ބީއެމްއެލުން ރަހުނަކާ ނުލައި 500،000ރ.އާ ހަމައަށް ގްރީން ލޯނު ދޫކުރަނީ
ބީއެމްއެލުން ރަހުނަކާ ނުލައި 500،000ރ.އާ ހަމައަށް ގްރީން ލޯނު ދޫކުރަނީ

އިޔާދަކުރަނިވި ހަކަތައަށް އަމާޒުކޮށްގެން ހިންގާ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ބީއެމްއެލުން ގްރީން ލޯންގެ ނަމުގައި ދެ ލޯނެއް ތައާރަފުކޮށްފި އެވެ.

ރަހުނަކާ ނުލައި ދޫކުރާ މި ލޯނުތަކުގެ ތެރެއިން އެއް ލޯނުގެ އެންމެ ބޮޑު އަދަދަކީ، ގައުމީ ބޭންކުން ބުނި ގޮތުގައި، 500،000ރ. އެވެ.

ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 50،000ރ. އިން ފެށިގެން 500،000ރ.އާ ހަމައަށް ލޯނަށް އެދެވޭނެ އެވެ. މި ލޯނު އަނބުރާ ދައްކަން ފަސް އަހަރުގެ މުއްދަތެއް ލިބެ އެވެ.

ގްރީން ލޯނުގެ މި ބައިގެ އިންޓަރެސްޓް ރޭޓަކީ 12 ޕަސެންޓެވެ. އެކަމަކު މިއީ، ބީއެމްއެލުން ބުނި ގޮތުގައި، ރަހުނަކާ ނުލައި ދޫކުރާ އެހެން ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެކެވެ.

ބީއެމްއެލުން ދެން ތައާރަފުކުރީ އިއާދަކުރަނިވި ހަކަތައަށް އަމާޒުކޮށްގެން ހިންގާ ބޮޑެތި ޕްރޮޖެކްޓަށް އަމާޒުކުރި ލޯނު ސްކީމެކެވެ. މި ލޯނުގެ އެންމެ މަތީ އަދަދަކީ 20 މިލިއަން ރުފިޔާ އެ އެވެ. ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ލިބޭ އިރު އިންޓަރެސްޓް އުޅެނީ 10 ޕަސެންޓްގަ އެވެ.

ގްރީން ލޯނުގެ މި ސްކީމަށް ހުށައަޅާ ފަރާތްތަކުން، އެ މަޝްރޫއުއެއްގެ 15 ޕަސެންޓް އަމިއްލައަށް ހޭދަކުރަން ޖެހެ އެވެ.

ގްރީން ލޯން ދޫކުރަނީ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އަވިން ހަކަތަ އުފައްދަން ނުވަތަ އެނާޖީ އެފިޝަންޓް މުދާ ގަތުމަށާއި އެފަދަ ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރުމަށެވެ.

ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިން ޑައިރެކްޓަރު މޫސާ ނިމާލް ވިދާޅުވީ މި ބަދަލާ އެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އާ ފުރުސަތެއް ހުޅުވޭނެ ކަމަށެވެ.

"ރަހުނަކާ ނުލައި ގްރީން ލޯނު ދޫކުރެވޭ ގޮތަށް މި ގެނެވުނު ބަދަލުތަކާ އެކު އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. މި ގެނެވުނު ބަދަލުތަކާ އެކު އިޔާދަކުރަނިވި ހަކަތައިގެ މާކެޓުގައި ހިމެނޭ ވިޔަފާރިތަކަށް ވެސް އިތުރު ހިތްވަރެއް ލިބިގެންދާނެ،" ނިމާލް ވިދާޅުވި އެވެ.