05 ނޮވެމްބަރ 2020 - 11:56

އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ ތޫމް ރެސްޓޯރަންޓުގެ ބޭރުން ޖަހާ ފިލާ ބިތްގަނޑު، ދެ މީހަކު ވެގެން ވަގަށް ނަގައިގެން ގެންގޮސްފި އެވެ.
ފުލުހުން މިއަދު އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ދުވާލުގެ ވަގުތެއްގައި އެ ވައްކަން ކުރީ މާސްކު އަޅައިގެން، ބެކްޕެކް ހިފައިގެން ތިބި ދެ މީހެކެވެ. ފުލުހުން ބުނީ މިއީ މިއީ ތޫމް ރެސްޓޯރަންޓުން ފިލާތަކެއް ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ފިލާތަކަކީ ރެސްޓޯރަންޓް ވިޔަފާރި އަށް ބަންދު ވަގުތުގައި ބޭރު ޖަހާފައި ހުންނަ ބިތްގަނޑެވެ. އަދި އެ ފިލާތައް ވަގަށް ގެންދިޔައީ ރެސްޓޯރަންޓް ހުޅުވައިގެން ހިދުމަތް ވެސް ދެމުން ދިޔަ ވަގުތެއްގަ އެވެ.
ބޮޑުތަކުރުފާނާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ހުންނަ، އަރަބި ކާނާ އަށް ހާއްސަ މި ރެސްޓޯރަންޓުން ވައްކަންކުރި މީހުން ފެންނަ ވީޑިއޯގައި، ބޮޑުތަކުރުފާނު މަގުން ދިޔަ ޕިޕަކެއް ހުއްޓުވައި، ދެ ވަގުން ޑްރައިވަރާ ވާހަކަ ދައްކަނިކޮށް ފެނެ އެވެ. ބެލެވޭ ގޮތުގައި އެއީ ވަގަށް ނެގި ތަކެތި ގެންދަން ޕިކަޕަށް އަރުވަން ވެގެންނެވެ. އެކަމަކު ވީޑިއޯ އިން އެ މަންޒަރެއް ނުފެނެ އެވެ.
ފުލުހުން ބުނީ ތޫމް އިން ފިލާތަކެއް ނެގި މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި މި މައްސަލައިގައި ވީޑިއޯ އިން ފެންނަ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ 9631696 ގުޅައި އެ ކަން ފުލުހުންނަށް ހިއްސާކުރަން ވަނީ އެދިފަ އެވެ.