01 ނޮވެމްބަރ 2016 - 15:31

ބިއުނަސް އޭރީޒް (ނޮވެމްބަރު 1) - ކޮރަޕްޝަނުގެ މައްސަލައެއްގެ ތަހުގީގުގައި އާޖެންޓީނާގެ ކުރީގެ ރައީސް ފެނާންޑޭޒް ޑި ކާޗާ އިއްޔެ ކޯޓަށް ހާޒިރުކޮށްފި އެވެ.
ފެނާންޑޭޒްގެ ވެރިކަމުގައި އާއިލާއާ ގުޅުން ހުރި ކުންފުންޏަކަށް ސަރުކާރުގެ ކޮންޓްރެކްޓަކެއް ދިން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މި މައްސަލާގައި ކޯޓަށް ހާޒިރު ކުރުމުން ފެނާންޑޭޒް ވަނީ މައްސަލަ ބާތިލް ކުރުމަށް ފަނޑިޔާރުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އޭނާއާ ދެކޮޅަށް ދައުވާ ކުރަނީ ސަރުކާރުގެ ނުކުޅެދުންތެރިކަން ފޫބެއްދުމަށް ކަމަށް ވަނީ ވިދާޅުވެފަ އެވެ. މިހާރުގެ ރައީސް މައުރީސިއޯ މަކްރީ އޭނާއާ ދެކޮޅަށް ރޭވުމެއް ރާވާފައިވާ ކަމަށް ވެސް ފެނާންޑޭޒް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
"މަކްރީގެ ސަރުކާރު ހީވަނީ ޓެރަރިސްޓް ޖަމާއަތެއްހެން. އަޅުގަނޑާ ދެކޮޅަށް އުފުލާފައިވާ މައްސަލަ އަކީ ސަރުކާރުގެ އިޖްތިމާއީ އަދި އިގްތިސާދީ ސިޔާސަތު ފޭލްވުމުން އެކަން ފޮރުވުމަށް ކުރާ ކަންތައް،" ފެނާންޑޭޒް ވިދާޅުވި އެވެ.
ފެނާންޑޭޒް ވަނީ ހެކީގެ ގޮތުގެ ބަޖެޓުގެ ހިސާބުތައް ކޯޓަށް ހުށަހަޅައިފަ އެވެ. އެކަމަނާ ވިދާޅުވީ ބަޖެޓުގެ ހުރިހާ ކަމެއް ކޮށްފައި ވަނީ ޕާލަމެންޓުގެ ކޮމިޓީތަކާއި އޮޑިޓަ ޖެނެރަލްގެ ހުއްދަ ލިބިގެން ކަމަށެވެ.
ފެނާންޑޭޒް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި ބްރެޒިލްގެ ކުރީގެ ރައީސް ލޫލާ ޑަ ސިލްވާގެ މައްޗަށް އުފުލާފައިވާ ދައުވާ އެއްގޮތް ކަމަށް ވިދާޅުވެފަ އެވެ. ލޫލާގެ މައްޗަށް ވެސް ވަނީ ސަރުކާރުގެ ޕްރޮޖެކްޓަކެއް ގާތް ބައެއް ކުންފުނިތަކަށް ހަވާލުކޮށްގެން ނާޖާއިޒް ފައިދާތައް ނަންގަވާފައިވާ ކަމަށް ތުހުމަތުކޮށް ދައުވާ އުފުލައިފަ އެވެ. ލޫލާ ވެސް ވިދާޅުވެފައި ވަނީ އެއީ ސިޔާސީ ދައުވާތަކެއް ކަމަށެވެ.
ފެނާންޑޭޒް ކޯޓަށް ހާޒިރު ކުރުމުން އޭނާ އަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ ކޯޓު ބޭރަށް އެއްވެފަ އެވެ.