ނޭވާޑާގެ ވޯޓު: ރައީސް ކަމަށް ބައިޑަން އަށް އޮތް އުއްމީދު
ނޭވާޑާގެ ވޯޓު: ރައީސް ކަމަށް ބައިޑަން އަށް އޮތް އުއްމީދު

ނެވާޑާ (ނޮވެމްބަރު 5) - އެމެރިކާގެ ރައީސްކަމުގެ މަގާމަށް ޖޯ ބައިޑަން ވަޑައިގަތުމަށް ފުރުސަތު އޮތް އެއް މަގަކީ ނެވާޑާ ސްޓޭޓުގެ ވޯޓު ކާމިޔާބު ކުރައްވައި އެ ސްޓޭޓުގެ ހަ އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދެވުމެވެ.

އޭއެފްޕީ ނިއުސް އެޖެންސީގެ އަންދާޒާތައް ދައްކާ ގޮތުން ބައިޑަން މިހާރު ވަނީ 264 އިލެކްޓޯރަލް ވޯޓު ހޯއްދަވައިފަ އެވެ. ނެވާޑާގެ ހަ އިލެކްޓޯރަލް ވޯޓާ އެކު ރައީސް ކަމަށް ވަޑައިގަތުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓް ބައިޑަން އަށް ލިބިވަޑައިގަންނަވާނެ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 214 އިލެކްޓޯރަލް ވޯޓެވެ. ނެވާޑާ ފިޔަވައި އެހެން ހުރިހާ ސްޓޭޓެއް ޓްރަމްޕް ކާމިޔާބު ކުރެއްވި ނަމަވެސް ބައިޑަންއާ ހަމައެއް ނުކުރެއްވޭނެ އެވެ.

ވިސްކޮންސިން އާއި މިޝިގަން އަދި ޕެންސިލްވޭނިއާގެ ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕުގެ ފަރާތުން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލަތައް ކުރިއަށްދާނެ ގޮތެއް އަދި ނޭނގެ އެވެ. އެމެރިކާގެ ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިސްކޮންސިން އާއި މިޝިގަންގެ ވޯޓު ވަނީ ބައިޑަން ކާމިޔާބު ކުރައްވައިފަ އެވެ. ޕެންސިލްވޭނިއާ އިން މިހާތަނަށް ގުނި ވޯޓުން ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ.

ނެވާޑާގެ އެޓާނީ ޖެނެރަލް އާރޮން ފޯޑް ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހެޅުމުން ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ. ސަބަބަކީ އެ ސްޓޭޓުގެ ވޯޓިން ސިސްޓަމް ވަނީ ގާނޫނީ ގޮތުން މައްސަލައެއް ޖެއްސޭ ވަރަށް ވުރެ މާފުރިހަމަކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. ބީބީސީއާ ވާހަކަ ދައްކަވަމުން ފޯޑް ވިދާޅުވީ ސްޓޭޓުން އިންތިޚާބުގެ ހުރިހާ ކަމެއް ގެންގޮސްފައި ވަނީ ދެފުށްފެންނަ ގޮތަށް އިންސާފުވެރިކޮށް ކަމަށެވެ.

ވޯޓު އިއުލާންކުރުން ލަސްވަމުން ދަނީ އޭނާ ވިދާޅުވި ގޮތުގައި، ޕޯސްޓަލް ވޯޓިން ވެރިފިކޭޝަން ޔަގީން ކުރުމަށް ކަމަށެވެ. ނެވާޑާގެ ވޯޓުގެ ނަތީޖާ މިރޭގެ ވަގުތެއްގައި ލިބޭނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރެ އެވެ. ވޭތުވެދިޔަ ތިން އިންތިޚާބުގައި ވެސް ނެވާޑާގެ ވޯޓު ކާމިޔާބުކޮށްފައި ވަނީ ޑިމޮކްރެޓިކް ޕާޓީންނެވެ.