ސްޓޫޑިއޯއެއްގައި ރޭޕްކުރި މައްސަލައިގައި 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި
ސްޓޫޑިއޯއެއްގައި ރޭޕްކުރި މައްސަލައިގައި 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

މާލޭގެ އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި ޒުވާން އަންހެނަކު ރޭޕްކުރި މައްސަލަ ސާބިތުވެ، 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ޖެނުއަރީ، 2018 ގައި އުމުރުން 19 އަހަރުގެ އަންހެނަކު ރޭޕްކުރިކަން ސާބިތުވެ، ޖަލަށް ލާން ހުކުމްކޮށްފައިވަނީ ގދ. ތިނަދޫ ހުޅަނގުގޭ، ހަސަން ފާއިޒެވެ. އެ މައްސަލައިގައި އޭނާގެ އުފަން ރަށުން ހައްޔަރު ވެސް ކުރި އެވެ.

ރޭޕާއި ކުޑަކުދިންނާ ބެހުން ފަދަ ބޮޑެތި މައްސަލަތަކުގެ ހުކުމެއް ދަށު ކޯޓުތަކުން އާއްމެއް ނުކުރާނެ އެވެ. އެހެންވެ މި މައްސަލައިގެ ތަފުސީލެއް ވެސް ނުލިބެ އެވެ.

އަންހެން މީހާ ރޭޕްކޮށްލީ އޭނާގެ އާޓް ޕްރޮޖެކްޓަކަށް އެހީތެރިވާން ސްޓޫޑިއޯއަށް ގެންގޮސްފަ އެވެ. އަންހެން ކުއްޖާއާ ހަވާލާދީ މީގެ ކުރިން ބައެއް މީޑިއާތަކުގައި ލިޔެފައިވާ ގޮތުގައި ރޭޕްކުރުމަށް ފަހު، އެކަން ސިއްރު ކުރަން އޭނާ އަށް ފާއިޒު ފައިސާ ވެސް ހުށަހެޅި އެވެ. އެކަމަކު، އެކަން ގަބޫލުނުކޮށް ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅީ ކަމަށް ބުނެފައި ވެ އެވެ.

އެ ފިރިހެން މީހާ ބުނީ އަންހެން ކުއްޖާ އުޅުނީ އޭނާ އަތުން ފައިސާ ހޯދާށެވެ. އެކަމަކު ފައިސާ ނުދިނުމުން އަގުވައްޓާލަން މަސައްކަތް ކުރަނީ ކަމަށް، ފާއިޒު ތުހުމަތުކުރި އެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ރޭޕް ކުރުމަކީ ބޮޑު އަދަބު ލިބޭ ކުށެކެވެ. ރޭޕްކޮށްފި ނަމަ 15 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނަ އިރު، އެ އަމަލު ހިންގުމުގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފި ނަމަ އެ އަދަބު ބޮޑުވެ، 20 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވެ އެވެ.