ރޫޓުގެ ފޭރުން ހުއްޓުވި ގާޑުގެ އަގު ވަޒަންކޮށްފި
ރޫޓުގެ ފޭރުން ހުއްޓުވި ގާޑުގެ އަގު ވަޒަންކޮށްފި

ރޫޓް ފިހާރަ އިން ބޭންކް އޮފް ސިލޯން (ބީއޯސީ) އަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ފޭރެން އުޅުނު މީހުން ހުއްޓުވި ސެކިއުރިޓީ ގާޑަށް އަގުވަޒަންކޮށް ފުލުހުން އިއްޔެ ސެޓްފިކެޓެއް ދީފި އެވެ.

މިދިޔަ މަހުގެ 25 ގައި ބީއޯސީއަށް ޖަމާކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ފޭރެން އުޅުނީ ހެލްމެޓް އަޅައިގެން، ދެ ސައިކަލެއްގައި ގޮސް މަގުމައްޗަށް މަޑުކުރި ހަތަރު މީހެކެވެ. އެކަން ނާކާމިޔާބުވީ އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަންގެ ސެކިއުރިޓީ ގާޑު އަހުމަދު ހަސަން މަނިކުގެ ހުށިޔާރު ކަމުންނެވެ.

އެކަމަށްޓަކައި އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ހަސަން މަނިކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ.

ލިޔުން ހަވާލު ކޮށް ދެއްވުމަށް ފަހު، ނަވީން ވަނީ ހަސަން މަނިކުގެ ޖެހިލުން ކުޑަކަމާއި ހިތްވަރު ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދިވެހިންގެ ތެރޭގައި މަދުން ނަމަވެސް އެ ކަހަލަ ކަންކަން ހުއްޓުވަން މަސައްކަތްކުރާ މީހުން އުޅޭ ކަމަށެވެ. ބޮޑެތި ހާދިސާތަކުގައި ފުލުހުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން އަދި ރޫޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ނަވީން ވިދާޅުވި އެވެ.

ހަސަން މަނިކުގެ އަގުވަޒަންކޮށް ރޫޓުން ވަނީ އޭނާއަށް 50،000ރ. ވެސް ދީފަ އެވެ. އެ ފިހާރައިގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރޫޓުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ހަސަން މަނިކު ނެތް ނަމަ، އެ ކުންފުނިން ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލުނީސް ކަމަށެވެ.

ފޭރެން ހުއްޓުވުމުގައި އެހީވި ރޫޓް ފިހާރައިގެން ތިން މުވައްޒަފަކަށް ވެސް އެ ކުންފުނިން 10،000ރ. ދީފައި ވެ އެވެ. އެއީ، ފޭރެން އައި މީހެއްގެ ލޮލަށް ބޮޑީ ސްޕްރޭ ޖެހި މަރިޔަމް ޖީލާއާއި އެ ކުންފުނީގެ ޑްރައިވަރު ބާދުޝާހު އަދި ލޭބަރެއްގެ ގޮތުގައި މަސައްކަތްކުރާ ޖަލާލުއްދީނެވެ.

ރޫޓުގެ ފޭރުމާ ގުޅިގެން މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ވަނަވަރު ވެސް ފުލުހުން ހާމަކޮށްފައި ވެ އެވެ. މި އެންމެން ވެސް ހައްޔަރު ކުރީ އެކި ދުވަސް މަތިން ފުލުހުން ހިންގި އޮޕަރޭޝަންތަކުގަ އެވެ.