05 ނޮވެމްބަރ 2020 - 16:05

ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އަނެއްކާ ވެސް އިތުރުކޮށްފި އެވެ. މިއީ މި މުއްދަތު އިތުރުކުރި ނުވަ ވަނަ ފަހަރެވެ.
ހެލްތު ޕްރޮޓެެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިއުލާނުގައި ބުނީ ރާއްޖޭގައި އަދިވެސް ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރު އޮތުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި މުއްދަތު އިތުރުކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވާފައިވާ ކަމަށެވެ. މައިމޫނާގެ ލަފައާ އެއްގޮތަށް މި މުއްދަތު އިތުރުކުރެއްވީ ހެލްތު މިނިސްޓަރުކަމުގެ މަގާމަށް މިދިޔަ މަހު އައްޔަނުކުރެއްވި އަހުމަދު ނަސީމެވެ.
މިދިޔަ މަހު އިތުރުކޮށްފައިވާ މުއްދަތު މިރޭގެ 12:00 އަށް ހަމަވާނެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ފުރަތަމަ ފަހަރަށް އިއުލާންކުރީ ކޮވިޑުގެ ކޭހެއް ރާއްޖެއިން ފެނުމުން، މިދިޔަ މާޗު މަހު އޭރު ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި މިހާރު މި ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. ކޮވިޑްގެ އަދަދުތައް ދަށްވާން ފެށުމުން، ބަލި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ކޮވިޑް ފެތުރިފައިވާ ރަށަކުން ބަލި ނެތް ރަށަކަށް ދާ ނަމަ އެކަމަށް ހާއްސަ ހުއްދައެއް ހޯދުމާއި ކަރަންޓީނުވުން ފަދަ ރައްކާތެރިކަމުގެ އުސޫލުތަކަށް އަމަލުކުރަން ލާޒިމެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 11،822 މީހުންނެވެ. މީގެ ތެރެއިން މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 793 މީހުންނެވެ. ކޮވިޑް ޖެހިގެން 38 މީހަކު ރާއްޖޭގައި މަރުވެފައިވެ އެވެ.