އެމެރިކާ އިންތިޚާބު: މި ފަހަރު ވެސް ނަތީޖާ ކޯޓުންބާ!
އެމެރިކާ އިންތިޚާބު: މި ފަހަރު ވެސް ނަތީޖާ ކޯޓުންބާ!

ވޮޝިންޓަން (ނޮވެމްބަރު 5) - މަންޒަރުތައް މިހާރު ފެންނަ ގޮތުން އެމެރިކާގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ބައެއް ކަންކަން ކޯޓާ ހަމައިން ނިންމަން ޖެހިދާނެ އެވެ.

ބައެއް ސްޓޭޓްތަކުގެ ވޯޓު ގުނުން ހުއްޓުވަން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވެސް ވަނީ އިއުލާން ކުރައްވައިފަ އެވެ. ޓްރަމްޕުގެ ކެމްޕޭނުން ވަނީ ވިސްކޮންސިން، މިޝިގަން އަދި ޕެންސިލްވޭނިއާގެ ވޯޓު އަލުން ގުނުމަށް ޑިމާންޑްކޮށްފަ އެވެ. އެންމެ ފަހުގެ ނަތީޖާ އަށް އަސަރު ކުރާނެ ކަމަށް ބެލެވޭ ވިސްކޮންސިން އާއި މިޝިގަންގެ ވޯޓު ވަނީ ޖޯ ބައިޑަން ކާމިޔާބު ކުރައްވައިފަ އެވެ. މިހާރު އޮތް ގޮތުން ޕެންސިލްވޭނިއާގެ ނަތީޖާ ބުރަވަނީ ޓްރަމްޕް ކޮޅަށެވެ.

ޓްރަމްޕުގެ ކެމްޕޭނުން ކޯޓަށް ދާން ނިންމުމާ އެކު 2000 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާގެ މަތިން ގިނަ ބަޔަކަށް ހަނދާން އާވާނެ އެވެ. އޭރުގެ ރިޕަބްލިކަން ކެންޑިޑޭޓް ޖޯޖް ޑަބްލިއު. ބުޝް އާއި ޑިމޮކްރެޓިކް ކެންޑިޑޭޓް އަލް ގޯގެ ވާދަވެރި އިންތިޚާބުގައި ފްލޮރިޑާގެ ވޯޓާ މެދު އުފެދުނު ޚިޔާލުތަފާތުވުންތައް ނިންމަން ޖެހުނީ ސުޕްރީމް ކޯޓުންނެވެ. އެ ސްޓޭޓުގެ ވޯޓު އަލުން ގުނުން ކޯޓުން ހުއްޓުވުމާ އެކު 537 ވޯޓުގެ ތަފާތުން ބުޝް އަށް ކުރި ލިބި ފްލޮރިޑާގެ އިލެކްޓޯރަލް ކޮލެޖް ވޯޓާ އެކު ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވުނީ އެވެ.

ޕޯސްޓް މެދުވެރިކޮށާއި، އިންތިހާބުގެ ކުރިން ވޯޓު ލާން ލިބުނު ފުރުސަތުގައި ގާތްގަނޑަކަށް 100 މިލިއަން މީހުން ވޯޓު ލި އިންތިހާބުގެ ވާދަވެރި ބައެއް ސްޓޭޓްތަކުގެ ނަތީޖާ ލަސްވީ، އެ ވޯޓުތައް ގުނަން ވެސް އިތުރު ވަގުތު ނެގުމުންނެވެ. ޕޯސްޓް މެދުވެރިކޮށް ވޯޓު ލީ މީހުންގެ ވޯޓު އެކި ސެންޓަރުތަކަށް އުފުލުމުގައި، ކޮރޯނާވައިރަސްގެ ސަބަބުން ދަތުރުފަތުރަށް އައި ހުއްޓުމުގައި ބޮޑެތި ލަސްތަކެއް އަ އެވެ. އެހެންކަމުން އިންތިހާބުގެ ދުވަސް ކަަމަށްވާ ނޮވެމްބަރު 3 ގެ ފަހުން ވެސް ވޯޓު ގުނުމުގެ ހުއްދަ ބައެއް ސްޓޭޓްތަކުގެ ކޯޓުތަކުން އޮތީ ދީފަ އެވެ. ޓްރަމްޕުގެ ކެމްޕޭން ޓީމުން މަސައްކަތް ކުރަނީ ކޯޓު މެދުވެރިކޮށް އެ ފުރުސަތު ބަންދު ކުރުމަށެވެ. ރިޕަބްލިކަން ޕާޓީން ބުނެފައި ވަނީ ޕޯސްޓަލް ވޯޓިންގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ޑިމޮކްރެޓިކް ޕާޓީ އަށް ފަހިވާ ގޮތަށް ކަމަށެވެ.

ޕެންސިލްވޭނިއާގައި ނޮވެމްބަރު 3 ގެ ފަހުން ވެސް ލިބޭ ވޯޓުތައް ގަބޫލް ކުރަން ނިންމުމާ ދެކޮޅަށް ރިޕަބްލިކަން ޕާޓީން މިހާރު ވެސް ވަނީ ކޯޓަށް ގޮހެވެ. އެކަން ކާމިޔާބުކޮށްފި ނަމަ ޕެންސިލްވޭނިއާ އިން އެތައް ހާސް ވޯޓެއް ޑިސްކޮލިފައިވާނެ އެވެ. ނަމަވެސް ޕެންސިލްވޭނިއާގެ ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ނިންމާފައި ވަނީ ނޮވެމްބަރު 3 ގެ ފަހުން ލިބޭ ވޯޓު ވެސް ގުނުން ހުއްދަ ކަމަށެވެ. އަދި އެމެރިކާގެ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ ތެރެއަށް ވަނުމަށް ދެކޮޅު ހަދައިފަ އެވެ.

ޓްރަމްޕުގެ ކޭމްޕުން މިހާރު ވަނީ ޕެންސިލްވޭނިއާގެ ވޯޓު ގުނުން ހުއްޓުވަން ކޯޓަށް ގޮހެވެ. ތުހުމަތުކޮށްފައި ވަނީ ޑިމޮކްރެޓިކުން ސިއްރުން ކަންކަން ކުރާ ކަމަށެވެ. ނަމަވެސް ފިލެޑެލްފިއާގެ ވޯޓު ގުނުން ވަނީ ލައިވް-ސްޓްރީމް ކޮށްފަ އެވެ.

ތަޖްރިބާކާރުން ބުނަނީ ސްޓޭޓްތަކުގެ ވޯޓުގެ މައްސަލަތަކުގެ ތެރެއަށް ކޯޓުން ވަންނާނީ ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގު ވަރަށް ކުޑަ ނަމަ ވެ.