ސިދުރަތުﷲގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލައިފި
ސިދުރަތުﷲގެ ހަށިގަނޑު ރާއްޖެ ގެނެސް ވަޅުލައިފި

އައިޖީއެމްއެޗާ ދިމާ ބޭރުން މޫދުގައި މަރުވެފައި އޮއްވައި ފެނުނު މުހައްމަދު ސިދުރަތުﷲގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދު ރާއްޖެ ގެނެސް ވަޅުލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖުން ޕޯސްޓްމޯޓަމް ނިންމައި ސިދުރަތުﷲ 31، ގެ ހަށިގަނޑު މިއަދު ރާއްޖެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއާއެކު، މިރޭގެ އިޝާ ނަމާދަށް ފަހު އޭނާގެ ހަށިގަނޑު ވަނީ ވަޅުލައިފަ އެވެ.

ސިދުރަތުﷲ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. މޯޗަރީގައި ބޭއްވުމަށް ފަހު، ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ގެންދިޔައީ މިދިޔަ ހޯމަ ދުވަހު އެވެ.

އޮފިޝަލް ވިދާޅުވީ ޕޯސްޓްމޯޓަމްގެ ނަތީޖާ ލިބޭނެ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސިދުރަތުﷲގެ ޕޯސްޓްމޯޓަމް ހަދައި، މަރު ތަހުގީގު ކުރުމަށް އޭނާގެ އާއިލާ ދެކޮޅެވެ. އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް އެދި ފުލުހުންނަށް މީގެ ކުރިން ސިޓީއެއް ވެސް ފޮނުވި އެވެ. އެކަމަކު ފުލުހުން ބުނީ އާއިލާ އިން އެހެން އެދުނަސް ފުލުހުންގެ ނިންމުމަށް ބަދަލެއް ނާންނަ ކަމަށާއި ޕޯސްޓްމޯޓަމަށް ހަށިގަނޑު ބާއްވާފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ފުލުހުން އާއްމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ، އެ މަހުގެ 22، ވަނަ ދުވަހުގެ ހެނދުނު 9:00-12:00 އާ ދެމެދު ރަސްފަންނު ދިމާލުން މޫދަށް ދިމާލަށް ދަނިކޮށެވެ.