަ އެވެ.
ހަސަން ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ކުރާނެ ކަމަކީ ކުޅިވަރު ޖަމިއްޔާގެ ބެލެނިވެރި ފަރާތް ކަމަށްވާ ކޮމިޝަނާ އޮފް ސްޕޯޓްސް އިން ދޭ ކުޅިވަރު އެސޯސިއޭޝަންތަކުގެ ދަފްތަރުގައިވާ ގޮތަށް އާންމުކޮށް ފެންނަން އޮންނަ ހެން އެސޯސިއޭޝަންތަކުގެ މެމްބަރުންގެ މައުލޫމާތު ޝާއިއުކޮށް އެސޯސިއޭޝަނުން ކަނޑައަޅާ ވަކި ތާރީހެއްގައި އިންތިހާބު ބާއްވައި ދިނުމެވެ. މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮންނަ އިލެކްޝަން ކޮމިޝަނަކީ އެއްވެސް ފަރާތެއްގެ ނުފޫޒު އޮތް ތަނެއް ނޫން ކަމަށާއި އެތަަނުގައި ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބު ބާއްވާނީ ވެސް އެސޯސިއޭޝަންތަކުގެ ގަވާއިދާ އެއްގޮތަށް އިންސާފުވެރިކޮށް އެއްވެސް ނުފޫޒެއްނެތި ބޭއްވުމަށް ކަމަށް ހަސަން ފާހަގަކުރެއްވި އެވެ.
"އެހެންވީމަ އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ ސަރުކާރުން ނުވަތަ ދައުލަތުގެ އެހެން މުއައްސަސާ އަކުން ކުޅިވަރުގެ ތެރެއަށް ނުވަތަ އެސޯސިއޭޝަނެއްގެ ތެރެއަށް ހިންގުމަށް ނުފޫޒު ފޯރުވަނީ ކަމަކަށް،" ހަސަން ވިދާޅުވި އެވެ.
"ހަގީގަތުގައިވާން ޖެހޭ ގޮތަކީ މި ގާނޫނުގެ ތެރެއިން އިންތިހާބުތަކާ ބެހޭގޮތުން ހަދަން ޖެހެނީ ގަވާއިދުތަކެއް. އެ ގަވައިދުގެ ތެރެއިން އުސޫލުތަކެއް ހެދިފައި ހުންނަން ޖެހެނީ. އެހެން ގައުމުތަކުގައި ވެސް އެކަން ކޮށްފައި އެބަހުރި. ބައެއް ގައުމުތަކުން އެބަހުރި ސަރުކާރުން ގައިޑްލައިންތަކެއް ކަނޑައަޅާފައި އެ އިންތިހާބުތައް ބާއްވަން ޖެހޭ ގޮތުގެ. ވޯޓު ކަރުދާސް އޮންނަން ވާ ގޮތް އެބަހުރޭ ބައެއް ގައުމުތަކުން ސަރުކާރުން ޔޫތު މިނިސްޓްރީން ކަނޑައަޅާފައި. އެ ގައުމުތަކުގައި އެއީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ބަަލައި އެއްގޮތަކަށް ވެސް އެ ގައުމުތަކާ މެދު ފިޔަވަޅުއަޅާތަން ވެސް ނުފެނޭ އަދި ނުވެސް އަޅާނެވެސް މެ،"
ހަސަން ވިދާޅުވީ ކުޅިވަރުގެ ގާނޫނު 2015 ވަނަ އަހަރު ވުޖޫދުވި ފަހުން މިއީ ހުށަހެޅުނު ފުރަތަމަ އިސްލާހު ކަމަށާއި މި ގާނޫނަކަށް ވެގެން ފާސްވެގެން އަންނާނީ ކުޅިވަރުގެ ހުރިހާ ފަރާތްތަކާއި އާންމުންގެ ހިޔާލު ވެސް ހޯދައިގެން ކަމަށެވެ. އަދި މިއީ ސިއްރުން ކުރާ ކަމެއް ނޫން ކަމަށާއި މި ކަމުގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން އޮންނަ ގޮތަކަށް މަޖިލީހުން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އިސްލާހުގެ ތެރެއިން ކުޅިވަރު ފަރާތްތަކުން ކަންބޮޑުވާ އިލެކްޝަން ކޮމިޝަނުން އިންތިހާބު ބޭއްވުމުގެ ބަޔަކީ ހަމައެކަނި ކުޑަ ތަންކޮޅެެއް ކަމަށާއި އޭގެ ބަދަލުގައި ދެން މި އިސްލާހުގެ ތެރޭގައި ހުރި ރަނގަޅު ކަންކަން ވެސް ފާހަގަކުރަން ޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ. އެ ގޮތުން މި އިސްލާހުން ހާސިލްވާނެ ކަންތައްތައް ހަސަން ވަނީ ފާހަަގަކުރައްވައިފަ އެވެ.
އެ ގޮތުން ހަސަން ވިދާޅުވީ ކުޅިވަރު ތެރެއިން އުފެދިފައިވާ އެކި މުއައްސަސާތަކުގެ މަސައްކަތްތައް މިހާރު ހުރީ ވަރަށް ބޮޑަށް އެއްބަޔަކު އަނެއް ބަޔަކަށް ފުށުއަރާގޮތަށެވެ. މި ގާނޫނާ އެކު އެ ފުށުއެރުންތަން ނައްތާލައި ސްޕޯޓްސް ކޯޕަރޭޝަން ފަދަ މުއްސަސާތައް ރަނގަޅަށް ހިނގައިގަންނާނެކަން ހަސަން ފާހަަގަކުރެއްވި އެވެ. ދެން އިސްލާހުތަކުން ހާސިލްވާނެ މައިގަނޑު ކަންތައްތަކެއްގެ ގޮތުގައި ހަސަން ފާހަގަކުރެއްވީ ކުޅިވަރުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓި ދައުލަތުގެ ބަޖެޓަށް ލުއިވާނެ ގޮތްތަކަށް ވިޔަފާރި އުސޫލުން ކުޅިވަރުގެ ވަސީލަތްތައް ބޭނުންކުރުމުގެ ބާރު ސްޕޯޓްސް ކޯޕަރޭޝަނަށް ދިނުމާއި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތު ގާނޫނުގައި ބަޔާންކޮށް ސްޕޯޓްސް މިނިސްޓްރީ ހިންގުން ހަރުދަނާކުރުމެވެ.